މަސްޖިދުއްނަބަވީ

ރަސޫލުﷲ ﷺ އަށް ޢިއްޒަތްދީ މާތްކޮށްހިތުން

އަޙްމަދު ފަޔާޟު ޙަސަން
މާރޗް 16, 2026

ރަސޫލުﷲ އާމެދު އަޅުގަނޑުމެން ކަންކުރަންވީގޮތް

އަޅުގަނޑުމެން މިއަދު ރަސޫލުﷲ ﷺ އާމެދު ކަންކުރުމުގެ ކުރިން ބަލަންޖެހެނީ ﷲ އެކަލޭގެފާނާމެދު ކަންކުރެއްވިގޮތަށެވެ. މިހާރު އަޅުގަނޑުމެންނަށް ކަށަވަރުވެފައި އޮންނާނީ ﷲ ގެ ޙަޟުރަތުގައި އެކަލޭގެފާނުގެ މަޤާމާއި ދަރަޖައާއި މަތިވެރިކަމާއި މާތްކަމެވެ. ދެން އަޅުގަނޑުމެން ބަލަންޖެހެނީ އެކަލޭގެފާނުގެ އާލުންނާއި އަސްޙާބުން އެކަލޭގެފާނާމެދު ކަންކުރެއްވިގޮތަށެވެ. އެބޭކަލުން އެކަލޭގެފާނަށް ތަބާވެ ކިޔަމަންތެރިވީ ސުވާލަކާއިނުލައެވެ. އެބޭކަލުންގެ ފަލްސަފާއަކީ ތިމަންމެން އަޑުއަހައި ކިޔަމަންވެއްޖައީމުއެވެ. އެބޭކަލުން މިދުނިޔެއިން އެންމެބޮޑަށް އިހުތިރާމްކުރެއްވީ އެކަލޭގެފާނަށެވެ. ހަމައެގޮތަށް އެބޭކަލުން މިދުނިޔެއިން އެންމެބޮޑަށް ލޯބިކުރެއްވީވެސް އެކަލޭގެފާނަށެވެ. މިދެންނެވި ބޭކަލުން ކިޔަމަންތެރި އިޚުލާސްތެރި އަމަލުތަކާމެދު ރުހިވޮޑިގަންނަވާކަން ﷲ އެންގެވިއެވެ.

އެހެންވެ އަދުގެ މުސްލިމުން ބަލާލަންޖެހެނީ ރަސޫލުﷲ ﷺގެ އާލުންނާއި  އަސްޙާބުން އެކަލޭގެފާނާމެދު ކަންތައްކުރެއްވިގޮތަށެވެ. ރަސޫލުﷲ ﷺ ގެ ޞަޙާބީން އެކަލޭގެފާނަށް މާތްކޮށް ހިތްތެވީ ﷲ އެންގެވިމަގުންނެވެ. ވިސްނާލައްވާށެވެ! އުމުރުފުޅުން ސާޅީސް އަހަރުފުޅުވަންދެން ރަސޫލުﷲ ﷺ އަކީ މައްކާގެ ރައްޔިތެކެވެ. އެކަލޭގެފާނަކީ ކޮންމެވެސް މީހެއްގެ އަޚު ބޭކަލެކެވެ. އެކަލޭގެފާނަކީ ކޮންމެވެސް މީހެއްގެ ރަހުމަތްތެރި ބޭކަލެކެވެ. އެކަލޭގެފާނަކީ ފިރިކަލެކެވެ. އެކަލޭގެފާނަކީ ބަފައިކަލެކެވެ. އެކަލޭގެފާނަކީ އަވަށްޓެރި ބޭކަލެކެވެ. މިއީ ރަސޫލުކަމާއިގެން ފޮނުއްވުމުގެކުރިން ރަސޫލުﷲ ﷺ ގެ ހަޔާތްޕުޅުގައި ގުޅުންތައް ހުރިގޮތެވެ. އެހެންވެ އެހެން އިންސާނެކޭ އެއްގޮތަށް އެކަލޭގެފާނާއި ތިމާގެކަމާއި ރަހުމަތްތެރިކަމުގެގޮތުން ވަރަށް ގާތްމީހުން އުޅުނެވެ.

އެކަމަކު އެކަލޭގެފާނަށް ރަސޫލުކަން ލިބިވަޑައިގަތުމާއެކު ހުރިހާ ކަމެއް ބަދަލުވިއެވެ. ހުރިހާ ކަމެއް ބަދަލުކުރުވީ އެބޭކަލުންނަށް ލިބިވަޑައިގަތް އީމާންކަމެވެ. އެއަށްފަހު އެބޭކަލުންނަށް ދެން މުޅިންވެސް ފެނިވަޑައިގަތީ ﷲ ގެ ރަސޫލާ ﷺ އެވެ. މިސާލަކަށް އެކަލޭގެފާނުގެ އެންމެގާތް އެކުވެރިޔާ އަބޫބަކުރު އެންމެ ފަހަރަކުވެސް ތިމަންކަލޭގެފާނުގެ މިތުރު ނުވަތަ އެކުވެރިޔާ މިހެން ވިދާޅެއްނުވެއެވެ. އެކަމަކު އެކަލޭގެފާނު ވިދާޅުވީ ﷲ ގެ ރަސޫލާ ﷺ ވިދާޅުވި މިހެންނެވެ. ރަސޫލުﷲ ގެ ދަރިކަނަބަލުން ފާޠިމަތު ވާހަކަދައްކަވާއިރު ތިމަންކަމަނާގެ ބައްޕާފުޅު ވިދާޅުވިއެކޭ ވިދާޅެއްނުވެއެވެ. އެކަމަކު އެކަމަނާ ވިދާޅުވީ ރަސޫލުﷲ (ﷲ ގެ ރަސޫލާ) ﷺ ވިދާޅުވި މިފަދައިންނެވެ. ޢާއިޝަތުގެ ފާނު އެންމެ ފަހަރަކުވެސް ތިމަންކަމަނާގެ ފިރިކަލުންނޭ ވިދާޅެއްނުވެއެވެ. އެކަމަކު އެކަމަނާ ވިދާޅުވީ ﷲ ގެ ރަސޫލާ ﷺ ވިދާޅުވިއެވެ. އެކަލޭގެފާނުގެ އެންމެ އަރިސް ކޮންމެ ބޭކަލަކަށާއި ބޭކަނބަލަކަށް އެންމެފުރަތަމަ ފެނިވަޑައިގަތީ ﷲ ގެ ރަސޫލާ އެވެ. އެއަށްފަހު ފިރިކަލުންނެވެ. ނުވަތަ އެއަށްފަހު ބަފައިކަލުންނެވެ. ނުވަތަ އެއަށްފަހު އެންމެގާތް މިތުރުކަލޭގެފާނެވެ. އަޅުގަނޑުމެން އެކަލޭގެފާނަށް އިހުތިރާމްކުރަންޖެހެނީ މިގޮތަށެވެ.

އެންމެފުރިހަމަ މާނައިގައި ރަސޫލުﷲ ﷺ އަށް މާތްކޮށްހިތުމަށްޓަކައި އެންމެ ފުރަތަމަކުރަންޖެހޭ ކަމަކީ އެކަލޭގެފާނާމެދު ތިމާދެކޭގޮތް ނުވަތަ ތިމާއަށް އެކަލޭގެފާނު ފެންނަގޮތް ރަނގަޅުކުރުމެވެ. ޒަމާނީ ބަހުރުވައިންނަމަ ތިމާގެ ޕަސެޕްޝަނާއި އެޓިޓިއުޑް ރަނގަޅުކުރުމެވެ. މިކަންކުރެވޭނީ ތިމާ މިހާރު ބަނދެވިފައިހުރި ފިކުރުންނިކުމެ އުނގެނި ދަސްކޮށްގެންނެވެ. ތިމާ ދައްކާ ވާހަކައާއި ކުރާކަން ހީއަށް ބިނާނުކޮށް ހަގީގަތް ހޯދައިގެންނެވެ. ރަސޫލުﷲ ﷺ އަކީ ކޮބައިކަން އެނގި އެކަލޭގެފާނާމެދު ތިމާދެކޭގޮތް މުޅިން ރަނގަޅުކުރެވޭނީ ކީރިތި ޤުރްއާނުން އެކަލޭގެފާނު ދަސްކޮށްގެންނެވެ. ހަމައެފަދައިން އެކަލޭގެފާނުގެ ސީރާއިން އެކަލޭގެފާނު އުނގެނިގެންނެވެ. މިކަމުގައިވެސް އަޅުގަނޑުމެން ބަލަންޖެހެނީ އެކަލޭގެފާނު ޞަހާބީން ކަންކުރެއްވިގޮތަށެވެ.

-ނުނިމޭ

މި ލިޔުމާ ގުޅޭ