ޓެކްސީލައިން ތަޢާރަފްކޮށްފި، އާންމު ޓެކްސީތަކަށް ހުރަހެއް ނޯންނާނެ

މުހައްމަދު އަލީ
އޭޕްރިލް 3, 2026

މާލޭ ޓެކްސީލައިންގެ ޚިދުމަތް ރޭ ރަސްމީކޮށް ފަށައިފިއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި މިޚިދުމަތް ފަށްޓަވައު ދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

މިއީ 24 ގަޑިއިރުގެ ޚިދުމަތެކެވެ. މިކަމަށް 150 ކާރުވަނީ ގެނެސްފައެވެ. މީގެ ތެރޭގައި ތިން ސައިޒެއްގެ ކާރުތައް ހިމެނެއެވެ. މިއީ ތިމާވެއްޓާ ރައްޓެހި ކާރުތަކެކެވެ.

މި ޚިދުމަތަކީ މާލޭސަރަހައްދުން ޓެކްސީލިބުމުން ފަހަކަށް އައިސް ދަތިވެފައިވާތީ ރައީސް ޑރ. މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ފެށްޓެވި ކަމެކެވެ. މި ޚިދުމަތާއެކު ޓެކްސީ ލިބުމުގެ މައްސަލައަށް ހައްލު ލިބިގެންދާނޭ ކަމަށް ޚިދުމަތް ދެއްވާ އެމްޓީސީސީން ވިދާޅުވިއެވެ. ޓެކްސީލައިނާއެކު އެ ޚިދުމަތަށް ޚާއްސަ ހޮޓްލައިން ނަންބަރު 1655 ވެސް ވަނީ ތަޢާރަފް ކޮށްފައެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން  ވިދާޅުވީ މި ޚިދުމަތުގެ ސަބަބުން މާލޭގައި މިހާރު ޓެކްސީގެ ޚިދުމަތްދެމުން އަންންފަރާތްތަކަށް އެއްވެސް ހުރަހެއް ނުވަތަ ދަތިކަމެއް ކުރިމަތިނުވާނޭ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ މި ޚިދުމަތް މިއަހަރު ނިމުމުގެ ކުރީން އައްޑުއަށް ވެސް ތައާރަފް ކުރައްވާނޭ ކަމަށެވެ. ރޭގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ މެނޭޖިންޑިރެކްޓަރ އަޙުމަދު ސަޢުދީ ވެސް ވާހަކަ ދެއްކެވިއެވެ. އޭނާ ވިދާޅުވީ މި ޚިދުމަތް ވެގެންދާނީ މިދާރާއަށް ގެނެވުނު އިންގިލާބީ ބަދަލަކަށް ކަމަށެވެ.

އެޕްރީލް ތިން ވަނަ ދުވަހުން ފެށިގެން ނުވަ ވަނަދުވަހަށް މިޚިދުމަތް މުޅިން ހިލޭ ލިބޭނޭ ކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ. ބޭނުމަކީ ޚިދުމަތުގެ ފެންވަރާ މެދު ސުވާލުކޮށް ރަނގަޅު ކުރަންހުރި ކަންކަންދެނެގަނެ ރަނގަޅު ކުރުންކަމަށް ވެސް އެކުންފުނީން ވިދާޅުވިއެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *