ރަސޫލުﷲ ﷺ އަރިހަށް އައިސް އެކަލޭގެފާނު ދައްކަވާ ވާހަކަ އަހަން މީހުންތިބެއެވެ. އެގޮތަށް ތިބޭ މީހުންގެތެރެއިން ބައެއް މީހުން އެކަލޭގެފާނު ދައްކަވާ ވާހަކަފުޅު ކަނުލާ ނާހައެވެ. އެކަމަކު އެމީހުން ތިބެނީ އެކަލޭގެފާނު ދައްކަވާ ވާހަކަ ކަނުލާ އަހާކަމަށް ހެދިގެންނެވެ. އެފަދަ މީހުންނަށް ﷲ އިންޒާރުގެ ބަސްފުޅު އަމާޒުވިއެވެ. އެގޮތުން މުޙައްމަދު ސޫރަތުގެ 16 ވަނަ އާޔަތް ފާހަގަކޮށްލެވެއެވެ. ﷲ އަންގަވަނީ އެފަދަ މީހުންނަކީ އެމީހުންގެ ހިތްތަކުގައި ﷲ ސިއްކަޖައްސަވާފައިވާ މީހުންކަމުގައެވެ. އަނެއްކޮޅުން އެކަލޭގެފާނުގެ ވާހަކަފުޅު ކަނުލާ އަހާ މީހުންނަކީ ﷲ ތެދުމަގު ދައްކަވައި ތެދުމަގު އިތުރުކުރެއްވި މީހުންކަމުގައެވެ. މިފަދަ އެތައް މިސާލަކުން ކަށަވަރުވާކަމަކީ ރަސޫލުﷲ ﷺ ގެ މަތިވެރިކަމާއި މާތްކަމެވެ.
ﷲ އެމީހެއްދެކެ ލޯބިވެވޮޑިގަތުމަކީ ކޮންމެ މުސްލިމަކުވެސް އެކަމަށް އެންމެ އެދޭނެކަމެވެ. މިކަން ބޭނުން މީހާ ޖެހެނީ ރަސޫލުﷲ ﷺ އަށް ތަބާވާށެވެ. އެކަލޭގެފާނަށް ތަބާވުމުން ﷲ އެމީހަކު ދެކެ ލޯބިވެވޮޑިގަތުމާއެކު އެމީހެއްގެ ފާފަ ފުއްސަވައެވެ. ހަމައެގޮތަށް ﷲ އަށް ލޯބިވުމަށް އެދޭ މީހާވެސް ފުރަތަމަ ކުރަންޖެހޭ ކަމަކީ ރަސޫލުﷲ ﷺ އަށް ތަބާވުމެވެ. މިކަމާގުޅޭގޮތުން ﷲ އެކަލާނގެ ރަސޫލާއަށް ﷺ ބާވައި ލެއްވީ ސޫރަތުލް އާލުޢިމްރާނުގެ 31 ވަނަ އާޔަތެވެ. މިއިން އަޅުގަނޑުމެން ކަށަވަރުވަނީ ރަސޫލުﷲ ﷺ ގެ މާތްކަމާއި މަތިވެރިކަމެވެ. އެކަލޭގެފާނުގެ މާތްކަން ދަލީލުކޮށްދޭ މިފަދަ ކިތަންމެ އާޔަތެއް ކީރިތި ޤުރްއާނުގައިވެއެވެ.
ރަސޫލުﷲ ﷺ ގެ މާތްކަމާމެދު ބަލާއިރު އެކަލޭގެފާނު މީސްތަކުންނަށް ފޮނުއްވުންވެސް ފާހަގަކުރެވެއެވެ. ﷲ އަންގަވާފައިވާގޮތުގައި މޫމިނުންގެގާތަށް ރަސޫލުﷲ ﷺ ފޮނުއްވުމަކީ ﷲ މޫމިނުންނަށް ދެއްވާފައިވާ ބޮޑުވެގެންވާ ދަރުމައެކެވެ. މިކަން ﷲ އަންގަވަނީ އާލުޢިމްރާން ސޫރަތުގެ 164 ވަނަ އާޔަތުގައެވެ. މިދަރުމައިގެ ސަބަބުން އެކަލޭގެފާނު އެމީހުންނަށް ރިސާލަތު އިއްވަވައި އެމީހުން ޠޯހިރުކުރައްވައި އެމީހުންނަށް ފޮތާއި ޙިކުމަތް އުނގަންނައިދެއްވިއެވެ. މިކަމުން އެނގެނީ ﷲ ގެ ޙަޟުރަތުގައި އެކަލޭގެފާނުގެ މާތްކަމާއި މަތިވެރިކަމެވެ. އެހެންކަމުން އަޅުގަނޑުމެން މުސްލިމުން ކުރަންޖެހޭ އެންމެބޮޑު ކަމަކީ އެކަލޭގެފާނަށް އެންމެފުރިހަމަ މާނައިގައި ލޯބިދިނުމެވެ.
ރަސޫލުﷲ ﷺ ގެ މާތްކަން ބަޔާންކުރައްވަމުން ﷲ އަންގަވަނީ ޢަރަބީންގެ ހެވާއި ލާބައާއި މަންފާއަށްޓަކައި ﷲ އެކަލާނގެ ރަސޫލާ ﷺ ޢަރަބީންގެގާތަށް ފޮނުއްވިވާހަކައެވެ. މިކަން ބަޤަރާ ސޫރަތުގެ 151 ވަނަ އާޔަތުން އެނގެއެވެ. ޖެހިގެން އޮތް އާޔަތުގައި ﷲ އަންގަވަނީ އެކަލާނގެ ރަސޫލުﷲ ﷺ ފޮނުއްވިކަމަށްޓަކައި އަޅުގަނޑުމެން އެކަލާނގެއަށް ޝުކުރުވެރިވުމަށެވެ. މިކަމުން ކަށަވަރުވަނީ ﷲ އެކަލާނގެ ރަސޫލާ ﷺ އަށް ދެއްވި ޢިއްޒަތާއި ޝަރަފްގެ ހައްދެއްނެތްކަމެވެ. މިސަބަބަށްޓަކައި އަޅުގަނޑުމެން މުސްލިމުންކުރަންޖެހޭ ކަމަކީ ރަސޫލުﷲ ﷺ ގެ ދަރަޖަ މަތިވެރިކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ ކަމެއްކުރުމެވެ.
ތައުބާ ސޫރަތުގެ 40 ވަނަ އާޔަތް ﷲ ބާވައިލެއްވީ ތަބޫކު ހަނގުރާމައިގައެވެ. މިއާޔަތުގައި ﷲ ހަނދާންކޮށްދެއްވީ ރަސޫލުﷲ ﷺ ގެ ޙަދީޘްފުޅެކެވެ. އޭގެ ނުވަ އަހަރުކުރިން ޘައުރު ފަރުބަދައިގެ ހޮހަޅައިގައި އެކަލޭގެފާނު ފިއްލަވަން އިންނެވިއިރު ދުޝްމަނުންނަށް ފެނިދާނެތީ އަބޫބަކުރުގެފާނު ބިރުފުޅުން އުޅުއްވަންފެށުމުން އެކަލޭގެފާނު ވިދާޅުވި ބަސްފުޅެވެ. ހިތާމަ ނުކުރެއްވުމަށާއި ﷲ ވޮޑިގެންވަނީ އެބޭކަލުންނާއެކުގައިކަމަށް ރަސޫލުﷲ ﷺ ވިދާޅުވި ވިދާޅުވުމެވެ. އެކަލޭގެފާނުގެ އަރިހުގައި އެންމެ މީހަކުނެތަސް އެކަލޭގެފާނަށް ﷲ ނަސްރުދެއްވާނެކަން މިއާޔަތުންވެސް އެނގެއެވެ. ލޯތްބާއި ތަޢުރީފުގެ މިއާޔަތުން އެކަލޭގެފާނުގެ ދަރަޖައިގެ މާތްކަން ކަށަވަރުކޮށްދެއެވެ.
-ނުނިމޭ






