ބަނގްލަދޭޝްގެ މީހެއްގެ ކަރަށް ތޫނުއެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ އެގައުމުގެ އަންތަރު މުއްލާ ހަތް ދުވަހަށް ބަންދު ކުރުމަށް ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.
އަންތަރު މުއްލާގެ މައްޗަށް ތުހުމަތު ކުރެވެނީ އޭޕްރީލް 17 ވަނަ ދުވަހުގެ ރޭ ދަންވަރު މާލެ، ކަރަންކާ މަގުގައި ހުރި ބަނގްލަދޭޝްގެ ރައްޔިތެއްގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްފައިވާ ކަމަށެވެ.
އެ ތުހުމަތުގައި އޭނާ ހައްޔަރުކޮށްފައި ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ގެންދިޔައީ މިއަދުއެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ވެސް ކޯޓު އަމުރެއް ހޯދައިގެންނެވެ.
ޒަޚަމްވި މީހާއަށް މިހާރުވެސް ދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.






