ހަނގުރާމައިގެ ޖަރީމާތަކުގެ ކުށުގައި، ޝައިޠާންޔާހޫއާއި، ޑޮނަލްޑް ޓުރަމްޕަށް ޙައްޤު އަދަބު ލިބެން ޖެހެއެވެ. އަދި އެ އަދަބަކީ އެ ދެ ޝައިޠާނުން ދަންޖައްސައި މެރުމެވެ. އިޒުރޭލުން އާދައަކަށް ހަދާފައިވާ ނަސްލުހޭދުއާއި އަދި އެމެރިކާއިން ގަސްތުގައި އެކަމުގައި ބައިވެރިވެފައިވާތީ ޝައިޠާންޔާހޫއާއި އެމެރިކާގެ ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު ޑޮނަލްޑް ޓުރަމްޕް، މިހާރުން މިހާރަށް ހައްޔަރުކުރަން ޖެހެއެވެ!
ހަނގުރާމައިގެ އެންމެ 40 ދުވަހުގެ ތެރޭގައި އިޒުރޭލާއި، އެމެރިކާއިން ތަކުރާރުކޮށް، ޒުލްމުވެރި، ހަނގުރާމައިގެ ބޮޑެތި ޖަރީމާތަކެއް ހިންގާފައިވާ ކަމުގެ ބައިވަރު ހެކި އެބަހުއްޓެވެ. އެކުވެރި ދައުލަތްތަކުގެ މުނައްޒަމާގެ މުޙައްޤިޤުންނާއި، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާޢަތްތަކުންނާއި، އަދި އެމެރިކާ ސަރުކާރުގެ ލީކުވެފައިވާ ރިޕޯޓްތަކުން، ދެބަސްވެވެން ނެތް މިންވަރަށް އެކަން ސާބިތުކޮށްދެއެވެ. އެގޮތުން، ގަސްތުގައި ސްކޫލްތަކާއި، ހޮސްޕިޓަލްތަކަށް ބޮން އެޅުމުން ފެށިގެން، މުޅި އާބާދީއެއް ނިޒާމީ ގޮތެއްގައި ބަނޑުހައިހޫނުކަމުގެ ތެރެއަށް ވައްޓައިލުމާ ހަމައަށް، އިޒުރޭލުން ވަނީ އެމީހުންނަކީ އާދަކޮށް ހަނގުރާމައިގެ ބޮޑެތި ޖަރީމާތަކެއް ހިންގާ ބައެއްކަން ޝައްކެއްނެތް މިންވަރަށް ސާބިތުކޮށްދީފައެވެ.
ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުން، އިޒުރޭލުގެ ބޮޑުވަޒީރު ޝައިޠާންޔާހޫއާއި، ކުރީގެ ދިފާޢީ ވަޒީރު ޔޯއަވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރު ނެރެފައިވަނީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ޑިސެމްބަރު 2025 ގައި ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުގެ އިސްތިއުނާފު ޗެމްބަރުން ވަނީ އިޒުރޭލުގެ ގޮންޖެހުންތަކަށް ރައްދުދީ، އެ އަމުރުތަކުގެ ޞައްޙަކަން ކަށަވަރު ކޮށްދީފައެވެ.
އެކަމަކު، ޢަދުލު އިންސާފު ޤާއިމުކޮށް ދިނުމުގެ ބަދަލުގައި، އެމެރިކާގެ ކުރީގެ ރައީސް ޓުރަމްޕް އަލުން އަނބުރާ ވެރިކަމަށް އައިސް، ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުގެ ވަކިވަކި އޮފިޝަލުންނަށް އަމާޒުކޮށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، އެމީހުންގެ މުދާ ގަނޑުކޮށް، ދަތުރުފަތުރު ކުރުން މަނާކޮށް، އެތައް ތަކުލީފެއް އެމީހުންނަށް ޖެއްސިއެވެ. އަދި ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓަކީ ”ޣައިރު ގާނޫނީ“ ތަނެއް ކަމަށް ބުނެ، ކުރިން ދޫނުކޮށް ހިފަހައްޓާފައިވާ 2،000 ޕައުންޑްގެ ބޮމާއި، މިސައިލާއި، ހަތިޔާރު އިޒުރޭލަށް ދޫކުރުމަށް ރުހުން ދިނެވެ. އެމެރިކާ ސަރުކާރުގެ ލީކުވެފައިވާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، އިޒުރޭލުގެ އަސްކަރިއްޔާއިން، ޣައްޒާގައި އިންސާނީ ޙައްޤުތަކާ ޚިލާފު ”އެތައް ސަތޭކަ“ ޖަރީމާއެއް ހިންގާފައިވެއެވެ. އެމެރިކާގެ ޤާނޫނުތައް ބުނާގޮތުން، އެފަދަ ޖަރީމާތައް ހިންގާ ފަރާތްތަކަށް އެއްވެސް ބާވަތެއްގެ އެހީއެއް ދިނުމަކީ މަނާ ކަމެކެވެ. އެހެންކަމުން، ޓުރަމްޕްގެ ސަރުކާރުން ވަނީ، ކަނޑައެޅިގެން އެ ޤާނޫނާއި ޚިލާފުވެފައެވެ.
އިޒުރޭލުގެ ޙަމަލާތަކަށް ޖާސޫސީ މަޢުލޫމާތު ފޯރުކޮށްދޭ އެމެރިކާގެ އޮފިޝަލުންނަކީ، ހަނގުރާމައިގެ ޖަރީމާތަކުގެ ގާނޫނީ ޒިންމާ އުފުލަންޖެހޭ ބައެއް ކަމަށް ބުނެ، ހިއުމަން ރައިޓްސް ވޮޗުން ވަނީ އިންޒާރު ދީފައިވެއެވެ. އެކަމަކު، ބޮމުގެ ޙަމަލާތައް ދިޔައީ މެދުނުކެނޑި ކުރިއަށެވެ.
2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް، ޣައްޒާގެ ޞިއްޙީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ފަލަސްޠީނުގެ 70،000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ. އޭގެފަހުން، ފާއިތުވި 40 ދުވަހުގެ ތެރޭގައި، އެ ޢަދަދުގެ ތެރެއަށް 8،000 އަށް ވުރެ ގިނަ މީހުން ވަނީ އިތުރުވެފައިވެއެވެ.
ހަނގުރާމައިގެ ޖަރީމާތަކުގެ ގޮތުގައި، ތިރީގައި މި ބަޔާންކުރާ ކަންތައްތައް ވަނީ ލިޔެކިއުންތަކަށް ތިރިކުރެވިފައެވެ.
- ގެދޮރު ގެއްލިފައިވާ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބޭނުންކުރި ސްކޫލްތަކަށް، އިޒުރޭލުން ބޮންއަޅާފައިވެއެވެ. އެކުވެރި ދައުލަތްތަކުގެ މުނައްޒަމާގެ ތަޙުޤީޤުން ހާމަކޮށްފައިވާ ގޮތުގައި، އަސްކަރީ އެއްވެސް ބޭނުމެއް ނެތި ޣައްޒާގެ 90 އިންސައްތަ ސްކޫލްތައް ވަނީ ހަލާކުކޮށް ނައްތާލާފައެވެ. 19 ޑިސެމްބަރު 2025 ގައި، ޣައްޒާގެ އަލް ދުއްރާ ހަސްފަތާލު ކައިރީގައި ހުރި އާންމުން ދިރިއުޅެމުން ދިޔަ ސްކޫލަކަށް އިޒުރޭލުން ދިން ވައިގެ ޙަމަލާއެއްގައި މަދުވެގެން ހަތް ކުޑަކުދިން ޝަހީދު ކޮށްލާފައިވެއެވެ.
- ހަސްފަތާލުތަކާއި، ޞިއްޙީ ފަރުވާދޭ ކުލިނިކުތަކަށް އަމާޒުކޮށްގެން ޙަމަލާދިނުމަކީ އިޒުރޭލުގެ އާދައެކެވެ. ޑެއިރް އަލް ބަލާހުގެ، އަލް އަޤްސާ ހަސްފަތާލަށް މަދުވެގެން ދިހަ ފަހަރު ބޮން އަޅާފައިވެއެވެ. ޙަމަލާދޭ ތަންތަނަށް، ކުއްލި ފަރުވާ ފޯރުކޮށް ދިނުމަށްދާ ޞިއްޙީ ޚިދުމަތްތެރިން ނިޒާމީ ގޮތެއްގައި ހުއްޓުވާފައިވެއެވެ.
- އިޒުރޭލުންވަނީ ބަނޑަށްޖެއްސުމާއި، ބަނޑުހައިހޫނުކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްފައެވެ. އިޒުރޭލުން އެއްކޮށް ޙިޞާރުކޮށްފައިވާ އަވަށްތަކާއި، ރަށްތަކުން، ފެނާއި، ކާނާއާއި، ކަރަންޓާއި، ބޭހާއި، ތެޔޮ ލިބޭނޭ ހުރިހާ މަގެއް ބަންދުކޮށް ފަލަސްޠީނުގެ ރައްޔިތުން ބަނޑަށް ޖައްސާފައިވެއެވެ. އޭގެ ސަބަބުން އެކުވެރި ދައުލަތްތަކުގެ މުނައްޒަމާއިން ނިންމާފައިވަނީ، އެއީ އިޒުރޭލުން، ފަލަސްޠީނުގެ ރައްޔިތުން ޖިސްމާނީގޮތުން ބަލިކަށިކޮށް، ނައްތާލުމަށްޓަކައި ރާވައިގެން، އިންސާނުންގެ ދިރިހުރުމާއި ގުޅިފައިވާ ޙާލަތެއް އުފައްދައި، ތަންފީޒު ކުރަމުންދާ ކަމަށެވެ. ވީމާ، އިޒުރޭލުގެ އެ ޖަރީމާއަކީ، 09 ޑިސެމްބަރ 1948 ގައި އެކުވެރި ދައުލަތްތަކުގެ މުނައްޒަމާގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ، ”ނަސްލުހޭދު ހުއްޓުވުމާއި، އަދަބުދިނުމުގެ މުޢާހަދާގައި“ ގައި ބަޔާންކޮށްފައިވާ ނަސްލުހޭދައިގެ ޢަމަލެކެވެ.
- އިޒުރޭލުން ވަނީ އެހީދޭ ތަންތަނަށް ކާނާއާއި، ބޯފެން ހޯދުމަށް އެއްވެފައިވާ އާންމުންނަށް ތަކުރާރުކޮށް ޙަމަލާދީ އެތައް ބަޔަކު ޝަހީދުކޮށްލާފައެވެ. އިޒުރޭލުގެ ސިފައިން ހާރޓެޒް ނޫހަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ކާބޯތަކެތި ދޫކުރާ ތަންތަނަށް، އެއްވާ އާންމުންގެ ގަޔަށް ބަޑިޖަހަން އިޒުރޭލުގެ އަސްކަރިއްޔާއިން އަމުރުކޮށްފައިވާ ކަމަށެވެ. އެހީދޭ ތަންތަނަށް ދީފައިވާ ވައިގެ ޙަމަލާތަކާއި، ބޮން ގޮއްވުމާއި، ބަޑިޖެހުމުގެ ސަބަބުން ފަލަސްޠީނުގެ 500 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވެއެވެ.
އިޒުރޭލަކީ ހަނގުރާމައިގެ ޖަރީމާތައް ހިންގުން، އާދައަކަށް ހަދާފައިވާ ޝައިޠާނީ ކިއާނެކެވެ. އެއީ އާންމު އުސޫލާއި ޚިލާފުވުމެއް ނޫނެވެ. އިޒުރޭލުން އެތައް ދަސްއަހަރެއް ވަންދެން، އެކުވެރި ދައުލަތްތަކުގެ މުނައްޒަމާގެ ޤަރާރުތަކާއި ޚިލާފުވެފައިވާކަން، އެ އިދާރާގެ ރިޕޯޓްތަކުގައި އެހުރީ ފެންނާށެވެ. 2024 ވަނަ އަހަރު އެކުވެރި ދައުލަތްތަކުގެ މުނައްޒަމާގެ ”އިންކުއަރީ ކޮމިޝަނުން“ ހޯދާފައިވާ ހެކިތަކަށް ބަލާއިރު، އިޒުރޭލުން ހަނގުރާމައިގެ ޖަރީމާތަކަށް ޒިންމާވާން ޖެހޭކަމާއި، އިންސާނިއްޔަތާއި ދެކޮޅު ޖަރީމާތައް ހިންގާފައިވާ ކަމާއި، އަދި ޣައްޒާގައި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފުވެފައިވާކަން ފާހަގަކޮށްފައިވެއެވެ. އަދި، އޭގެކުރިން ތަޙުޤީޤުކޮށްފައިވާ މައްސަލައެއްގައި، ”ޖެނޮސައިޑް ކޮންވެންޝަން“ ގައި ބަޔާންކޮށްފައިވާ ފަސް މާއްދާގެ ތެރެއިން، ހަތަރު މާއްދާއަކާއި އިޒުރޭލު ޚިލާފުވެ ނަސްލުހޭދުގެ ޢަމަލުތަކެއް ހިންގާފައިވާކަން ފާހަގަ ކޮށްފައިވެއެވެ. އަދި އެކަމަށް ހިތްވަރުދީ، އެ ޢަމަލުތައް ހިންގުމުގައި އިސްދައުރެއް އަދާކޮށްފައިވާތީ، ޝައިޠާންޔާހޫއާއި، ރައީސް އައިސާކް ހަރޒޮގްއާއި އަދި ގެލަންޓުގެ ނަން، އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެކުވެރި ދައުލަތްތަކުގެ މުނައްޒަމާގެ ކޮމިޝަނުގެ ޗެއަރ ނަވީ ޕިއްލޭ ވިދާޅުވާ ގޮތުގައި، ޣައްޒާގެ ހަނގުރާމައަކީ ”1948 ގެ ފަހުން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގޭ އެންމެ ރަޙުމުކުޑަ، ދިގު ދެމިގެންދާ އަދި އެންމެ ފުޅާކޮށް ދެވޭ ޙަމަލާއެވެ.“ އެކަމަނާ އިންޒާރު ދެއްވި ގޮތުގައި، ”ނަސްލުހޭދުގެ ސާފު ނިޝާންތަކާއި، ހެކިތައް ފެންނަ އިރު، އެކަން ހުއްޓުވުމަށް ފިޔަވަޅު ނޭޅުމަކީ އެކަމުގައި ބައިވެރިވުމެވެ.“
އިޒުރޭލުން ޣައްޒާގައި ހިންގަނީ ނަސްލުހޭދު ކަމަށާއި، ވަކިން ޚާއްޞަކޮށް ފަލަސްޠީނުގެ ރައްޔިތުން ފަނާކޮށްލުމަށް ހިންގާފައިވާ ޢަމަލުތަކެއް ކަމަށް، ސެޕްޓެމްބަރު 2025 ގައި، އެކުވެރި ދައުލަތްތަކުގެ މުނައްޒަމާގެ އިންކުއަރީ ކޮމިޝަނުން ރަަސްމީކޮށް ވަނީ ނިންމާފައެވެ.
ޓުރަމްޕާއި، ޝައިޠާންޔާހޫއަކީ ދުނިޔެއަށް، މުޖުތަމަޢަށް ދޫކޮށްލާފައި ބައިތިއްބަންޖެހޭ ވަރަށް ވުރެ، އިންސާނިއްޔަތަށް ނުރައްކާތެރިކަން ބޮޑު ދެ ޒާލިމުންނެވެ. އެދެމީހުން ހައްޔަރުކޮށް، އެމީހުންގެ މައްޗަށް ޝަރީޢަތް ހިންގަން ޖެހޭނެއެވެ.
ޝައިޠާންޔާހޫގެ މައްޗަށް، ބައިނަލްއަޤުވާމީ ޖިނާޢީ ކޯޓުން ނެރެފައިވާ އަމުރު ވަރަށް ސާފެވެ. އެކަމަކު، ޓުރަމްޕް އިޒުރޭލް ޙިމާޔަތްކޮށް، ބައިނަލްއަޤުވާމީ ޢަދުލު އިންސާފު ހުއްޓުވައި، އަދި ޝަޚުޞީގޮތުން ފަލަސްޠީނުގެ މުސްލިމުން ކަތިލުމަށް މަގުފަހިކޮށް ދިނުމުގެ ސަބަބުން، އޭނާއަކީވެސް، އެ ޖަރީމާގެ ފުރިހަމަ ބައިވެރިއެކެވެ. ޤާނޫނީ ތަޖުރިބާކާރުން ބުނާ ގޮތުގައި، ޓުރަމްޕްގެ ޢަމަލުތަކަކީ، ބައިނަލްއަޤުވާމީ ޖިނާއީ ކޯޓު ތައުސީސްކުރުމުގެ މުޢާހަދާ ކަމަށްވާ ”ރޯމް ސްޓެޓިއުޓްގެ“ ދަށުން، ހަނގުރާމައިގެ ޖަރީމާތަކާއި، އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް އެހީތެރިވުމާއި، އެއްބާރުލުން ދިނުމުގެ ހުދޫދުގެ ތެރެއަށް ފެތޭނޭ ޢަމަލުތަކެކެވެ.
އެހެންކަމުން، އެ ދެ ޝައިޠާނުން ވަގުތުން ހައްޔަރުކޮށް ބައިނަލްއަޤުވާމީ ޓްރައިބިއުނަލެއްގެ ކުރިމައްޗަށް ހާޒިރުކުރަން ޖެހެއެވެ. އެއްވެސް ޑިޕްލޮމެޓިކް އިސްތިސްނާއެއް ދެވިގެން ނުވާނެއެވެ. ދުނިޔެއިން ބޭނުންވަނީ އިންސާފު ހެއްޔެވެ؟ ނުވަތަ އަނިޔާވެރިކަމުގެ ކުރިމަތީގައި ހިމޭނުން ތިބޭނީ ހެއްޔެވެ؟ މިއީ، އަނިޔާވެރިކަމާ ދެކޮޅަށް ތެދުވަންވީ ވަގުތެވެ. މިއީ، އަނިޔާވެރިކަމާ ދެކޮޅަށް އަޑު އުފުލަންވީ ވަގުތެވެ.






