މަސްތުވާތަކެތި ބޭނުންކުރާ މީހުން އެކަމުން ސަލާމަތް ކުރުމަށްޓަކައި ދޭންޖެހޭ ފަރުވާ ދިނުމަށް ބޭނުންވާ ބޮޑު ސެންޓަރެއް އަޅަން ސަރުކާރުން ނިންމަވައިފިއެވެ.
އެއްފަހަރާ 500 މީހުންނަށް ފަރުވާ ދެވޭ ވަރުގެ ބޮޑު ސެންޓަރެއް އެޅުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މަސްތުވާތަކެތީގެ ފަރުވާ ދިނުމަށް ރާއްޖޭގައި އެކަށައަޅާފައިވާ ނިޒާމުގައި ގިނަ މައްސަލަތަކެއް ހުރިކަން މި ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. އަދި އެކަން ހައްލުކޮށް، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން މުޖުތަމައަށް ނެރުމަށް ޚާއްޞަ ސިޔާސަތުތަކެއް އަންނަނީ އެކަށައަޅަމުން ކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.
އެގޮތުން ފަރުވާފުރިހަމަކޮށް މުޖުތަމަޢުއަށް ނިކުންނަ މީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައި ދިނުމަށް ސަރުކާރު ޙިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ފަރާތްތަކާއި އެކު މަޝްވަރާކޮށް މި މީހުންނާއެކު އެއްބަސްވުންތަކުން ސޮއިކުރުމުގެ މަސައްކަތްވެސް އެންޑީއޭއިން ވަނީ ފަށާފައި ކަމަށް ސަރުކާރން ވަނީ ވިދާޅުވެފައެވެ.
ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ޑްރަގްގެ ފަރުވާ ފޯރުކޮށްދޭ މައިގަނޑު އެއް މަރުކަޒަކީ ކ. ހިންމަފުށީގައި ޤާއިމްކޮށްފައިވާ ރިހެބިލިޓޭޝަން ސެންޓަރު ކަމަށެވެ.
މި ސެންޓަރުން އެންމެ އެދެވޭ ގޮތަށް ފަރުވާގެ ކަންކަން ކުރިއަށްނުދާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގައި 500 މީހުންނަށް އެއް ފަހަރާ ފަރުވާ ދެވޭ ވަރުގެ ސެންޓަރެއް އެޅުމުގެ މަސައްކަތް ފެށިގެންދާނޭ ކަމަށް ވިދާޅުވިއެވެ. އެތަން ވެގެންދާނީ ބައިނަލްއަޤްވާމީ ގޮތުން ގަބޫލުކުރާވަރުގެ ސެންޓަރަކަށް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ”އިރާދަކުރެއްވިއްޔާ އަންނަ މަހު އަޅުގަނޑުމެން ފަށާނަން. އަދި ނޭޝަނަލް ޑްރަގް އެޖެންސީގެ ސެޓަޕާއި ހުޅުމާލޭ ހާފްވޭ ހައުސްވެސް ހުރީ އެކަށީގެންވާ ފަރުވާ ފޯރުކޮށްދެވޭ ހާލަތެއްގައެއް ނޫން. އެހެންކަމުން އެ ދެ ތަންވެސް ޒަމާނީ ގޮތަށް ބަދަލުކޮށް ޚާއްސަ ފަރުވާ ދެވޭނެ ސެޓަޕެއްގެ މަސައްކަތްވެސް އެބަ ކުރަން،“ މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މަސައްކަތް ކުރައްވާނީ 18 މަސް ދުވަހުގެ ތެރޭގައި ހިންމަފުށީ ސެންޓަރުގެ މަސައްކަތް ނިންމާލަން ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ އިޖްތިމާޢީ އެންމެ ބޮޑު އެއް މައްސަލައެވެ. މިމައްސަލައަށް އެކަށީގެންވާ ހައްލެއް ގެންނެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަޢުދުފުޅެކެވެ.






