އަށް އަހަރުކުރިން ވަޒީފާއިން ވަކިކުރި ފުލުހަކަށް ވަޒީފާދޭން ކޯޓުން އަމުރުކޮށްފި

އަހުމަދު މުހައްމަދު
އޮކްޓޯބަރ 5, 2024

މީގެ އަށް އަހަރު ދުވަސް ކުރިން ވަޒީފާއިން ވަކިކުރި ފުލުހަކަށް، ވަޒިފާ އަލުންދީ އެއް އަހަރު ދުވަހުގެ މުސާރައާއި އިނާޔަތްތައް ދިނުމަށް ހައިކޯޓުން އަމުރު ކޮށްފިއެވެ.

މިމައްސަލައަކީ 2 ޖެނުއަރީ 2005 އިން ފެށިގެން ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް 8 ޖުލައި 2017 ގައި ވަޒީފާއިން ވަކިކުރުމާ ގުޅިގެން ތ. ތިމަރަފުށީ ސައްކެޔޮގަސްދޮށުގެ ހުސެއިން އަލިމަނިކު ހުށަހެޅި މައްސަލައެކެވެ.

އޭނާ މި މައްސަލަ ފުރަތަމަ ހުށަހެޅީ، ސިވިލްކޯޓަށެވެ. ސިވިލްކޯޓަށް ހުށަހެޅީ އޭނާ އަދާކުރަމުންދިޔަ ފުލުހުންގެ ސްޓާފް ސާޖަންޓްގެ މަގާމުން ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމީ ފުލުހުންގެ ޤާނޫނާއި އެގާނޫނުގެ ދަށުން ހަދާފައިވާ ގާވާއިދުތަކާއި ހިލާފަށްކަކަމަށް ކަނޑައަޅައިދީ އެ ފަޒީފާ އަލުން ހޯދުމަށެވެ.

ނަމަވެސް ސިވިލްކޯޓުން ހުކުމް ކުރީ އޭނާ މަގާމުން ވަކިކުރަން ނިންމި ނިންމުމަކީ ފުލުހުންގެ ގާނޫނާއި އެގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ހިލާފަށްކަން ސާބިތު ނުވާ ކަމަށެވެ.

ހައިކޯޓުގެ އަމުރަކީ ސިވިލްކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމުން އެ ކޯޓުން މައްސަލަ ބެލުމަށްފަހު ކުރި އަމުރެކެވެ.

ހައިކޯޓަށް ހުށަހެޅި އިސްތިއުނާފް މައްސަލައިގައި އޭނާ އެދިފައި ވަނީ، ސިވިލްކޯޓުން ކުރި ހުކުމް ބާތިލްކޮށް، އޭނާ ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއްކަމަށް ކަނޑައަޅައި އޭނާ އަދާކުރަމުން ދިޔަ މަގާމަށް ބަދަލުކޮށް ދިނުމަށެވެ. އަދި މައްސަލަ ނިމޭ ދުވަހާ ހަމައަށް، މު ސާރަ އާއި އެހެނިހެން އިނާޔަތްތައް ނަންގައި ދިނުމަށާއި، އެ މުއްދަތުގައި ލިބެންޖެހޭ މަގާމުގެ ކުރިއެރުން ދިނުމަށް، މޯލްޑިސް ޕޮލިސް ސާވިސްގެ މައްޗަށް އަމުރުކޮށްދިނުމަށްވެސް އެދިފައިވެއެވެ.

މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ހައިކޯޓުން ކުރި ހުކުމްގައި ވަނީ ސިވިލް ކޯޓުން ހުރި ހުކުމް ބާތިލްކޮށްފައެވެ. އަދި އޭނާ ފުލުހުންގެ ސްޓާފް ސާޖެންޓްކަމުން ވަކިކުރަން ނިންމި ނިންމުންކީ ބާތިލް ނިންމުމެއް ކަމަށްވެސް ހުކުމްގައިވެއެވެ.

އެހެންކަމުން އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމަށާއި، ވަޒީފާގައި ދެމިހުރިނަމަ ލިބެންޖެހޭ މަގާމުގެ ކުރިއެރުންތަކާއެކު، ވަޒީފާއަށް އަނބުރާ ރުޖޫއަކޮށް، އޭނާ ވަޒީފާއިން ވަކިކުރިއިރު ލިބެމުންދިޔަ މުސާރައާއި އިނާޔަތްތަކުން އެއް އަހަރު ދުވަހަށްވާ ފައިސާ އޭނާއަށް ލިބިދިނުމަށްޓަކައި ސިވިލްކޯޓަށް ޖަމާ ކުރުމާއެކު ހަތް ދުވަހުގެ ތެރޭގައި އެކަން ސިވިލްކޯޓަށް އެންގުމަށް ޕޮލިސް ސާވިސްގެ މައްޗަށް ހައިކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި ލިޔުމާ ގުޅޭ