މުސްތަގުބަލުގައި ވެސް ހުންނަވާނީ މާލޭސީޓީގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކަށް އިންތިހާއަށް ދެކޮޅު ހަދާ ބޭފުޅެއްގެ ގޮތުގައި ކަމަށް މާލޭސިޓީގެ މޭޔަރު ކަމަށް އަމިއްލަގޮތުން ވާދަކުރެއްވި އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
”އަޅުގަނޑު މާލޭސިޓީގެ ރައްޔިތުންނަށް ކަށަވަރުކޮށް މިއަރުވަނީ ކުރިއަށްއޮތް މުސްތަގުބަލުގައި ވެސް އަޅުގަނޑު ހުންނާނީ ހަމަ މާލޭސިޓޫގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާމީހެއްގެ ގޮތުގައި ކަމާއި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކަށް އިންތިހާއަށް އިދިކޮޅު ހަދާމީހެއްގެ ގޮތުގައި،“
ސޯޝަލްމީޑިއާގައި އާންމުކުރައްވާފައިވާ ކުރު ވީޑިއޯއެއްގައި އޭނާ ވިދާޅުވެފައިވަނީ މޭޔަރުކަމަށް ކުރެއްވި ކެންޕޭނުގައި އޭނާއަށް މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކުން އެކަން ކޮށްދެއްވީ ފައިސާގެ މުގާބިލެއްނެތި ހިލޭސާބަހަށް ކަމަށެވެ. އެއީ ލިބިވަޑައިގެންނެވި ބޮޑު ހިތްވަރަކާއި ބާރެއް ކަމަށް ވިދާޅުވެފައިވެއެވެ. ”މި ކެންޕޭނުގައި ފައިސާގެ މުގާބިލެއްނެތި ހިލޭސާބަހަށް މަސައްކަތް ކޮށްދެއްވި އެންމެހާ ފަރާތްތަކަކީ އަޅުގަނޑަށް މިކެންޕޭން ކުރުމުގައި ލިބުނު އެންމެބޮޑު ހިތްވަރާއި ބާރު ކަމުގައި ދަންނަވަން،“ ޒަރިޔަންދު ވިދާޅުވެފައިވެއެވެ.
އޭނާއަށް އިތުބާރުކޮށް ވޯޓުދެއްވި މީހުންގެ ތެރެއިން ފަސްބައިކުޅަ އެއްބަޔަށްވުރެ ގިނަފާރާތްތަކަކީ ކެންޕޭނު ތެރޭގައި އޭނާ ރައްޔިތުންނަށް ސާފު ކޮށްދިން ކަންކަމާއި މާލެސިޓީކައުންސިލް ހިނގަންޖެހޭ ގޮތާއި އަދި ގާނޫނީ ގޮތުން އެއިދާރާ އޮންނަންޖެހޭ ގޮތާއި ކޮރަޕްޝަން ފުރީ މާލޭސިޓީކައުންސިލެއް ލިބޭނޭގޮތް ގަބޫލުލު ކުރެއްވި މީހުންކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އެފަރާތްތަކަށް ”އަޅުގަނޑު އިޚްލާސްތެރި ޝުކުރެއް ރައްދުކުރަން،“
މި ވީޑިއޯއެއްގައި ޒަރިޔަންދު މާލޭ ސިޓީގެ މޭޔަރު ކަމުގެ ގޮނޑި ކާމިޔާބު ކުރެއްވި އެމްޑީޕީ ކެންޑިޑޭޓު އާދަމް ޢާޒިމަށް މަރުހަބާ ވިދާޅުވެފައެވެ.






