އަޤްޞާ ޠޫފާނުގެ އެއް އަހަރު ފަހުން އަދިވެސް ފަލަސްޠީނާއި ޢަރަބިންނާއި އިސްލާމީ އުންމަތުގެ ގިނަ ބަޔަކު ދަނީ ފަލަސްޠީނު މީހުންގެ ޙިތްވަރަށް ތަޢުރީފު ކުރަމުންނެވެ. އަރަބި ގަލްފުގެ ބައެއް ޒަޔަނިސްޓު ނޫސްތަކުގައި ފަލަސްޠީނު މީހުންގެ ޖިހާދަށް ބަދުބަސް ބުނެފައިވީނަމަވެސް، ޖުމުލަ ގޮތެއްގައި މީހުން ވަނީ ޙަމާސްގެ ހިތްވަރަށް ތަޢުރީފް ކޮށްފައެވެ.
އޮކްޓޫބަރު ހަތްވަނަދުވަހަކީ އިޒްރޭލާއި އަރަބިންގެ ހަނގުރާމައިގެ ތާރީހުގައި އައި ބޮޑު ބަދަލެކެވެ. މިއަދު އަޤްޞާ ތޫފާނަށް އަހަރު ފުރޭއިރު ޣައްޒާގެ ގިނަ އަދަދެއްގެ ފުރާނަތައް ޝަހީދުވެފައި ވެއެވެ. އިމާރާތްތައް ޚަރާބުކޮށް މުދަލަށް ގެއްލުން ދީފައި ވެއެވެ. އިޒްރޭލުން ދުނިޔެއަށް ދައްކައި ދެނީ މިއީ އިޒްރޭލުގެ ފަނާ ކޮށްލުމުގެ ނަމޫނާއެއްގެ ގޮތުގައެވެ.
ފަލަސްޠީނު މީހުން 60 އިން ސައްތަ މީހުން ބުނަނީ އިޒްރޭލުގެ ޓެރަރިސްޓް ވަކިތަކުން މިނިވަންވާން އޮތީ ޒަޔަނިސްޓުންނާ ދެކޮޅަށް ނިކުމެ ޙަމަލަ ދީގެންނެވެ. އަދި އަޤްޞާ ޠޫފާންގެ ޙަމަލާއަކީ ރަނގަޅު ނިންމުމެއް ކަމަށް ބުނަމުން، ސާރވޭގައި ބައިވެރިވި 72 އިންސައްތަ މީހުން ބުނަނީ މި އޮޕަރޭޝަނަށް ތާއީދުކުރާ ކަމަށެވެ.
ފަލަސްޠީނު މީހުންގެ ކާމިޔާބިއަކީ އިޒްރޭލަށް ދޭން ފެށި ހަމަލައަށް އަހަރު ފާހަގަ ކުރާއިރުވެސް އެމީހުންނަށް އިޒްރޭލު ބިރުގަންނަވާ ލުމުގައި ކާމިޔާބުވާ ކަމެވެ.
ހަމާސްގެ ހަމަލާގެ ސަބަބުން އިޒްރޭލު މީހުންގެ މެދުގައި ބައިބައިވުމެއް އުފެއްދުނެވެ. ސިފައިންގެ އިސް މަގާމުތަކުން އެތައް ބަޔަކު އިސްތިއުފާ ދިނުމަށް މަޖުބޫރު ކުރެވުނެވެ. އަދި ހަނގުރާމަ ނިމުމުން ނޫނީ އިންސާފުވެރި ތަހުގީގަކަށްފަހު އިތުރު އެތައް ބަޔަކު އިސްތިއުފާ ދޭނެ ކަމަށް ބެލެވެއެވެ.
ހަމާސްގެ ލީޑަރުންނާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުން ބުނެފައިވަނީ ޔަހްޔާ ސިންވާރު ”އޮކްޓޯބަރު ހަތް ވަނަ ދުވަހުގެ އަހަރެއްހާ ދުވަސް ފަހުން އަދިވެސް ދިރިހުރިކަމަށާއި ހަމާސް އަލުން ދިރުމުގެ ބިރު އެބައޮތް“ ކަމަށެވެ.
ދުނިޔޭގެ މީހުންގެ ކުރިމަތީގައި ޒަޔަނިސްޓުންގެ ޖަނަވާރުކަންވެސް ހާމަވެގެން ގޮސްފައި ވެއެވެ. އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ވަނީ ޣައްޒާ މީހުންނަކީ ”އިންސާނީ ޖަނަވާރުތަކެއް“ ކަމަށް ބުނެފައެވެ. އަދި އިޒްރޭލުގެ ހެރިޓޭޖު މިނިސްޓަރު އަމިޗައި އެލިޔާހޫ، 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު، ވަނީ ފަލަސްޠީނަށް ނިއުކްލިއަރ ބޮމެއް އެޅުމަށް ގޮވާލާފައެވެ. މި ވާހަކަތަކުން އިޒްރޭލު މަސްއޫލުވެރިންގެ ހަގީގަތް ދުނިޔެއަށް ފެނިގެން ގޮސްފައި ވެއެވެ.
ޙިޒުބުﷲ އިންވެސް ފަލަސްޠީނުގެ މީހުންގެ ހައްގުތަކަށް ދުނިޔޭގެ ސަމާލުކަން ހޯދައި ދީފައެވެ. ހިޒުބުﷲގެ މިސައިލްތައް ވަނީ އުތުރު އިޒްރޭލު ފަހަނައަޅައި، އޭގެ ރޭންޖް ފުޅާވެ، ހައިފާ އާއި ޓެލް އަވީވް އަށް ފޯރާފައެވެ.
ހޫސީން ވަނީ ރެޑްސީގައި ފަލަސްޠީނުގެ ތާއީދުގައި ބާރު ދައްކާފައެވެ. އިޒްރޭލުގެ އީލާތު ބަނދަރު ވަނީ ވިޔަފާރި ނުލިބުމުން ބަނގުރޫޓުވެފައެވެ.
އިޒްރޭލުން ޣައްޒާއަށް ޙަމަލަތައް ދެމުންދާއިރުވެސް ފަލަސްޠީނުން އިޒްރޭލަށް ގެއްލުން ވާގޮތުން ކާމިޔާބު ވެފައިވާ ކަން ފާހަގަ ވެއެވެ.
އެމެރިކާގެ ވެބްސައިޓް އެކްސިއޯސް އިން ހޯދި ޚިޔާލު ހޯދުމެއްގައި އިޒްރޭލުގެ 73 އިންސައްތަ މީހުން ގަބޫލުކުރަނީ ހަމާސްއަށް ނަސްރު ލިބި އިޒްރޭލު ބަލިވެފައިވާ ކަމަށެވެ. ޔަހޫދީންގެ 86 އިންސައްތަ މީހުން ބުނަނީ ޣައްޒާއާ އިންވެގެންވާ ސަރަހައްދުތަކުގައި ދިރިއުޅެން ބޭނުން ނޫން ކަމަށެވެ.
އިޒްރޭލު ސިފައިންގެ ތެރޭގައި ޚިދުމަތް ކޮށްދޭނެ މީހުންނެއް ނުވެއެވެ. ހަނގުރާމައިގެ މައިދާނަށް ގެންދިއުމަށްޓަކައި 7000 ސިފައިން ބޭނުންވާ ކަމަށް އިޒްރޭލުން ބުނެފައިވެއެވެ.
ޔޫރަޕްގެ ބައެއް ގައުމުތަކުން އިޒްރޭލަށް ބައެއް މުދާ އެކްސްޕޯޓް ކުރުން މަނާކޮށްފައި ވެއެވެ.
އިޒްރޭލުގެ ސެންޓްރަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރުނު ތަފާސްހިސަބުގައި 2024 ވަނަ އަހަރުގެ ފުރަތަމަ ހަތް މަސް ދުވަހުގެ ތެރޭގައި 40،000 އަށް ވުރެ ގިނަ މީހުން އިޒްރޭލު ދޫކޮށް ގޮސްފައި ވެއެވެ.






