ޕާކިސްތާންގެ ސިންދު ހައިކޯޓުން ވަނީ ގެއްލިފައިވާ ބެލޫޗިސްތާނަށް ނިސްބަތްވާ އަށް ދަރިވަރަކު ނޮވެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން ހޯދައިދީ ކޯޓަށް ހާޒިރު ކޮށްދިނުމަށް އަމުރު ނެރެފައެވެ. އަދި އެ އަމުރު ތަންފީޒު ނުކުރެވިއްޖެނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.
ފަނޑިޔާރު ސަލާހުއްދީން ޕަންހުވާރާއި ފަނޑިޔާރު އަދުނާނުލް ކަރީމް މެމޮން ގެ ދެ ފަނޑިޔާރުންގެ ބެންޗަކުން ވަނީ ނޮވެމްބަރު 4ގައި ހޯމް ސެކްރެޓަރީ އާއި އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސްއާއި އެޑްވޮކޭޓް ޖެނެރަލް އަދި އޭގެ އިތުރު ޕްރޮސިކިއުޓާ ޖެނެރަލަށް ވެސް ކޯޓަށް ހާޒިރުވުމަށް ނޯޓިސް ފޮނުވާފައެވެ.
މި މައްސަލަ ހުށަހެޅި ފަރާތުން ބުނީ، އޮކްޓޯބަރު 16 ވަނަ ދުވަހު އާދައިގެ ހެދުމުގައި ތިބި ފުލުހުން ވަނީ މި 8 މީހުން ވަގަށް ނަގާފައި ކަމަށެވެ.
މި މައްސަލައަށް ޖަވާބުދާރީވާ މީހުންގެ ގޮތުގައި އެފަރާތްތައް ހިމަނާފައި ވެއެވެ. ފުލުހުން ވަނީ އެ މައްސަލައިގެ ޝަކުވާ ބަލައި ގަތުމަށްވެސް ދެކޮޅު ހަދާފައެވެ. އަދި މައްސަލަ ތަހުގީގު ނުކުރާން ބަހަނާ ދައްކާފައެވެ. އަދި އެމީހުންވީ ތަނެއް ބުނާން ވެސް ފުލުހުން ބޭނުމެއް ނުވެއެވެ. އާއިލާއިން ބުނެފައި ވަނީ މިމީހުންނަކީ ސިޔާސީ އެއްވސް ހަރަކާތެއްގައި ބައިވެރިވާ ބައެއް ނޫން ކަމަށެވެ.
ކޯޓުން އިބްތިދާއީ އަޑު އެހުމުގައި ބުނެފައި ވަނީ އެމީހުން ދެން އޮންނަ އަޑު އެހުމަކަށް ހާޒިރުކޮށް ދިނުމަށެވެ.
އަންގާރަ ދުވަހު ޔުނިވާސިޓީ އޮފް ކަރާޗީގެ އެތައް ދަރިވަރުންނެއް ވަނީ ގެއްލިފައިވާ ބަލޫޗް ދަރިވަރުން ގަދަކަމުން ނިޒާމުން ގެއްލުވާލީ ކަމަށް ބުނެ މުޒާހަރާކޮށް ކެމްޕަހުގައި އެއްވުމެއް ބާއްވާފަ އެވެ.






