އީސްޓާ ސަންޑޭ ހަމަލާގެ ތަހުގީގުތައް އަވަސްކޮށް، އެފަދަ ހިތާމަވެރި ހާދިސާއެއް އެ ގައުމުގައި ދެން ނުހިނގާނެ ގޮތަށް ފިޔަވަޅުތައް އަޅާނެ ކަމަށް ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ވިދާޅުވެއެވެ. އަދި އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ.
ރައީސް ޑިސަނަޔަކަ މިހެން ވިދާޅުވީ އީސްޓާ ސަންޑޭގައި ދިން ހަމަލާގައި މަރުވި މީހުންނާއި ޒަހަމްވި މީހުންގެ އާއިލާތަކާ އެކު ނެގަމްބޯގެ ކަޓުވަޕިޓިއާގައި ހުންނަ ސެއިންޓް ސެބެސްޓިއަން ޗާޗުގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި ކަމަށް ރައީސްގެ މީޑިއާ ޑިވިޝަން އިން ބުންޏެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ޑިސަނަޔަކަ ވަނީ މި ހާދިސާގައި މަރުވި މީހުންގެ ޢާއިލާތަކާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތަކާއި ދަތިތައް އައްސަވާފައެވެ. އަދި އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ދިން އީސްޓާ ސަންޑޭ ހަމަލާއަކީ ފަހުގެ ތާރީހެއްގައި ހިނގި އެންމެ ހިތާމަވެރި ކާރިސާ ކަމަށާއި، އެ ހަމަލާ ހަނދާން ނެތުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.






