ރައީސް ޑރ. މުއިއްޒު ސައުދީއަށް ވަޑައިގެންފި

މުހައްމަދު އަލީ
ނޮވެމްބަރ 11, 2024

ސއުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް، ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޛަށް ވަޑައިގެންފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.

ކިންގް ޚާލިދް އިންޓަރނޭޝަނަލް އެއަރޕޯޓުން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވީ، ރިޔާޛު ސަރަޙައްދުގެ ޑެޕިއުޓީ ގަވަރނަރ، ޕްރިންސް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޢަބްދުލްޢަޒީޒެވެ.

ރައީސްގެ އަރިހުގައި މަތީ ފަންތީގެ ވަފުދެއްވެސް ސައުދީއަށް ވަޑައިގެންނެވިއެވެ. މި ދަތުރުފުޅުގައި، އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ޙުތޫރާތްތެރި މައްސަލަތަކާމެދު، ސަރަޙައްދީ އިސްވާރުން ކުރައްވާ މަޝްވަރާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ސަމިޓުގައި މަޝްވަރާތައް ބިނާކުރައްވާނީ، 2023 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޛުގައި ނިންމި ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގެ ނިންމުންތަކުގެ މައްޗަށް ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.

މިއަދު މެންދުރުފަހު، ރައީސުލްޖުމްހޫރިއްޔާ މި ސަމިޓުގައި ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައި ކަމަށް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.

މި ލިޔުމާ ގުޅޭ