މެދުއިރުމަތީގައި ހަމަނުޖެހުންތައް، ނުރައްކާތެރި އައު ހަރުފަތަކަށް އުފުލިފައިވާއިރު، ހިޒްބު الله ގެ މުޖާހިދުން ފުރަތަމަ ފަހަރަށް ފަލަސްޠީނުގެ (އިޒުރޭލުގެ) ސަރަހައްދުގެ ތެރެއަށް ވަދެ، ހަރަކާތްތެރިވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ކުރީގެ އެތައް ރިޕޯޓެއްގައިވާ ގޮތުން ހަތިޔާރު އެޅި ފައުޖުތަކުން އުތުރުގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް ގެލީލީއަށް ވަދެފައިވާއިރު، އޭގެ ތެރޭގައި ކިރިޔާތު ޝްމޯނާ އާއި މެޓޫލާ ކައިރީގައިވާ ސަރަހައްދުތައް ހިމެނެއެވެ. އޮންލައިންކޮށް ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި މުޖާހިދުން ވަނީ ފަލަސްޠީނުގެ ބިންތަކުގައި، ހިޒުބު الله ގެ ދިދަ ނަގާފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އިޒުރޭލުގެ ޑިފެންސް ފޯސްއާއި ހޯމް ފްރަންޓް ކޮމާންޑް ހިމެނޭ ގޮތަށް އިޒުރޭލުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އުތުރުގެ ސަރަޙައްދުން ވަގުތުން މީހުން ނުކުތުމަށް އަމުރުކޮށްފައެވެ. ވީޑިއޯ ފޫޓޭޖުތަކުން ދައްކާ ގޮތުގައި، ދެކުނަށް ދަތުރުކުރާ ހަލިމަގުތައް ވަނީ ފުރިބާރުވެފައެވެ. އަދި އިތުރު ޙަމަލާތަކެއް އަތުވެދާނެ ކަމުގެ ބިރަށް އާންމުން ދަނީ ފިލައި ރައްކާވަމުންނެވެ.
އިޒުރޭލުގެ ޗެނަލް 13 އާއި، އެހެން މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި، ކޮމާންޑް އެންޑް ކޮންޓްރޯލް ނިޒާމުތަކަށް ބުރޫއެރުމާއި، އެތައް ތަނެއްގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން، ޙާލަތު ވަނީ ”އިންތިހާއަށް ސީރިއަސް“ ވެފައެވެ. އަލްޖަޒީރާގެ ފީލްޑް ރިޕޯޓަރުން ވެސް ވަނީ ބިންމަތީގައި ގަދަފަދައަށް ހަނގުރާމަ ހިނގަމުންދާ ކަމަށް އިޝާރާތްކޮށްފައެވެ. އަސްކަރީ މުޙައްލިލުން ބަޔާންކުރާ ގޮތުގައި، މިއީ މިހާތަނަށް ހިޒުބު الله އިން، އިޒުރޭލުން އިސްތިޢުމާރު ކޮށްފައިވާ ފަލަސްޠީނު ބިމުގެ ސަރަޙައްދުގެ ތެރެއަށް މިހާ ބޮޑަށް ވަދެފައިވާ ފުރަތަމަ ފަހަރެވެ. މިއީ ސަރަޙައްދީ އިމުގެ ހަމަނުޖެހުންތަކުން ނެއްޓި، ބިމުގެ ހަނގުރާމައަކަށް ބަދަލުވުމުގެ އިޝާރާތެކެވެ. އީރާނުގެ މަދަދާއި އަދި ތާއީދާއެކު ހަނގުރާމަ ކުރާ ހިޒްބު الله އަކީ ޒަމާނުއްސުރެ މި ސަރަޙައްދުގެ އެންމެ ބާރުގަދަ އަސްކަރީ ބާރުތަކުގެ ތެރޭގައި ހިމެނޭ އެއް ބާރެވެ.






