ޗުއްޓީ ދަތުރުފުޅުތައް ނުވަތަ އަމިއްލަފުޅުތަކަށް ސަރުކާރުގެ ފައީސާއިން ޚަރަދު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ޗުއްޓީއަށް ވަޑައިގަންނަވާއިރު ހުރިހާ ޚަރަދެއް ކުރައްވަނީ އަމިއްލަފުޅަށް ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ޚަރަދު ކުރެއްވުމަކީ ޤާނޫނުން އެމަނިކުފާނަށް ލިބިދީފައިވާ އިނާޔަތެއް ކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑު މިމަގާމާ ހަވާލުވި ދުވަހުން ފެށިގެން މިއަދާ ހަމައަށް އަމިއްލަ އެއްވެސް ދަތުރެއަގައި އެއްވެސް ކަމެއްގައި އަޅުގަނޑުގެ އަމިއްލަ ކަމެއްގައި އަޅުގަނޑުގެ އާއިލާގެ ކަމެއްގައި ސަރުކާރުގެ އެންމެ ފައިސާ ފޮއްޗެއްވެސް ރައްޔިތުންގެ އެންމެ ފައިސާ ފޮއްޗެއް ވެސް ބޭނުންކޮށްފައެއް ނޯންނާނެ،“ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ބައެއްފަހަރު ޗުއްޓީއަށް ވަޑައިގެންނެވި ނަމަވެސް އެއީ ޗުއްޓީ ދަތުރުފުޅަކަށް ނުވާކަމަށް ވެސް މިއަދު ވިދާޅުވިއެވެ. އެފަދަ ދަތުރުފުޅުތަކުގައި އަރިހުގައި ވަޑައިގަންނަވާ ރައީސް އޮފީހުގެ މުވައްޒަފުގެ ޚަރަދުވެސް އަމިއްލަފުޅަށް ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތަށް ހައްދަވާތީ އެކަން އެގޮތަށްނުކުރެއްވުމަށް ރައީސް އޮފީހުގެ ބައެއްބޭފުޅުން ވިދާޅުވާ ކަމަށް ވެސް ރައީސް މިއަދު ވަނީ ވިދާޅުވެފައެވެ.
”އަޅުގަނޑު ބައެއް ދަތުރުތަކުގައި ޗުއްޓީއަށް ދިޔަސް ޗުއްޓީއަކު ނޫންދަނީ. މިދެންނެވީ ރައީސް އޮފީހުން ކުއްޖަކު ދާނެ މިތަނުގެ (ރައީސް އޮފީހުގެ) ޕްރިންޓަރާއި ސްކޭނަރާއި ހުރިހާއެއްޗެއް ހިފައިގެން. ގޮސް އެތާގައި ސެޓުވެގެން މިކޮޅުން (ރައީސް އޮފީހުން) ފޮނުވާ ހުރިހާ ނޯޓުތަކާއި އެއްޗެހި ޕްރިންޓްކޮށް ސިޓީތަކާ އެއްޗެހި ޕްރިންޓްކޮށްހަދާ. އަޅުގަނޑު އެހުރިހާ އެއްޗެއްގައިވެސް ސޮއިކުރަން. އެކުއްޖާގެ ޚަރަދު ވެސް ބައެއްފަހަރު ހުންނާނެ އަޅުގަނޑު އަމިއްލައަށް ކޮށްފައި. ރައީސް އޮފފީހުގެ ބޭފުޅުން ވިދާޅުވޭ ތިޔަހެން ނުހައްދަވާށޭ. ތިޔައީ މިތާ ދުވަހަކުވެސް ކުރިކަމެއްނޫނޭ. އެކަމަކު އަޅުގަނޑަށް ގަބޫލް ނުކުރެވެނީ އަޅުގަނޑު ޗުއްޓީގައި މިހުރީ ގޮސް. މިއަދާ ހަމައަށް އައިރު އަޅުގަނޑުގެ އެއްވެސް ޚަރަދެއް އަދި އަޅުގަނޑުގެ އަންހެނުންގެ ވެސް، ދަރީންގެ ވެސް ނުހުންނާނޭ އަޅުގަނޑުގެ އެއްވެސް އަމިއްލަދަ ދަތުރެއްގައި ސަރުކާރުގެ ޚަރަދުކޮށްފައި. އެކަމަކު އެއީ ޤާނޫނުގައި ހުއްދަ ކަމެއް. އަޅުގަނޑަށް ހަމަ ޤާނޫނުގައި ލިބިފައިއޮތް އިނާޔަތެއް އެއީ އެފުރުސަތު ބޭނުން ކުރަން،“ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެމަނިކުފާނު އަމިއްލަ ދަތުރުފުޅުތަކަށް ސަރުކާރުން ޚަރަދު ނުކުރެއްވިޔަސް މިއަދާ ހަމައަށް އައިރު އެހެން ހުރިހާ ރައީސުން އެކަން ކުރެއްވި ކަމަށެވެ. އަދި މިހާރުވެސް ކުރީގެ ބައެއް ރައީސުން ރާއްޖެއިން ބޭރަށް ވަޑައިގަންނަވާއިރު ސަރުކާރުން ޚަރަދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އެކަން އެނގިވަޑައިގަންނަވަނީ ބިލުތައް ރައީސް އޮފީހަށް ލިބުމުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ”ބިލުތައް އަންނާނޭ ނޫންތޯ އަޅުގަނޑުމެންނަށް. ބިލުތައް އާދޭ،“ ރައީސް ވިދާޅުވިއެވެ. އެހެން ރައީސުން މިހާރުވެސް ސަރުކާރުގެ ޚަރަދުގައި އަމިއްލަ ދަތުރު ކުރެއްވިޔަސް އެމަނިކުފާނު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.





