މޯލްޑިވްސް ޑިޖިޓަލް ސަމިޓް 2026އިން ހާމަކޮށްދިނީ ޓެކްނޮލޮޖީއާ ގުޅިގެން މަސައްކަތްކުރުމުގެ ތެރެއިން އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ނިޒާމު ބަދަލުކުރުމަށް ސަރުކާރުން ދެމިތިބި ކަމުގެ ފުރިހަމަ ޔަގީންކަން ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ އަދި މޯލްޑިވްސް ޑިޖިޓަލް ސަރވިސްގެ އިސްވެރިޔާ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.
”މޯލްޑިވްސް ޑިޖިޓަލް ސަމިޓް 2026“ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޑރ. ކިނާނަތު ވިދާޅުވީ މޯލްޑިވްސް ޑިޖިޓަލް ސަމިޓް 2026 އިން ހާމަކޮށްދެނީ ޓެކްނޮލޮޖީ އާއި، އީޖާދީ އުފެއްދުންތެރިކަމާއި، އަދި ގުޅިގެން މަސައްކަތްކުރުމުގެ ތެރެއިން އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ނިޒާމު ބަދަލުކުރުމަށް ސަރުކާރުން ދެމިތިބި ކަމުގެ ފުރިހަމަ ހެއްކެއް ކަމަށެވެ.
ދުނިޔޭގެ ފެންވަރުގެ ތަޖުރިބާއާއި ޤައުމީ ލީޑަރޝިޕް ގުޅުވާލައިގެން، ސަމިޓުން ވަނީ ޓެކްނޮލޮޖީގެ ތަޞައްވުރު ޢަމަލީ ސިފައަކަށް ބަދަލުކޮށްފައިކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިއީ ދިވެހިރާއްޖެއަށް ވިލުންތެރި، ޑޭޓާއަށް ބިނާކޮށްފައިވާ، އަދި ރައްޔިތުންނަށް އިސްކަންދޭ ޑިޖިޓަލް މުސްތަޤުބަލެއްގެ ބިންގާ އެޅުން ކަމަށެވެ.
މި ސަމިޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ”މޯލްޑިވްސް 2.0″ގެ ތަޞައްވުރު ކުރިއެރުވުމަށްޓަކައި ބައިނަލްއަޤްވާމީ ތަޖުރިބާ އާއި، ރަނގަޅު އުސޫލުތަކާއި، ޢަމަލީ ފިލާވަޅުތައް ޙިއްޞާކުރުމަށް ބޭއްވި ސަމިޓެކެވެ.
މޯލްޑިވްސް ޑިޖިޓަލް ސަމިޓް 2026ގައި ޤައުމީ އިސްވެރިންނާއި، ބައިނަލްއަޤްވާމީ ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އަދި ދުނިޔޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ތަޖުރިބާކާރުން އެއްތަނަކަށް ޖަމާވެ، މުހިންމު ޑިޖިޓަލް ޕަބްލިކް އިންފްރާސްޓްރަކްޗަރ އިސްނެގުންތަކުގެ ކުރިއެރުން ހަލުވިކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ޑރ. ކިނާނަތު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަމިޓް ފަރުމާކުރީ މުއައްސަސާތަކުގެ މެދުގައިވާ ގުޅުން ހަރުދަނާކުރުމަށާއި، އާންމު ޚިދުމަތްތައް ޒަމާނީކުރުމަށާއި، އަދި ޑޭޓާއަށް ބިނާކޮށް ވެރިކަން ހިންގުމަށް މަގުފަހިކުރުމަށް މަތީ ފެންވަރުގެ މަޝްވަރާތަކާއި ޢަމަލީ ބައިވެރިވުން އިތުރުކުރުމަށް ކަމަށެވެ.
މޯލްޑިވްސް 2.0ގެ ތަޞައްވުރުގައި ކަނޑައަޅާފައިވަނީ ރައްޔިތުންނަށް އަވަސް އަދި ހާމަކަން ބޮޑު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށާއި މިއީ ހަމަގައިމުވެސް ޤައުމުގެ މިސްރާބު އަލުން ކަނޑައަޅައިދޭނެ މުހިންމު އިސްނެގުމެއްކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ސަބަބުން 2040 ވަނަ އަހަރު އަންނަންވާއިރަށް ތަރައްޤީވެފައިވާ ޤައުމެއްގެ ދަރަޖަ ހާސިލުކުރުމަށް ސަރުކާރުން ގެންގުޅޭ ފުޅާ ތަޞައްވުރަށްވެސް އެހީތެރިވެދޭނެ ކަމަށް ޑރ. ކިނާނަތު ވިދާޅުވިއެވެ.






