ބަންގްލަދޭޝް ޗައިނާގެ ޖިއޮޕޮލިޓިކަލް އެދުންވެރިކަމުގެ މައިދާނަކަށް

އިބްރާހީމްް ސަމީރު
އޮކްޓޯބަރ 29, 2024

ބަންގްލަދޭޝް އަސްކަރީ ބޭސްއެއްގެ ގޮތުގައި ބޭނުންކޮށްގެން ދެކުނު އޭޝިއާގައި ޗައިނާގެ މަސްލަހަތު ކުރިއަށް ގެންދިއުމަށް ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ވެރިކަމުގައި ޗައިނާއަށް އުނދަގޫތަކެއް ކުރިމަތިވިއެވެ. ނަމަވެސް ހަސީނާ ވަކިކޮށް ޑރ. މުހައްމަދު ޔޫނުސް އިސްކޮށް ހުންނަވާ ވަގުތީ ސަރުކާރެއް ގާއިމްކުރުމާއެކު މި ސަރަހައްދުގެ ޖިއޮޕޮލިޓިކަލް މަންޒަރު ބަދަލުވަމުންދާ މަންޒަރު ފެނެ އެވެ.

ވަގުތީ ސަރުކާރާއި ޗައިނާގެ ޑިޕްލޮމެޓުން ބައްދަލުކުރިތާ މާގިނައިރުތަކެއް ނުވެ، ޗައިނާގެ ކަނޑުގެ ސިފައިންގެ ބޯޓުތައް ބަންގްލަދޭޝްގައި ބަނދަރުކުރަން ފަށައިފިއެވެ. އަދި ބެއިޖިން އިން ބަނގްލަދޭޝްގެ ހާލަތަށް ނުފޫޒު ފޯރުވުމުގެ ނިޔަތެއް ގެންގުޅޭކަމުގެ އިޝާރާތެއް ލިބުނެވެ. ޗައިނާގެ ޑިފެންސް މިނިސްޓްރީން ސިފަކުރަނީ މިދަތުރަކީ ބަންގްލަދޭޝްގެ ކަނޑުގެ ސިފައިންނާއެކު އެއްބާރުލުން ބަދަހިކުރުމަށް ކުރެވުނު ދަތުރެއްގެ ގޮތުގައެވެ.

މީގެ ކުރިން ޗައިނާގެ ފޮރިން މިނިސްޓަރު ވަނީ އިންތިގާލީ ސަރުކާރުގެ ޗީފް އެޑްވައިޒަރު މުހައްމަދު ޔޫނުސްއާ އދގެ އާންމު މަޖިލީހުގެ ހަވާސާގައި ބައްދަލު ކުރައްވާފައެވެ.

ތާރީޚީ ގޮތުން ބަލާއިރު، ހަސީނާގެ ސަރުކާރުގައި ވެސް ބަންގްލަދޭޝް އިން ވަނީ ޗައިނާގެ ދިފާއީ ގުޅުންތަކަށް މަގުފަހިކޮށްދީފައެވެ. އޭގެ ތެރޭގައި މަރާމާތުކޮށްފައިވާ ޗައިނާގެ ސަބްމެރިންތައް ސަޕްލައިކޮށްދިނުމާއި ގުޅިފައިވާ އަސްކަރީ ތަމްރީނުތައް ހިންގުން ހިމެނެ އެވެ.

ބަނގްލަދޭޝްގައި ވަގުތީ ސަރުކާރު ގާއިމްވުމާއެކު، 2021 ވަނަ އަހަރުގެ އަސްކަރީ ބަޣާވާތަށް ފަހު މިޔަންމާގައި އަމަލުކުރި ގޮތާ އެއްގޮތަށް ބަންގްލަދޭޝްގައި ވެސް ނުފޫޒު ފުޅާކުރުމުގެ ފުރުސަތު ޗައިނާއަށް ފެނެ އެވެ. ބަންގްލަދޭޝްގެ ތަފާތު އިންފްރާސްޓްރަކްޗަރ މަޝްރޫއުތަކަށް ޗައިނާއިން ބޮޑު އިންވެސްޓްމަންޓެއް ކޮށްފައިވާއިރު، ޕާކިސްތާނަށް ފަހު ދެކުނު އޭޝިއާގައި ދެވަނައަށް އެންމެ ބޮޑު އިންވެސްޓްމަންޓަކީ ޗައިނާ އެވެ.

ބަންގްލަދޭޝްއަށް އިގްތިސާދީ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު، ޗައިނާގެ ސަޕޯޓަށް ބަރޯސާވުން އިތުރުވެދާނެ ކަމަށް ލަފާ ކުރެވެއެވެ. ދާދި ފަހުން ޗައިނާގެ ކަނޑުގެ ސިފައިންގެ ބޯޓުތައް ބަނދަރުކުރުމަށް ފުރުސަތު ދިނުމުން މި ހަގީގަތަށް ހާމަވެއެވެ. މި ހާލަތުން ދޭހަވަނީ އިގްތިސާދީ ކާރިސާގެ އަސަރު ކުރުމުން ބަންގްލަދޭޝް އަށް ޗައިނާގެ މަސްލަހަތާ ގާތުން ގުޅެން މަޖުބޫރުވެ، މި ސަރަހައްދުގެ ޖިއޮޕޮލިޓިކަލް ހާލަތަށް ބަދަލު އަތުވެދާނެ ކަމެވެ.

މި ލިޔުމާ ގުޅޭ