ވެނެޒުއޭލާގެ އަސްކަރިއްޔާއާއި، އީރާނުގެ އިންޤިލާބީ ގާޑުންގެ ތަފާތު!

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
އޭޕްރިލް 9, 2026

ނިކޮލަސް މަޑޫރޯއަށް ޚިޔާނާތްތެރިވެ އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތަށް، މަޑޫރޯ ވިއްކައިލީ، އޭނާގެ ޤައުމުގެ އަސްކަރިއްޔާއާއި، ސަލާމަތީ ޓީމުންނެވެ.

އޭނާ ހައްޔަރުކުރުމުގެ ތިން މަސް ކުރިން، އެމެރިކާގެ ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ، ސީ.އައި.އޭ އިން އޭނާގެ ވެރިކަމުގެ ފަށަލަތަކުގެ ތެރެއަށް ވަދެފައިވާއިރު އެއީ މުޅި ވެނެޒުއެލާގައި އެންމެންނަށްވެސް އެނގޭ ފާޅުކަން ބޮޑު ސިއްރެކެވެ. އެމެރިކާއަށް އޮމާންކަމާއެކު މަޑޫރޯ އަތުލައިގަނެވޭނޭ މަގު، އޭނާގެ ވެރިކަމުގެ މަތީ ފަންތީގައި ހިމެނޭ ބައެއް ފަރާތްތަކުން ކަށަވަރުކޮށްދީފިނަމަ ބޮޑެތި ޢަދަދުތަކުން ޑޮލަރު ދޭނެ ކަމަށް އެމެރިކާއިން އެމީހުންނަށް ވަޢުދުވިއެވެ.

މަޑޫރޯ ހައްޔަރުކުރިތާ މަސްތަކެއްވީ އިރުވެސް އެމެރިކާއިން އެމީހުންނަށް ދޭނެ ކަމަށް ވަޢުދުވި ފައިސާއިން، އެއިން މީހަކަށް އަދި މިހާތަނަށް ލޯލާރިއެއްވެސް ލިބިފައިނުވެއެވެ.

މަޑޫރޯ ހައްޔަރުކުރުމަށް އެމެރިކާއިން ހިންގި ޚާއްޞަ އޮޕަރޭޝަންގެ ރޭ، ވެނެޒުއެލާގެ އަސްކަރީ ކޮމާންޑަރުން ވަނީ މިސައިލް ޑިފެންސް ސިސްޓަމްތައް، މަސައްކަތް ނުކުރާނޭ ގޮތް ހަދައި، އެމެރިކާ ސިފައިންގެ ބޮންއެޅިޔަސް، އިންފެންޓްރީ ޔުނިޓްތަކަށް ރައްދުގައި ޙަމަލާ ނުދިނުމަށް އަމުރުކޮށްފައެވެ.

ގާތްގަޑަކަށް ހަތަރު ގަޑިއިރު ވަންދެން އެމެރިކާ ސިފައިންނާ ދެކޮޅަށް ހަނގުރާމަ ކުރަމުން ދިޔައީ ރިޔާސީ ގަނޑުވަރުގެ މަދު ގާޑުންކޮޅަކާއި، މަޑޫރޯއަށް ވަފާތެރި ސަލާމަތީ ބައެއް ސިފައިންނެވެ.

އީރާނުގައި 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އިންތިޒާމު ކޮށްގެން ހިންގި އަނިޔާވެރި މުޒާހަރާގެ މަސްތަކެއް ކުރިން މޮސާޑުން އީރާނަށް ވަދެ، އީރާނުގެ ސަރުކާރާ މެދު ހިތްހަމަ ނުޖެހޭ ރައްޔިތުންނަށް ހަތިޔާރު ފޯރުކޮށްދިން ނަމަވެސް އީރާނުން ފެނުނީ މުޅިން ތަފާތު މަންޒަރެކެވެ.

އާޔަތު الله ޢަލީ ޚާމަނާއީ ހައްޔަރުކޮށް، އޭނާގެ ވެރިކަން ވައްޓާލައި، ވެރިކަން ބަދަލުކުރުމަށް ފުރަތަމަ ކުރިމަތިލާން ޖެހޭނީ ސުޕްރީމް ލީޑަރާއި، އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާއަށް ވަފާތެރި އިސްލާމީ އިންޤިލާބީ ގާޑުން ނުވަތަ އައި.އާރު.ޖީ.ސީ އާއެވެ. އައި.އާރު.ޖީ.ސީގެ ގާޑުންނަކީ ބުނިޔާދީ ގޮތެއްގައި، އެއްވެސް ބަޔަކަށް މަޢާފުކުރުމެއް ނުވާ، އަދި އިންތިހާއަށް ސްޕްރީމު ލީޑަރަށާއި، އަދި އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާއަށް ވަފާތެރި ބައެކެވެ. ސީ.އައި.އޭ އިން މަޑޫރޯގެ ސަލާމަތީ ބާރުތަކާ އެކު ކަންތައްތައް ކުރި ގޮތާއި ޚިލާފަށް، އައި.އާރު.ޖީ.ސީއާ ގުޅުމަށް މޮސާޑުން ކުރި މަސައްކަތް ވަނީ ލަދުވެތި ގޮތެއްގައި ފޭލިވެފައެވެ.

މޮސާޑުން ދިގު އަތް، އައި.އާރު.ޖީ.ސީގެ ތެރެއަށް ބޭނުނުނަމަ، އީރާނުގެ ވެރިކަން ވައްޓައިލުމަކީ އެމެރިކާއަށް ދާދި ފަސޭހަ ކަމަކަށް ވީހެވެ. އެހެން ނަމަވެސް އައި.އާރު.ޖީ.ސީ ސަލާމަތުން ދެމި އޮތްހާ ހިނދަކު، އެމެރިކާއަކަށް އަދި އިޒުރޭލަކަށް ދުވަހަކުވެސް އެކަން ކާމިޔާބެއް ނުވާނެއެވެ.

ވެރިކަންތައް ނުވަތަ ސަރުކާރުތައް ވައްޓައިލަނީ ބޭރުގެ ބާރުތަކަކުން ނޫނެވެ. ވެރިކަންތަކާއި ސަރުކާރުތައް ވައްޓައިލަނީ ސަރުކާރުތަކުގެ އެތެރޭގައި ތިބޭ ޣައްދާރުންނެވެ. ބޭރުގެ ބާރުތަކުން ކުރާ ކަމަކީ، އެފަދަ ޣައްދާރުން ފާހަގަކޮށް، އެމީހުންނަށް ބޮޑެތި ޢަދަދުތަކުން ފައިސާދޭނެ ކަމަށް ބުނެ، ސަރުކާރުތައް ވައްޓައިލުމުގެ މަސައްކަތް ފައްޓުވަނީއެވެ.

”އަހުރެމެންގެ ތެރެއިން މީހަކު މަރައިލުމަށް، އެމީހުން އަބަދުވެސް ބޭނުން ކުރަނީ އަހުރެމެންގެ ތެރެއިން އެކެކެވެ. ހަމައެކަނި ބޭނުމަކީ، އެކަން ކުރީ އަހުރެމެންގެ ތެރެއިން އެކަކު ކަމަށް ބުނުމެވެ.“

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *