ސަރުކާރުން ކުރިއަށް ގެންދާ ކައުންސިލް އިމާރާތްތައް އެޅުމުގެ މަސައްކަތް ކުރިއަށްދާ ގޮތާމެދު ހިތްހަމަޖެހޭ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކްވަރކްސް އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.
ސަރުކާރުން ގެންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 55 އިމާރާތެއް ކުރަމުންނެވެ. މިއީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރަމުންދާ ތަންތަނެވެ. މިތަންތަނުގެ މަސައްކަތް ކުރިއަށްދާ ގޮތާމެދު ހިތްހަމަޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވީ އެތަންތަނަށް ވަޑައިގެން ބެއްލެވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެކްސްގައި މިނިސްޓަރ ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނު މިހާރު ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގެ ސަބަބުން ކައުންސިލް އިދާރާގެ އެތެރޭގެ ތަރުތީބު ކުރުންތައް އިތުރަށް ފުރިހަމަ ކުރުމަށް މަގުފަހިވެގެންދިޔަ ކަމަށެވެ.
ކައުންސިލް އިދާރާގެ މަސައްކަތް ކަނޑައެޅިފައިވާ ޓައިމްލައިނާ އެއްގޮތަށް ބާރަށް ކުރިއަށްދެއެވެ. މިގޮތަށް މަސައްކަތް ކުރިއަށްދާ ކަމަށްވާނަމަ މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
އަލަށް ޢިމާރާތްކުރެވޭ ކައުންސިލުތައް ހުންނާނީ ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރެވިފައެވެ. އެ ތަންތަން ކައުންސިލްތަކާ ޙަވާލުކުރާނީ ފުލީ-ފާނިޝްޑް ތަންތަނުގެ ގޮތުގައި، ބޭނުންވާ ހުރިހާ މޭޒާއި، ގޮނޑި އަދި ކައުންޓަރުތަކާއެކުގައި ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.






