ރަސޫލުﷲ ﷺ ގެ ދަރިކަލުން ޢަބުދުﷲ ވަރަށް ތުއްޕުޅު އުމުރުގައި އަވަހާރަވިއެވެ. ލިބިވަޑައިގެންނެވި މިބޮޑު ހިތާމަފުޅުގައިވަނިކޮށް އެކަލޭގެފާނުގެ އަވަށްޓެރިޔާ އަދި ބޮޑުބޭބޭކަލުން އަބޫ ލަހަބު އެކަލޭގެފާނަށް ފުރައްސާރަކުރިއެވެ. މުޙައްމަދުގެ ފިރިހެން ދަރިއަކުނެތޭ އޭނާގެ ދަރިކޮޅެއް ނަސަބެއްނެތޭ ގޮވައި އަބޫ ލަހަބު ހަޅޭއްލިއެވެ. ރަސޫލުﷲ ﷺ ގެ ހިތްޕުޅުގައި ޖެހުނުލެއްބޮޑުކަމުން އެކަލޭގެފާނަށް ކީރިތި ކުރެއްވުނެވެ. އެހިނދު ﷲ ކައުޘަރު ސޫރަތް ބާވައިލައްވައި ދުވަހަކުވެސް މީހަކަށް ނުދެއްވާވަރަށް ގިނައިން ބޯކޮށް އެކަލޭގެފާނަށް ދެއްވިކަމަށް އެންގެވިއެވެ. މިފަދަ ކޮންމެ މިސާލަކުން އެނގި ހާމަވަނީ ﷲ އެކަލާނގެ ނަބިއްޔާ ﷺ އަށް ދެއްވި ލޯތްބާއި އިޙުތިރާމެވެ.
އަބޫ ލަހަބުގެ ޢަދާވާތްތެރިކަން އިންތިހާއަށް ދިއުމުން ﷲ އެކަލާނގެ ރަސޫލާ ﷺ މާތްކުރެއްވީ އަބޫ ލަހަބު ނަރަކަވެރިއަކަށް ހައްދަވައިގެންނެވެ. މަސަދު ސޫރަތުން ﷲ އިޢުލާންކުރެއްވީ އަބޫ ލަހަބާއި އޭނާގެ އަނބިމީހާ ވަނީ ނަރަކައިގައިކަމުގައެވެ. އަބޫ ލަހަބު މަރުވީ މިސޫރަތް ބާވައިލެއްވިތާ ގާތްގަނޑަކަށް ދިހަ އަހަރު ފަހުންނެވެ. އެހެންކަމުން ދިހަ އަހަރު އޭނާ ދުނިޔޭގައި ލެއްވީ ނަރަކަވަންތަވެރިކަމުގެ ސިއްކަ އޭނާގެ މޫނުގައި ޖައްސަވާފައެވެ. މިކަމުގެ ޙިކުމަތަކީ ރަސޫލު ﷲ ﷺ ގެ ދަރަޖަ އުފުއްލެވުމެވެ. އަދި އެކަލެގެފާނަށް މާތްކޮށް ނުހިތާ މީހުންނަށް ހުރި ޢަޒާބު އެންގެވުމެވެ.
އެއްފަހަރަކު ރަސޫލުﷲ ﷺ އަށް ވަހީއައުން މެދުކެނޑުނެވެ. މައްކާގެ މުޝްރިކުންނަށް މިކަން އެނގުމުން އެމީހުން އެކަލޭގެފާނަށް ފުރައްސާރަކޮށް މަލާމާތްކުރިއެވެ. އެކަލޭގެފާނުގެ ކަލާނގެ އެކަލޭގެފާނު ދޫކުރައްވައިފިކަމަށް ބުނެ މުޝްރިކުން އެތިވަރުތައް ގޮވަންފެއްޓިއެވެ. އިސާހިތަކު ﷲ ޟުޙާ ސޫރަތް ބާވައިލެއްވިއެވެ. މިސޫރަތުން ﷲ އެކަލޭގެފާނަށް ދެއްވީ އުއްމީދާއި ޔަގީންކަމާއި އުފާވެރިކަމެވެ. އެކަލޭގެފާނުގެ މަތިވެރިކަމާއި އެކަލޭގެފާނަށް ހުރި ދަރަޖައާއި މޮޅުކަމުގެ ވާހަކަ މިސޫރަތުގައި ﷲ ބަޔާންކުރެއްވިއެވެ. މިކަމުން އެނގެނީ ﷲ ގެ ޙަޟުރަތުގައި ރަސޫލުﷲ ﷺ ގެ ޚާއްޞަ މަގާމާއި ދަރަޖައެވެ. އެކަލޭގެފާނުގެ ލޮބުވެތިކަމުގެ ބޮޑުކަމެވެ.
މުސްލިމުންގެ ފުރަތަމަ ޤިބުލައަކީ މަސްޖުދުލް ޢަޤުޞާއެވެ. ރަސޫލުﷲ ﷺ މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު ޤިބުލައަށް ކުރިމަތިލެއްވުމުން އެކަލޭގެފާނަށް ފުރަގަސްފުޅަށްވީ ކަޢުބަތުﷲ އެވެ. މަސްޖިދުލްޙަރަމްއަކީ އެކަލޭގެފާނުގެ އަދި ރަސޫލުންގެ ބަފައިކަލުން އިބުރާހީމްގެފާނު، ﷲ ގެ އަމުރުފުޅަށް ބިނާކުރެއްވި ފުރަތަމަ މިސްކިތެވެ. ގެފުޅަށް ފުރަގަސްދެއްވަން ޖެހިވަޑައިގަތުމުގެ ހިތާމައިގައި އެއްދުވަހު ރަސޫލުﷲ ﷺ އިސްއުފުއްލަވައި އުޑަށް ބެއްލެވިއެވެ. މިކަމާގުޅިގެން ﷲ އެކަލާނގެ ރަސޫލާގެ ހިތްޕުޅު ހަމަޖެއްސެވުމަށްޓަކައި ކަޢުބަތުﷲ އަށް ގިބުލަބަދަލުކުރެއްވިކަން ބަޤަރާ ސޫރަތުގެ 144 ވަނަ އާޔަތުން ﷲ އެންގެވިއެވެ. ރަސޫލުﷲ ﷺ ގެ ހިތާމަފުޅު ފިއްލަވައި އެކަލޭގެފާނަށް އުފާވެރިކަން ގެނެސްދެއްވުމަށްޓަކައި ﷲ ގިބުލަ ބަދަލުކުރެއްވުމުން އެނގެނީ އެކަލޭގެފާނުގެ މަތިވެރި ދަރަޖައެވެ. އެކަލޭގެފާނަށް ﷲ ލޯބިވެވޮޑިގަތް މިންވަރު މިކަމުން އެކަނި ކަށަވަރުވެއެވެ.
-ނުނިމޭ






