އައިއެމްއެފްގެ އެންމެ ފަހުގެ ބެއިލްއައުޓް ޕެކޭޖުގެ ފުރަތަމަ ބައި ޕާކިސްތާނުން ހޯދި ނަމަވެސް އެގައުމުގެ އިގްތިސާދީ ގޮންޖެހުންތައް އަދިވެސް ބޮޑު ކަމަށާއި ބޭރުގެ ދަރަނި ދެއްކުމުގެ ގާބިލްކަން އައިއެމްއެފް އިން ސިފަކޮށްފައި ވަނީ ”ނާޒުކު“ ހާލަތެއްގައި އޮތް ކަމަށެވެ.
އައިއެމްއެފްގެ ފަހުގެ ޕްރޮޖެކްޝަންތަކަށް ބަލާއިރު، ކުރިއަށް އޮތް ތިން އަހަރު ތެރޭގައި ޕާކިސްތާނަށް 62.6 ބިލިއަން ޑޮލަރުގެ ބޭރުގެ ފައިސާގެ ބޭނުންތަކެއް ކުރިމަތިވެފައިވެއެވެ. އަދި 2024-25 އިން 2028-29 އަށް އޮންނަ މާލީ އަހަރަށް މިއަދަދު 110.5 ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ބެލެވެ އެވެ.
މި މާލީ އަހަރަށް ބޭނުންވާ ވަގުތީ ފައިނޭންސިންގެ އަދަދު 18.813 ބިލިއަން ޑޮލަރަށް އަރާއިރު، 2026-27 ވަނަ އަހަރުގެ ނިޔަލަށް އެއަދަދު 23.714 ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ވެސް ލަފާކުރެވެ އެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުގެ ކަންޓްރީ ޑިރެކްޓަރު ފޯ ޕާކިސްތާން ޔޮންގް ޔޭ ”ބާރަށް އުފެއްދުމުގެ ދާއިރާ އިތުރުވުމާއި އުފެއްދުންތެރިކަން ރަނގަޅުވުމުގެ ސަބަބުން، މަޑުމަޑުން ޕާކިސްތާންގެ އިގްތިސާދު ރަނގަޅުވުމުގެ އަލާމާތްތައް“ ފާހަގަކުރައްވާއިރު، އެގައުމުގެ އިގްތިސާދީ ހާލަތު އަދިވެސް އޮތީ ނާޒުކު ފައްތަރެއްގައެވެ.
އިންޓަރެސްޓް ދެއްކުމުން 2023 ވަނަ އަހަރު ޓެކްސް އާމްދަނީގެ %68 ބޭނުން ކުރަން ޖެހެއެވެ. މިއީ އުފެއްދުންތެރި ދާއިރާތަކަށް އިންވެސްޓް ކުރުމުގެ ގާބިލްކަން ޕާކިސްތާނަށް ހަނިވެގެންދާ ކަމެކެވެ.
އައިއެމްއެފްގެ އެސެސްމަންޓުގައި ސްޓްރަކްޗަރަލް ރިފޯމްތަކަށް ގެއްލިފައިވާ ފުރުސަތުތަކާއި ކުރު މުއްދަތުގެ ފިޔަވަޅުތަކަށް ބަރޯސާވާން ޖެހޭކަން ފާހަގަކޮށްފައިވެ އެވެ. އަދި މުހިންމު ގޮންޖެހުންތަކުގެ ތެރޭގައި ހަކަތައާ ބެހޭ ދާއިރާއިން އެދެވޭ ހެޔޮ ބަދަލެއް ނުފެނުމާއި ޖީޑީޕީގެ އެންމެ %12 އަށް އާމްދަނީން ލިބޭ ޓެކްސްގެ ނިސްބަތް ހަނިވުމާއި، ބޭރުގެ ލޮޅުންތަކަށް ނާޒުކު އެކްސްޕޯޓް ބޭސްއެއް އޮތުމަކީ ފާހަގަ ކުރެވޭ މައްސަލަތަކެވެ.
ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ޕާކިސްތާނުން ވަގުތީ ހައްލުތަކުން ކުރިއަށް ގޮސް، އެކްސްޕޯޓް ސިންދަފާތު ކުރުމާއި، ވިޔަފާރީގެ މާހައުލު ރަނގަޅުކުރުމާއި، ދަރަނިވެރިކަމާއި ބޭރުގެ އެހީއަށް ބަރޯސާވުމުގެ ދައުރުން ސަލާމަތްވުމަށް ޓެކްސްގެ އަސާސް ފުޅާކޮށް ފުރިހަމަ އިގްތިސާދީ އިސްލާހުތައް ތަންފީޒުކުރަން ޖެހެ އެވެ.
އެންމެ ފަހުން ހޯދާފައިވާ 7 ބިލިއަން ޑޮލަރުގެ އައިއެމްއެފް ބެއިލްއައުޓަކީ ޕާކިސްތާނުގެ މިފަދަ 25 ވަނަ ޕްރޮގްރާމެވެ. މިއީ ބޭރުގެ މާލީ ސަޕޯޓަށް ބަރޯސާވުމުގެ ބަދަލުގައި ދެމެހެއްޓެނިވި، ދިގު މުއްދަތުގެ އިގްތިސާދީ ހައްލުތަކެއް ބޭނުންވާކަން ހާމަކޮށްދޭ ކަމެކެވެ.






