އެއީ ހަމައެކަނި ޖަނާޒާއެއް ނޫނެވެ!

ޙަސަން ލުޠުފީ, ރަންފަސް، ސ.ހިތަދޫ
ޖުލައި 4, 2026

ސަންދޯއް ހުރީ ކުރިމަތީގައި ބެހެއްޓިފައެވެ. ހުދު ކަފުނުގައި އޮޅާލެވިފައިވާ ހިމޭން ޖިސްމެކެވެ. އެކަމަކު، އެއީ ހަމައެކަނި ޖަނާޒާއެއް ނޫނެވެ. އެއީ ފުރިހަމަ ދާސްތާނެކެވެ. އެ ދާސްތާނުގައި، އޭނާ އިމްތިޙާނުގެ ކަނޑުތައް ހުރަސްކުރިއެވެ. އިންޒާރުތަކާއި، ބިރުދެއްކުމުގެ ޠޫފާންތައް ތަޖުރިބާ ކުރިއެވެ. ހުރަސްތަކުގެ އަލިފާނުގައި އަނދައި ހުލިވިއެވެ. އެކަމަކު، އޭނާގެ ޔަޤީންކަމުގެ ވޮށް ދުވަހަކުވެސް ނިވުނަކަ ނުދެއެވެ.

މިއަދު އޭނާގެ ލޯ ވަނީ މެރިފައެވެ. އެކަމަކު، އެ ލޮލުން ފޯރުކޮށްދިން މެސެޖު މިއަދުވެސް ދިރި އެބަހުއްޓެވެ. މިއަދު އޭނާގެ ތުންފަތް އޮތީ ހިމޭންވެފައެވެ. އެކަމަކު، އެ ތުންފަތުގެ އަޑު، އެތައް މިލިއަން ބައެއްގެ ހިތުގައި ވަނީ ގުގުމާލާފައެވެ. ނިކަން ވިސްނާލަބަލާށެވެ. އެ ޝަޚުޞަކީ، އޭނާގެ ބޯގުދުކުރުވަން، އޭނާ ލައްވާ އެމީހުންނަށް ކުރުނީސް ކުރުވަން، ދުނިޔޭގެ ބޮޑެތި ބާރުތަކުން މައިދާނަށް ނުކުތް، ހިތްވަރުގަދަ ފަހުލަވާނެވެ.

ކިތަންމެ ވަރަކަށްވެސް ޕްރެޝަރު ކުރިއެވެ. އިންޒާރުތައް ދިނެވެ. އެކަނިވެރިކަމުގެ ތެރެއަށް ކޮއްޕައި ވައްޓާލިއެވެ. އޭނާގެ އެކުވެރިން މީހަކަށް ފަހު މީހަކު ޝަހީދުކޮށްލިއެވެ. އޭނާގެ ވަޠަން އޮތީ ހުރިހާ ފަރާތަކުން ވަށާލެވިފައެވެ. ބޮޑެތި ޢަދަދުތަކުން ފައިސާ ހުށަހެޅުނެވެ. އެކަމަކު، އޭނާއެއް ނުވިކުނެވެ. ބިރެއްވެސް ނުގަތެވެ. އަދި ބޯގުދެއްވެސް ނުކުރެއެވެ.

އަދި މިއަދު، އެ ހިތްވަރުގަދަ ޝަޚުޞު އެވަނީ، ހުދު ކަފުނުގައި، އޭނާގެ ވެރި ރަސްކަލާނގެ ޙަޟުރަތަށް ދަތުރުކޮށްފައެވެ. އޭނާއާ އެކު ތަޚުތެއް ނެތެވެ. ތާޖެއް ނެތެވެ. ޚަޒާނާއެއް ނެތެވެ. ވެރިކަމުގެ ބާރުތަކުގެ ވިދުމެއް ނެތެވެ. އޭނާއާއެކު ގެންދެވުނީ ހަމައެކަނި ސާދާ ކަފުނެކެވެ. އަދި، ތާރީޚު އަބަދުވެސް ފަޚުރުވެރިވާނޭ ޙަޔާތެއް އޭނާއާއެކު ގެންދިޔައެވެ.

ދިރިއުޅުން އޭނާއަށް ޤައިދުޚާނާވެސް ދެއްކިއެވެ. އަދި އަނިޔާވެރިކަމާ ވެސް އޭނާ ކުރިމަތިލިއެވެ. އަދި އެކަން ކަމުން ކުރިމަތިވި ދަތިތައް ވެސް އޭނާ ތަޙައްމަލު ކުރިއެވެ. އެކަމަކު، ކޮންމެ އިމްތިޙާނެއްގައި ވެސް ކެތްތެރިކަމަކީ އޭނާގެ ލިބާހަކަށް ހެދިއެވެ. އޭނާގެ އީމާންކަން ބަލިކަށިވިޔަކަ ނުދިނެވެ.

ދުނިޔެ އޭނާއަށް ބުންޏެވެ. ”ތިބާގެ މައުޤިފު ބަދަލުކުރާށެވެ.“ އެވަގުތު އޭނާ ހަނދާންވީ ކަރުބަލާގެ މަތިންނެވެ. އެ ކަރުބަލާއަކީ ކަރުހިއްކުމާއި، ފެންބޮވައިގަތުން އޮތް ތަނެކެވެ. ހިތާމައާއި، ހިތްދަތިކަންވެސް އެތަނުގައި އޮތެވެ. ޝަހީދުވުންވެސް އެތަނުގައި އޮތެވެ. އެކަމަކު، ބާޠިލުގެ ކުރިމަތީގައި ބޯގުދުކުރުމެއް އެތާކު ނެތެވެ. އޭނާގެ ދިރިއުޅުމުގެ މެސެޖަކަށް ވެގެން ދިޔައީ، ހަމަ އެ މެސެޖެވެ. ޝަރަފާއި އެކު ދިރިއުޅުމާއި، ޝަރަފާއި އެކު ދުނިޔެއިން ވަކިވެގެން ދިއުމެވެ. އެއީ ކޮންމެ އަގެއް ދައްކައިގެން ވެސް ތަސްވީތުކުރުމަށް ވުރެ ރަނގަޅު ދިރިއުޅުމެކެވެ.

މިއަދު އެތައް މިލިއަން ބަޔަކު ތިބީ ކަރުނައިން ފުރިފައެވެ.

ކޮންމެ ލޮލަކީ ކަރުނައިން ފުރިފައިވާ ލޮލެކެވެ. ކޮންމެ ހިތެއްވެސް ވަނީ ހިތާމަތަކުން ބަރާވެފައެވެ. އެކަމަކު، އެ ކަރުނަތަކުގެ ތެރޭގައި އެއް ހަގީގަތެއް ވަރަށް ސާފެވެ. އެފަދަ މީހުން މަރެއް ނުވެއެވެ. އެމީހުންގެ އަޚުލާޤާއި، ސުލޫކުގައި އެމީހުން ދިރިތިބެއެވެ. އެމީހުންގެ ހަނދާންތަކުގައި އެމީހުން ދިރިތިބެއެވެ. އެމީހުންގެ ނަޒަރިއްޔާގައި އެމީހުންގެ ދިރިތިބެއެވެ. ޖިސްމު ވެލިގަނޑުގެ ތެރޭގައި ވަޅުލެވެއެވެ. އެކަމަކު، ތެދަކީ ދުވަހަކުވެސް ވަޅުލެވޭ އެއްޗެއް ނޫނެވެ. އަޑުތައް ހަމަހިމޭން ވެއެވެ. އެކަމަކު، ޙައްޤުގެ މެސެޖު ޤަރުނުތަކެއް ވަންދެން ގުގުމާލައެވެ.

މިއަދު ޖަނާޒާއެއް ބާއްވަނީއެވެ. އެކަމަކު ފަހަރެއްގައި އާ ތާރީޚެއް ލިޔެވިގެން ދަނީ ކަމަށްވެސް ވެދާނެއެވެ. އެހެނީ ވަގުތު އަބަދުވެސް، އެ މީހުންގެ މަތިން ހަނދާން ކުރާނެއެވެ. އަނިޔާވެރިކަމުގެ ކުރިމަތީގައި ބޯގުދުނުކުރީ ކާކު ހެއްޔެވެ؟ ބިރުގެ ކުރިމަތީގައި ނުވިކުނީ ކާކު ހެއްޔެވެ؟ އިމްތިޙާނުތަކުގެ ކުރިމަތީގައި ޢަޒުމަށް ބަދަލެއް ނައީ ކާކުގެ ހެއްޔެވެ؟ އަދި އެމީހެއްގެ ޢަމަލުތަކުން އީމާންކަމާއި، ކެތްތެރިކަމާއި، އުސޫލުތަކަކީ ދުނިޔޭގެ ހުރިހާ ބާރަކަށްވުރެ ބާރުގަދަ އެއްޗެއްކަން ސާބިތުކޮށްދިނީ ކާކު ހެއްޔެވެ؟

الله ތަޢާލާ މަރުހޫމުންގެ މައްޗަށް، އެކަލާނގެ ނިމުމެއް ނުވާ ނިޢުމަތްތައް މިންވަރުކޮށް ދެއްވާދޭނވެ. އަދި، އެ މަރުޙޫމުންނަށް ޢަފޫކުރައްވައި، ޙައްޤާއި، ޢަދުލުވެރިކަމާއި، ސާބިތުކަމުގެ މަގަށް ތަބާވުމުގެ ޤާބިލުކަން އަޅަމެންނަށް މިންވަރުކޮށް ދެއްވާށި! އާމީން

 

މި ލިޔުމާ ގުޅޭ

ކޮމެންޓް ކުރުމަށް

Your email address will not be published. Required fields are marked *