ރާއްޖޭގައި އިއްޔެ ބޭއްވި އިންތިޚާބުގެ ނަތީޖާ އިޙްތިރާމާއެލު ބަލައިގަންނަ ކަމަށް ޕީއެންސީގެ ރައީސް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން ކުރީގައި އުޅެނީ އެމްޑީޕީއެވެ. ”މިއަދު (އިއްޔެ) ބޭއްވުނު ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ނަތީޖާ އިޙްތިރާމާއެކު ބަލައިގަންނަން،“ ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.
މި ޕޯސްޓުގައި އެމަނިކުފާނު ވަނީ އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ ފަރާތްތަކަށް ތަހުނިޔާ ދަންނަވާފައެވެ. ”ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މާތްالله ގެ ވާގިފުޅާއެކު ކުރިއަށްގެންދާނެ ކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު އަރުވަން،“ ރައީސް ވިދާޅުވެފައިވެއެވެ.






