ދިވެހިރާއްޖޭގެ ތިމާވެށި ވަނީ ނާޒުކު ހާލަތެއްގައި ކަމަށް ތިމާވެށްޓާބެހޭ މިނިސްޓަރ އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
މިހާލަތަށް ތިމާވެށި ދިޔައީ މިންވަރަށްވުރެ އިތުރަށް މަސްވެރިކަން ކުރުމާއި، ގާ ހުދުވުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޭގެ ސަބަބުން ރާއްޖޭގެ ފަރުތަކަށް ލިބޭ ގެއްލުންތައް އިތުރުވެ ތިމާވެށި ނާޒުކު ފައްތަރެއްގައިވާ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ތަރައްޤީގެ ބޭނުންތަކާއި ދިގު މުއްދަތުގެ ދެމެހެއްޓެނިވި އަމާޒުތަކާ ދެމެދު ހަމަހަމަކަން ގާއިމުކުރުމަށްޓަކައި، ބައިނަލްއަޤްވާމީ ވަރުގަދަ ޕާޓްނަރޝިޕްތަކާއި، މެދުނުކެނޑި ލިބޭ އެހީތެރިކަން އަދި އެކުލަވާލެވިފައިވާ ސިޔާސަތުތަކެއް ބޭނުންވާ ކަމަށެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ތައިލެންޑުގެ ބެންކޮކްގައި ކުރިއަށްދާ ކޮމިޓީ އޮން އެންވަޔަރަންމަންޓް އެންޑް ޑިވެލޮޕްމަންޓްގެ ނުވަވަނަ ސެޝަންގެ ހަވާސާގައި ބޭއްވި ”ބިޒްނަސް އެންޑް ބަޔޯޑައިވަރސިޓީ: ރީއިމޭޖިނިންގ ހިއުމަން-ނޭޗަރ ރިލޭޝަންޝިޕްސް އިން އޭޝިއާ އެންޑް ދަ ޕެސިފިކް“ އިވެންޓުގައި ތަޤުރީރު ކުރައްވަމުންނެވެ.
މިއީ ޔޫކޭއާއި ޔޫއެންޑީޕީ ގުޅިގެން އިންތިޒާމުކުރި ހަރަކާތެކެވެ.
މިނިސްޓަރ އަލީ ޝަރީފްގެ ތަޤުރީރުގައި ވިދާޅުވީ ދިވެހިރާއްޖޭގެ ދިރުންތަކުގެ މުއްސަނދިކަން ނުވަތަ ބަޔޯޑައިވަރސިޓީއަކީ ރާއްޖޭގެ އިޤްތިޞާދާއި، ސަގާފަތް އަދި ދިވެހިންގެ ދިރިއުޅުމުގެ އަސާސް ކަމަށެވެ. ވަކިން ޚާއްސަކޮށް ދެމެހެއްޓެނިވި މަސްވެރިކަމާއި، އިކޯ-ޓޫރިޒަމާއި އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާއިން ހުރި ފުރުސަތުތައް މިނިސްޓަރގެ ތަގުރީރުގައި ވަނީ ފާހަގަކުރައްވާފައެވެ.
”ޤުދުރަތީ ތިމާވެއްޓާއެކު އޮންނަ ގުޅުމަކީ ބުރައެއްގެ ގޮތުގައި ދުށުމުގެ ބަދަލުގައި، އެއީ ތަނަވަސްކަމާއި ކުރިއެރުމަށް އޮތް އެންމެ ބޮޑު ފުރުސަތު ކަމުގައި ބަލައި، އެ ގުޅުން އައު ގޮތަކަށް ބައްޓަންކުރުމަށް ހުރިހާ ބައިވެރިންނާއެކު މަސައްކަތް ކުރުމަށް ދިވެހިރާއްޖެ އޮތީ ތައްޔާރަށް“ މިނިސްޓަރގެ ތަގުރީރުގައި ވިދާޅުވިއެވެ.






