އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް/ފޮޓޯ އެމްޑީޕީ

ފެނިގެންދަނީ ވެރިކަމުގެ ނިޒާމު ޚަރާބު ކުރަމުންދާ މަންޒަރު: ފައްޔާޒު

މުހައްމަދު އަލީ
ނޮވެމްބަރ 11, 2024

ދިވެހި ޖުމްހޫރިއްޔާއަށް 56 އަހަރު ފުރޭ މިދަނޑިވަޅުގައި ފެނިގެން ދަނީ ވެރިކަމުގެ ނިޒާމު ޚަރާބު ކުރަމުންދާ މަންޒަރު ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުވުމަށް އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ ޖުމްހޫރީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އަރިސްކުރައްވާ ކަމަށެވެ.

”ދިވެހި ޖުމްހޫރިއްޔާއަށް 56 އަހަރު ފުރޭ މި ދަނޑިވަޅުގައި ފެންނަމުން ދަނީ ހަމަހަމަކަމާއެކު ކުރާ ހެޔޮ ވެރިކަމެއްގެ އުންމީދު ގެއްލި ވެރިކަމުގެ ނިޒާމު ޚަރާބުކުރަމުންދާ މަންޒަރު،“ އޭނާ ވިދާޅުވެފައިވެއެވެ.

ދިވެހި ރައްޔިތުން މަގުމައްޗަށް ނުކުމެ އަމިއްލަ ބުރަ މަސައްކަތުން ހޯދި ”ހައްގުތަކާއި ބާރުތައް ނިގުޅައިގަތުމުގެ ފުރުސަތު ނުދިނުމަށް މިފަދަ ދުވަހެއްގައި އަޒުމް އާކުރަން ޖެހޭ،“ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.

މިވަގުތު ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮތް އެންމެބޮޑު ޕާޓީއަކީ އެމްޑީޕީއެވެ. އެޕާޓީން ބުނަމުން އަންނަނީ މިސަރުކާރުން ރައްޔިތުންގެ ލާބަޔަށްޓަކައި މިހާތަނަށް އެއްވެސް ކަމެއް ކޮށްދެވިފައި ނުވާކަމަށެވެ. އޭގެ ބަދަލުގައި ރައްޔިތުންނަށް ލިބެނުންދަނީ ތުރާލާއި ތަކުލީފް ކަމަށް އެޕާޓީން ދަނީ ބުނަމުންނެވެ.

 

މި ލިޔުމާ ގުޅޭ