އެޕްރީލް ހަތަރުވަނަ ދުވަހު ރާއްޖޭގައި ބޭއްވި އިންތިޚާބުތަކުން ފެނިގެން ދިޔައީ ”މުޅި ރާއްޖެ އަލުން ރަންރީނދޫ ވެގެން ދިޔަ މަންޒަރު،“ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ މިއީ ”ސަރުކާރުން ގެންގުޅޭ ދޯހަޅި އަދި ދެއުޅިއެއްނުވާ ސިޔާސަތަށް ރައްޔިތުން ނުރުހޭ ކަމުގެ ސާފު މެސެޖެއް،“ ކަމަށެވެ.
މި އިންތިޚާބުތަކުގައި އެމްޑީޕީއަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފައެވެ. އެހެން ކަމުން އެޕާޓީގެ ހިތްވަރުގަދަ ކެންޑިޑޭޓުންނާއި ކެންޕެއިން ޓީމުތަކާއި، ރަންރީނދޫ ލަޝްކަރާއި، ކެންޕޭނުގައި ބައިވެރިވި އެންމެނަށް އައްސަރިބަހުން ސާބަސްދެއްވާ ކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ. އެއާއެކު ދިވެހި ލޮބުވެތި ރައްޔިތުންނަށް އިޚްލާސްތެރިކަމާއި އެކު ޝުކުރުދަންނަވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ”އެމްޑީޕީ އަބަދުވެސް ދެމިއޮންނާނީ ދިވެހިރައްޔިތުންގެ ވިންދާއި ޚިޔާލާއި މަޝްވަރާއާއެކު. ރައްޔިތުންގެ ޚިދުމަތުގައި،“ އޭނާ ވިދާޅުވެފައިވެއެވެ.






