ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލައްވަން ނިންމެވުމަކީ އެ ޕާޓީއަށް ރަން ޒަމާނަކަށް ކުރާ އުންމީދު ބޮޑުތަނުން އާވެގެން ދިޔަ ކަމެއް ކަމަށް އެމްޑީޕީގެ ފައުންޑަރިން މެންބަރެއް ކަމަށްވާ އަހުމަދު ޝަފީގު (މީމު ސައްޕެ) ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ވާދަކުރައްވާނޭކަން އިއުލާން ކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ރައީސް ނަޝީދުގެ މި ނިންމެވުމަށް ސައްޕެވަނީ މަރުޙަބާ ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދަށް ފުރުސަތު ބޮޑުތަނުން ފަހިކުރުމަށްޓަކައި ޗެއަރޕާސަން ކަމަށް ކުރިމަތިލައްވަން ގެންގުޅުއްވި ޚިޔާލު މިހާރު ދޫކޮށްލައްވައިފި ކަމަށް ސައްޕެ ވަނީ ވިދާޅުވެފައެވެ.
”މަރުޙަބާ ރައީސް ނަޝީދު ! ރައީސް ނަޝީދު އެމްޑީޕީގެ ޗެއަރޕާސަން ކަމަށް ކުރިމަތިލައްވަން ނިންމުމަކީ އަޅުގަޑުމެންނަށް ލިބިގެންދިޔަ ވަރަށްބޮޑު އުފަލެއް! ރައީސް ނަޝީދު އެމްޑީޕީގެ ޗެއަރޕާސަން ކަމަށްކުރިމަތި ލެއްވުމަށް ނިންމެވުމާގުޅިގެން، އަޅުގަނޑު ޗެއަރޕާސަންކަމަށް ކުރިމަތިލުމަށް ގެންގުޅުނު ވިސްނުން ބަދަލުކޮށް ، އަޅުގަނޑާއި އަޅުގަނޑުގެ ޓީމުން ރައީސް ނަޝީދަށް ތާއިދުކުރާކަން ހާމަކުރަން،“ ސައްޕެ ވިދާޅުވެފައިވެފައިވެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ފައްޔާޒު އިސްމާޢީލް ވެރިކަމަށް ގެންނަވަން ތާއީދު ކުރައްވާކަން ހާމަ ކުރައްވައިފައެވެ. އަދި ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރައްވާނޭ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.






