މިއަދު ރާއްޖޭގައި ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގައި ދިމާވި އެންމެބޮޑު މައްސަލައަކީ ހޫނުގަދަވުން ކަމަށް އިލެޖްޝަންސްކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.
އެކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވީ ހޫނުގެ ސަބަބުން ބޯ އަނގުރައިގައި ދެތިން މީހަކަށް ފަސްޓުއެއިޑު ދޭންޖެހުނު ކަމަށެވެ. ”މިއީ ރާއްޖެއަށް ވަރަށްހޫނުގަދަ ދުވަސްވަރެއް. އެހެންވީމާ ގިނައިރު ކިޔުގައި ތިބެންޖެހުމުން މީހުން ޝަކުވާކޮށްފައިވެސް އެބަހުރި. ޚާއްސަކޮށް މާލޭގެ ބައެއް ސަރަހައްދުތަކުގައި ދިގު ކިޔުއެއް އޮތުމުން ގިނައިރު އަވީގައި ތިބެންޖެހުނު. އޭގެ ސަބަބުން ބައެއް މީހޫން އަނބުރައިގަނެގެން ފަސްޓުއެއިޑު ދޭންޖެހިފައި އެބަހުރި،“ ޒަކަރިއްޔާ ވިދާޅުވިއެވެ.
އީސީން ކުރިން ނިންމާފައި އޮތީ ހަވީރު 4:00 ގައި ވޯޓުލުން ބަންދުކުރާ ގޮތަށެވެ. އެހެންނަމަވެސް ގިނަބަޔަކު ކިޔުގައި ތިބުމުން އެވަގުތު ހަވީރު 5:00 އަށް އިތުރު ކުރިއެވެ. ޒަކަރިއްޔާ ވިދާޅުވީ ފަހެއްޖެހިއިރުވެސް ވަރަށްގިނަ ބަޔަކު ކިޔުގައި ތިބިކަމަށެވެ. އެހެން ކަމުން އެވަގުތު ކިޔުގައި ތިބި މީހުންން ވޯޓުލައި ނިމުމުން ވޯޓުފޮށިތައް ބަންދުކުރާނޭ ކަމަށް އޭނާ ވިދާޅުވިއެވެ. ވޯޓު ގުނަން ފަށާނީ ފޮށިތައް ބަންދުކުރާތާ ބައިގަޑިއިރު ފަހުން ކަމަށް އީސީން ވިދާޅުވުއެވެ.
ޒަކަރިއްޔާ ވިދާޅުވީ މި އިންތިޚާބުގައި ޖުމްލަކޮށް ހުރިހާކަމެއްވެސް ދިޔައީ ރަނގަޅަށް ކަމަށެވެ. ސީރިއަސް ޝަކުވާއެއް ނުވަތަ މައްސަލައެއް އަދި ހުށަހެޅިފައި ނުވާކަމަށް ވެސް ވިދާޅުވިއެވެ.
މި އންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ޖުމްލައަކީ 294876 އެވެ. އެއީ 144506 އަންހެނުންނާއި 150370 ފިރިހެނުންނެވެ.
މި އިންތިޚާބުތަކުގައި ޖުމްލަ 588 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ. މީގެތެރެއިން މިހާރުވަނީ 512 ފޮށި ބަންދު ކޮށްފައެވެ.






