އައްޑޫ ސިޓީ ހިތަދޫގައި އެންސްޕާއާއި، އާސަންދަ އޮފީހެއް ހުޅުވައިފި

މުހައްމަދު އަލީ
މާރޗް 31, 2026

އައްޑޫ ސިޓީ ހިތަދޫގައި އެންސްޕާއާއި، އާސަންދަ އޮފީހެއް މިއަދު ހުޅުވައިފިއެވެ. މި އޮފީސް ހުޅުވައިދެއްވީ، އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމެވެ.

މި ރަސްމިއްޔާތުގައި، ވަޒީރު ޑރ.އައިޝަތު ޝިހާމްއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއިބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުރުން، އާސަންދަ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، ހިތަދޫގައި މިފަދަ އޮފީހެއް ހުޅުވިގެންދިއުމަކީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނޭ ކަމެއް ކަމަށެވެ.

”މި އޮފީސް ހުޅުވިގެން ދިއުމަކީ މި ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް، ޚާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، އަދި ދައުލަތުން އެހީ ބޭނުންވާ ކޮންމެ ފަރާތަކަށްވެސް ބޮޑު ފަސޭހައެއް ލިބިގެންދާނެ ކަމެއް. އެންސްޕާ އަދި އާސަންދައިގެ ޚިދުމަތްތަކަކީ ބޮޑަށް ޑިޖިޓަލައިޒް ކުރެވިފަވާ ޚިދުމަތްތަކަކަށްވިޔަސް އަޅުގަނޑުމެންނަށް ޤަބޫލުކުރެވެނީ މިފަދަ ބޮޑެތި ސިޓީތަކުގަ އަޅުގަނޑުމެންގެ އޮފީސްތައް، އަޅުގަނޑުމެންގެ މުވައްޒަފުން ހަރަކާތްތެރިވާންޖެހޭކަން،“ ހީނާ ވިދާޅުވިއެވެ.

ދައުލަތުގެ އެހީއަށް ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަމާއި ސިއްޙީ ފަރުވާގެ ވަސީލަތްތައް ހޯދައިދިނުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ މާލީ ޢިނާޔަތާއި އެފަރާތްތަކަށް ބޭނުންވާ ތެރަޕީގެ ޢިނާޔަތްތައް އެންސްޕާއިން އަންނަނީ ފޯރުކޮށްދެމުންނެވެ. އަދި މިފަދަ މީހުންގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލުތައް ދެނެގަތުމަށްވެސް އެންސްޕާއިން ގިނަ މަސައްކަތްތަކެއް ކުރައްވައެވެ.

އާސަންދަ އަދި އެންސްޕާގެ ޚިދުމަތް ތަރައްޤީކޮށް، މި ތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ މަގުފަހިކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވާ ކަމަށް އެތަންތަނުން ވަނީ ވިދާޅުވެފައެވެ.

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *