ބައެއް ނޫސްވެރިންގެ ސަބަބުން މުޖްތަމަޢުގައި އޮންނަންޖެހޭ އަދަބު އަޚްލާގު ގެއްލޭ ކަމަށް ކުރީގެ ފޮރިންމިނިސްޓަރ ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. އަދި އެކަކު އަނެކަކާ މެދު އޮންނަ އިތުބާރު ވެސް ގެއްލޭގޮތް މެދުވެރިވާ ކމަށް ވިދާޅުވެފައިވެއެވެ.
”މިނިވަން ނޫސްވެރިކަމުގެ ނަމުގައި، ބައެއް ނޫސްވެރިން އެތައް ބައެއްގެ ބޮލުގައި ދޮގު އިލްޒާމް އަޅުވައި، މުޖުތަމަޢު ތެރޭގައި ނަފްރަތާއި ފަސާދަ އުފައްދަމުން ދާއިރު އެކަންކަން ބެލެން ވާނެ. މިފަދަ މަދު ”ނޫސްވެރިން“ގެ ސަބަބުން މުޖްތަމަޢުގައި އޮންނަންޖެހޭ އަދަބު އަޚްލާގު ގެއްލި، އެކަކު އަނެކަކާ މެދު އޮންނަ އިތުބާރު ގެއްލެން މެދުވެރިވެ،“ ޑރ. ޚަލީލް ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވެފައިވަނީ މިފަދަ މަދު ނޫސްވެރިން ގެ ސަބަބުން މުޅި ނޫސްވެރިކަމުގެ ޕްރޮފެޝަނަށް ހުތުރު ނަމާއި ބަސްތައް އަމާޒުވާ ކަމަށެވެ.
”އަޅުގަނޑު ދެކޭ ގޮތުގައި މިފަދަ ވިޔާނުދާ ކަންކަން ނޫސްވެރިކަމުގައި ދިމާވަނީ، ރާއްޖޭގައި ނޫސްވެރިއަކަށް ވުމަށް އެއްވެސް މިންގަނޑެއް، ޝަރުތެއް އަދި ފުރިހަމަ ކުރަންޖެހޭ ތަމްރީނެއް ވެސް ނެތުމުން. ގައުމެއްގެ ހަތަރުވަނަ ބާރަކީ ނޫސްވެރިކަން ކަމަށް ބުނެއުޅޭއިރު، އެބާރުގެ ”ވަޒީފާ“ގައި ތިބެންވާނީ ވެސް އެކަށީގެންވާ ތަމްރީނުލިބިފައިވާ، ކަނޑައެޅޭ ޝަރުތު ތަކެއް ފުރިހަމަވާ ހުނަރުވެރިން،“ އޭނާ ވިދާޅުވެފައިވެއެވެ. މިނިވަން އަދި ޒިންމާދާރު ނޫސްވެރިކަމަކީ ގައުމުގެ އިޖްތިމާއި ފޭރާމުގެ މުހިންމު ގުނަވަނެއް ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
ޑރ. ޚަލީލް މިހެން ވިދާޅުވެފައިވަނީ އަދަދު ނޫހުން ތައްޔާރުކުރި ޑޮކިޔުމެންޓްރީއަކާ ގުޅިގެން އެ ނޫހުގެ އޮފީސް ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދަނިކޮށްނެވެ. މި ކަމާ ގުޅޭގޮތުން ކުރީގެ ނޫސްވެރިޔާ ހުސައިން ހަސަން ވިދާޅުވެފައިވަނީ ފުލުހުން އެ ހައްދަވަނީ ގޯހެއް ކަމަށެވެ.
“މި ހަދަނީ ގޯސް، އެންމެ ބޮޑު ގޯސް. ނޫސްވެރިއަކު ލިޔާ ލިޔުމަކާ ގުޅިގެން، އަދި އާންމުކުރާ މަންޒަރަކާ ގުޅިގެން ޖިނާއީ ތަހުގީގެއް ނުހިންގޭނެ،“ އޭނާ ވިދާޅުވެފައިވެއެވެ. ”އަދަދު ނޫހުގެ އޮފީހަށް ވަދެގެން ތިޔަ ހިންގާ ޖަރީމާ ހުއްޓާލާ،“ އެކްސްގައި ހުސައިން ވިދާޅުވެފައިވެއެވެ.






