މިފްކޯގެ އުފެއްދުންތައް ސްރީލަންކާއަށް ތަޢާރަފުކޮށްފި 

ހިރި ނިއުސް
މެއި 5, 2026

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ އުފެއްދުންތައް، އަވަށްޓެރި ސްރީލަންކާގައި ތަޢާރަފުކުރުމުގެ ގޮތުން އެ ޤައުމުގެ ވެރިރަށް ކޮލަމްބޯގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

މި ރަސްމިއްޔާތުގައި، މިފްކޯގެ އުފެއްދުންތައް ދައްކާލުމުގެ އިތުރުން، އެ ތަކެތި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ސަގާފީ ’މަލާފަތެއް‘ ވަނީ ތަޢާރަފުކޮށް ދައްކާލާފައެވެ. މިއީ މިފްކޯގެ ”ވެލިއު-އެޑެޑް“ މަހުގެ އުފެއްދުންތަކުގެ ވިޔަފާރި ފުޅާކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

މި ރަސްމިއްޔާތުގައި ސްރީލަންކާގެ މިނިސްޓަރ އޮފް ޓްރޭޑް، ކޮމާސް، ފުޑް ސެކިއުރިޓީ އެންޑް ކޯޕަރޭޓިވް ޑިވެލޮޕްމަންޓް، ވަސަންތަ ސަމަރަސިންހަ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ދެ ގައުމުގެ ދެމެދުގައި އޮތް އިސްތިރާޖީ ވިޔަފާރީގެ ގުޅުމަށް މި އިސްނެގުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ކާބޯތަކެތި ތައްޔާރުކޮށް ދައްކާލުމަށް ޚާއްޞަ ކޮށްފައިވާ ސަރަހައްދަށް ޒިޔާރަތްކުރައްވައި، މިފްކޯގެ ބްރޭންޑްގެ ދަށުން ފޯރުކޮށްދެވޭ އުފެއްދުންތައް ބައްލަވާލައްވައި، ތައްޔާރުކޮށްފައިވާ ބައެއް ކާނާގެ ރަހަ ބައްލަވާލައްވާފައެވެ.

މި ހަރަކާތް ބޭއްވުނީ ރައީސުލްޖުމްހޫރިއްޔާ މިހާރު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ހަވާސާގައެވެ.

ޚަބަރާއިފޮޓޯ: ރައީސް އޮފީސް

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *