މައްސަލަ ކޯޓަށް ވެއްދީ ރައީސް ނަޝީދުގެ ފަރާތަކުން ނޫން

މުހައްމަދު އަލީ
އޭޕްރިލް 23, 2026

އެމްޑީޕީއަށް ދައުވާކޮށް ސިވިލްކޯޓަށް މިއަދު ހުށަހެޅި މައްސަލައަކީ ރައީސް މުޙައްމަދު ނަޝީދުގެ ފަރާތްޕުޅުން ހުށަހެޅުއްވީ މައްސަލައެއް ނޫންކަމަށް އެމަނިކުފާނުގެ ކެންޕޭން ޓީމުން ވިދާޅުވެއްޖެއެވެ. މި މައްސަލައަކީ ރައީސް ނަޝީދުގެ ކެންޕޭން ޓީމުން ހުށަހެޅި މައްސަކައެއް ކަމަށް ބުނެ ފަތުރަމުން ގެންދަނީ ދޮގުވާހަކަތަކެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ރައީސް ނަޝީދުގެ ކެންޕޭން ޓީމުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ އަސްލެއްނެތް މިބާވަތުގެ ދޮގުވާހަކަ ފެތުރުމަކީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކަށް އޮންނައިތުބާރު ގެއްލޭނޭ ކަމެއް ކަމަށެވެ. އަދި ޕާޓީގެ އެތެރޭގެ މަސްލަހަތަށް ހިޔަނިއެޅޭނޭ ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

”މިކެންޕޭނުގެ ފަރާތުން އެދެނީ ވީހާވެސް އަވަހަށް ވޯޓުލުމުގެ ފުރުސަތު އެމްޑީޕީގެ އާންމު މެންބަރުންނަށް ލިބުމެވެ. ޕާޓީގެ މަގާމުތަކާއި ނިންމުތަކަށް އިތުބާރާއި ޔަގީންކަން އަދި ސައްހަކަން ލިބިދެވޭނީ އިންތިޚާބުތަކުން ކަމުގައި ދެކެމެވެ.“ ރައީސް ނަޝީދުގެ ކެންޕޭން ޓީމުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

އެ މައްސަލަ ސިވިލްކޯޓަށް ހުށަހެޅުއްވީ ޤާނޫނީ ވަކީލު އަލްއުސްތާޒު އަބްދުﷲ ޝާއިރު ކަމަށްވެސް ވިދާޅުވެފައިވެއެވެ. އޭނާ އެމައްސަލަ ހުށަހެޅުއްވީ އަމިއްލަ ހައިސިއްޔަތުން ކަމަށް ވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ. އެ މައްސަލަ ކޯޓަށް ވެއްދީ އެމްޑީޕީގެ އަސާސީގަވާއިދުގެ 46 ވަނަ މާއްދާއާ ޚިލާފަށް އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގެ ރައީސްގެ އެއްވެސް އިރުޝާދެއް ނުވަތަ އެންގުމެއްނެތި ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އޭގެ ބަދަލުގައި އެކަންކޮށްފައިވަނީ  އިންތިޚާބާ ބެހޭ ކޮމިޓީން އަމިއްކަ ގޮތްތަކެއް ނިންމައި އިންތިޚާބު އިންތިޒާމް ކުރަމުން ދިއުމުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން  ޕާޓީގެ ލީޑަރޝިޕާއި އިންތިޚާބާބެހޭ ކޮމިޓީން އެމްޑީޕީގެ އަސާސީ ގަވާއިދަށް ފުރިހަމައަށް އަމަލުކުރުމަށް އަމުރުކޮށްދިނުމަށް

އެދައުވާގައި ވަނީ އެދިފައެވެ.

”މި ކެންޕޭނުގެ ފަރާތުން ހިންގާ ހަރަކާތްތަކާއި ނިންމާ ނިންމުންތައް އަދި އަޅާފިޔަވަޅުތައް މި ކެންޕޭނުގެ ފަރާތުން ގަވާއިދުން އާންމުކުރަމުން ގެންދާނޭ ވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ.“

މި ލިޔުމާ ގުޅޭ