އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗު) ގެ އައު ސީއޯ ޑރ. އަޙުމަދު އަދީލް ނަސީރު އެދިވަޑައިގަންނަވަނީ ހޮސްޕިޓަލުގެ ކަންކަން ރަނގަޅު ކުރެއްވުމަށްޓަކައި އެންމެން ވެސް އޭނާއެކު ތިއްބެވުމަށެވެ.
އޮފީހަށް ނުކުމެ ވަޑައިގެން ސޯޝަލް މީޑިއާގައި އާންމުކުރެއްވި ފުރަތަމަ މެސެޖުގައި ޑރ. އަދީލް ވިދާޅުވެފައިވަނީ އޭއީއެޗައަކީ އައްޑޫގެ ފަޚުރެއް ކަމަށެވެ. އެ ހޮސްޕިޓަލް އޭނާ ސިފަކުރައްވައިފައިވަނީ ”ރައްޔިތުންގެ ހިތުގެ ވިންދު،“ ގެ ގޮތުގައެވެ.
”އޭއީއެޗްގެ ސީއޯގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑު އައްޔަން ކުރެއްވުމަކީ އެމަނިކުފާނު އަޅުގަނޑަށް ކުރައްވާ އިތުބާރު ހާމަވެގެންދާ ކަމެއް،“ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެ ހޮސްޕީޓަލަށް ހެޔޮބަދަލު ގެންނެވުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ވެސް ކޮށްދެއްވާނޭ ކަމަށް ޑރ. އަދީލް ވިދާޅުވެފައިވެއެވެ.
”މި ވަގުތު އަޅުގަނޑު ރައްޔިތުންނަށް އަރުވާ ޔަގީންކަމަކީ ކީރިތި ﷲ ގެ ވާގިފުޅާއެކު ރައްޔިތުން އެދިވަޑައިގަންނަވާފަދަ ހެޔޮ ބަދަލުތައް ގެނައުމަށް އަޅުގަނޑަށް ކުރެވެން އޮތް އިޚްލާސްތެރި މަސައްކަތެއް ސަރުކާރާއި، ސިޓީ ކައުންސިލާއި، މުއައްސަސާތަކާއި ރައްޔިތުންނާ ގުޅިގެން ކުރާނެކަން،“
ތެދުވެރިކަމާއި އުންމީދާއެކު ފަށްޓަވާ އެ ”މަސައްކަތުގައި ހޮސްޕިޓަލުގެ ހުރިހާ ސްޓާފުންނާއި އެންމެހާ ރައްޔިތުން އަޅުގަނޑާއެކު ބަދަހިކޮށް ތިއްބެވުން އެދެން،“
ޑރ. އަދީލް އެމަގާމަށް އައްޔަން ކުރެއްވީ ކުރިން އެމަގާމުގައި ހުންނެވި ޑރ. ޔާސީރު ވަކިކުރެއްވުމަށްފަހުގައެވެ. އެނގިފައިވާ ގޮތުގައި ޑރ. ޔާސިރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިޔުޓީ ސީއީއޯ ކަމަށް ބަދަލު ކުރައްވައިފައެވެ.






