ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސައުދީއަރަބިޔާގެ ރިޔާޒަށް ފުރާ ވަޑައިގެންފިއެވެ. މިއީ ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް، ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
މިދަަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ދަތުރުފުޅުގައި، އިސްރާއީލުގެ އިސްތިޢުމާރީ ބާރިތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ޙުތޫރާތްތެރި މައްސަލަތަކާމެދު، ސަރަޙައްދީ އިސްވާރުން ކުރައްވާ މަޝްވަރާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ސަމިޓުގައި މަޝްވަރާތައް ބިނާކުރައްވާނީ، 2023 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޛުގައި ނިންމި ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގެ ނިންމުންތަކުގެ މައްޗަށް ކަމަށް ރައީސް އޮފީހުން ވަނީ ވިދާުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ، ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރައްވަމުންނެވެ. ސަރަޙައްދީ ސުލްޙަ އާއި ޢަދާލަތަށް ގޮވާލެއްވުމުގައި އެމަނިކުފާނު ގެންގުޅުއްވާ ސާބިތުކަމަކީ، މި މައްސަލައިގައި އަނިޔާ ލިބެމުންދާ މީހުންނަށް ދިވެހިން ކުރާ ތާއީދުގެ ހެއްކެއް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ހޯމަ ދުވަހު ބާއްވާ ސަމިޓުގެ ސެޝަންގައި، ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވަވާނެއެވެ. ދިވެހި ރާއްޖޭގެ ވަފުދަށް މެހުމާންދާރީ އަދާކުރައްވަނީ ސަޢޫދީޢަރަބިއްޔާގެ ސަރުކާރުން ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.






