ވައިގެމަގުން ރާއްޖެއަށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފި ކަމަށް ދިވެހިފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ހައްޔަރުކޮށްފައިވާ ދެމީހުންނަކީ، ގ. މުތީގޭ، ޢަލްޔާ ޝަރްސާ ނަޞީރާއި، ކ. ތުލުސްދޫ، ބިޖިލީއުފާ، އާމިނަތު ރޫނާ އެވެ.
މި ދެމީހުންގެ ތެރެއިން ޢަލްޔާ ޝަރްސާ ނަޞީރު ހައްޔަރުކޮށްފައި ވަނީ މި އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭގައެވެ. އޭނާ ހިފެހެއްޓީ ކަސްޓަމްސްއިންނެވެ. ފުލުހުންނާ އޭނާ ހަވާލުކުރީ ކަސްޓަމްސް އިން ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެނެސްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
އާމިނަތު ރޫނާ ހައްޔަރުކޮށްފައި ވަނީ މި މައްސަލައާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މި އެޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައި ހުޅުމާލެއިން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.






