އެމެރިކާގެ ފޯޑު ކުންފުނުން އަނެއްކާވެސް އިންޑިއާގައި ކާރު އުފެއްދުމަށް ނިންމައިފިއެވެ. ފޯޑް ކުންފުނިން ވަނީ 2021 ވަނަ އަހަރު އިންޑިއާގެ ޓެމިލްނާޑްގައި ހިންގާ ކާރު އުފައްދާ ފެކްޓްރީ ބަންދުކޮށްފައެވެ.
ފޯޑު ކުންފުނިން ބުނަނީ އެކްސްޕޯޓު ކުރުމަށް އިންޑިއާއިން އަލުން ފޯޑް ކާރު އުފައްދާނެ ކަމަށެވެ. އެގޮތުން، ލައިޓް ކޮމާޝަލް ވެހިކަލް އަދި ޕިކްއަޕް އުފެއްދުމަށް މި ފެކްޓްރީ މަސައްކަތް ކުރާނެ ކަމަށް ބެލެވެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ފޯޑުން ދަނީ ވޯކްސްވޭގަންއާ ގުޅިގެން އުފެއދުންތައް އިތުރު ކުރުމަށް ވެސް މަސައްކަތް ކުރަމުންނެވެ.
ފޯޑްގެ މި ނިންމުމާ ގުޅިގެން އިންޑިއާއަކީ ބޭރުގެ ކާރު އުފައްދާ ކުންފުނިތަކުގެ އެކްސްޕޯޓް މަރުކަޒަކަށް ވެގެން ދާނެކަމަށް ލަފާކޮށްފައި ވެއެވެ.
1981 ވަނަ އަހަރު އިންޑިއާގެ ބާޒާރަށް ނެރުނު މާރޫޓީ ސުޒުކީ އާއި 2017 ވަނަ އަހަރު އިންޑިއާގެ ބާޒާރަށް ވަން ދެކުނު ކޮރެއާގެ ކިއާ މޮޓޯސް އަކީވެސް އިންޑިއާއިން އެކްސްޕޯޓު ކުރާ ބައެކެވެ.
އިންޑިއާގެ ކާރު އެކްސްޕޯޓްތައް އާންމުކޮށް ދަނީ އެފްރިކާ އާއި ލެޓިން އެމެރިކާގެ މާކެޓްތަކަށެވެ.
އިންޑިއާގައި އޮޕަރޭޓް ކުރާ ޖަޕާނުގެ ކާރު އުފައްދާ ކުންފުނިތަކުން ދަނީ ޖަޕާނަށް ވިއްކުމަށްވެސް އިންޑިއާއިން ކާރު އެކްސްޕޯޓު ކުރަމުންނެވެ.
2024 ވަނަ އަހަރު އިންޑިއާއިން އެކްސްޕޯޓްކުރި ކާރުތަކުގެ އަދަދަކީ ގާތްގަނޑަކަށް 6.7 ލައްކަ ޔުނިޓެވެ. އަދި ވެހިކަލް އެކްސްޕޯޓު ވަނީ ޕަސެންޓޭޖުން ބަލާއިރު 16 ޕަސެންޓަށް އިތުރު ވެފައެވެ. މިއިން 40 އިންސައްތައަކީ އެސްޔޫވީ ޒާތުގެ ވެހިކަލް ތަކެވެ.






