ލޯނު ނަގައިގެން ހިންގާ ޕްރޮޖެކްޓްތަކުން ފައިދާ ނުދައްކާނަމަ، އެޕްރޮޖެކްޓްތަކުގެ ދަރަނި ދެއްކުމަށް ދަތިތަކެއް ކުރިމަތިވާ ތަން އާދެއެވެ. ސްރީލަންކާއަށް ހަމްބަންޓޯޓާ ބަނދަރުގައި ދިމާވެގެން ދިޔައީ އެ މައްސަލައެވެ.
ބަނގްލަދޭޝްގެ ވަގުތީ ސަރުކާރުން ލަފާކުރާ ގޮތުން އެޤައުމަށްވެސް ޗައިނާއިން އިންވެސްޓްކޮށްފައިވާ ބައެއް ޕްރޮޖެކްޓްތަކުން އެ މައްސަލަ ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. އޭގެ ތެރޭން މިސާލެއްގެ ގޮތުގައި އައު ސަރުކާރުން ދައްކަނީ، ކަރްނާފުލީ ޓަނަލްއެވެ. މިޓަނަލަކީ ޝެއިޚު މުޖީބުއްރަޙުމާން ޓަނަލްގެ ނަމުން ނަންދީފައިވާ ޓަނަލެއްވެސް މެއެވެ.
ނުވަ ކިލޯމީޓަރުގެ މި ޓަނަލަކީ، ކަރްނާފުލީ ކޯރުގެ އަޑިން ޗިޓަގޮންގު ގުޅުވައިދޭ ޓަނަލެވެ.
ޗައިނާގެ އެގްޒިމް ބެންކުން ދީފައިވާ 1.1 ބިލިއަން ޑޮލަރުގެ ލޯނަކުން ކުރިއަށް ގެންގޮސްފައިވާ މި ޕްރޮޖެކްޓުން ލިބެންވާ ވަރަށް އާމްދަނީ ނުލިބޭކަމަށް ޝަކުވާކޮށް ވަގުތީ ސަރުކާރުން ބުނަނީ މި ޕްރޮޖެކްޓް ހިންގުމަށް ކޮށްފައިވާ ސާވޭގެ ނަތީޖާ ނުބައި ކަމަށެވެ.
މިޓަނަލް ހެދިއިރު ލަފާކޮށްފައި ވަނީ ދުވާލެއްގެ މައްޗަށް 17 ހާސް އުޅަނދު އެ މަގުން ދަތުރުކުރާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ދުވާލެއްގެ މައްޗަށް ދަތުރުތައް އުޅެނީ 3 ހާހުގައެވެ.
2016 ވަނަ އަހަރު ފެށި މިމަޝްރޫޢު ނިންމާފައި ވަނީ އެއް އަހަރު ދުވަސްތެރޭގައެވެ. މި ޓަނަލަށް ދުވާލެއްގެ މައްޗަށް 12 ލައްކަ ޓާކާގެ އާމްދަނީއެއް ލިބޭއިރު މެއިންޓެނަސްއާއި އެހެނިހެން ޚަރަދަށް ދުވާލަކަށް 35 ލައްކަ ޚަރަދުވާކަމަށްވެސް ބުނެއެވެ. ފާޑު ކިޔާ ފަރާތްތަކުން ބުނަނީ މިއީ އާންމު ފައިދާއަށް މުހިންމު ޕްރޮޖެކްޓަކަށް ވުރެން ބޮޑަށް މިއީ ޝޯކޭސް ޕްރޮޖެކްޓެއް ކަމަށެވެ.






