އިންތިޚާބުގެ ނަތީޖާއަކީ ކަންކަމާމެދު ވިސްނައި އިސްލާހު ކުރަން ލިބޭ ފުރުސަތެއް: ޝިޔާމް

މުހައްމަދު އަލީ
އޭޕްރިލް 5, 2026

މި ސަރުކާރު ދެމިއޮންނާނީ ރައްޔިތުން އެދޭ ބަދަލުތަކާއެކު ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި ކަމަށް ފިޝަރީޒް މިނިސްޓަރ އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އިންތިޚާބުގައި ގޮނޑިތައް ކާމިޔާބު ކުރެއްވި ހުރިހާ ކެންޑިޑޭޓުންނަށާއި ޓީމުތަކަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވާ ކަމަށެވެ. މި އިންތިޚާބުގައި ބައިވެރިވެ ކާމިޔާބާ ހަމައަށް ވާސިލް ނުވެވުނު ހުރިހާ ކެންޑިޑޭޓުންނަށާއި އެ ކެންޑިޑޭޓުންގެ ޓީމުތައް ކުރެއްވި މަސައްކަތާއި ހިތްވަރަށް ސާބަސް ދަންނަވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ”އިންތިޚާބު ކާމިޔާބުކަމާއެކު ނިންމާލުމަށް އެއްބާރުލުންދެއްވި ހުރިހާ ފަރާތްތަކަށް ހިތުގެ އިޚުލާސްތެރި ޝުކުރު ދަންނަވަން،“ ޝިޔާމް ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ  އިންތިޚާބުގައި ޕީއެންސީގެ ރައީސް، ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަސްޓުލޭޑީ މެޑަމް ސާޖިދާ މުޙައްމަދު ދެއްކެވި އާދަޔާޚިލާފް ހިތްވަރާއި ރީތި ނަމޫނާއަށް ފަށްފަށުން ޝުކުރު ބަރުތީލަކުރައްވާ ކަމަށެވެ.

”ސިޔާސީ ޕާޓީއެއްގެ އެންމެ މުހިއްމު މަޤްޞަދުތަކުގެ ތެރޭގައި އިންތިޚާބުތަކުގައި ބައިވެރިވުމާއި، ބައިވެރިވާ އިންތިޚާބުތައް ކާމިޔާބުކުރުން ހިމެނޭ. އިންތިޚާބުތައް ކާމިޔާބުވުމުގައި އަދި ނާކާމިޔާބުވުމުގައި ވަރަށް ގިނަ ސަބަބުތައް އެކުލެވޭ،“ އޭނާ ވިދާޅުވެފައިވެއެވެ.

ޝިޔާމް ވިދާޅުވީ އިންތިޚާބުތަކުގެ ނަތީޖާތަކަކީ އަބަދުވެސް ކަންކަމާ ފުންކޮށް ވިސްނައި ކަންކަން އިސްލާހުކުރަން ލިބޭ ވަރަށް ފަހި ފުރުޞަތެއް ކަމަށެވެ. އެހެން ކަމުން އަބަދުވެސް ކުރިއަށް ވިސްނާ ވަޑައިގަންނަވާ ކަމަށް ވެސް ޝިޔާ ވިދާޅުވެފައިވެއެވެ. ”މިއީ ކުރަންވީ ކަމަކާއި ދާންވީ މަގު ސާފުކޮށްދިން މުހިއްމު އިންތިޚާބެއް. އަދި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުން ރަނގަޅުކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް ސަރުކާރުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރައްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒުވަނީ ދެއްވާފައި،“ އޭނާ ވިދާޅުވެފައިވެއެވެ. ޝިޔާމް ވިދާޅުވެފައިވަނީ މި އިންތިޚާބުތަކުގެ ނަތީޖާއާއެކުވެސް ރައީސް ޑރ. މުޢިއްޒު ދައްކަވާފައިވަނީ ޑިމޮކްރަސީގެ ރިވެތި ނަމޫނާއެއް ކަމަށެވެ.

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *