ޕާކިސްތާނުގެ ނާޒުކު ޑިމޮކްރަސީއަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށް ސިފަ ކުރެވޭ ފިޔަވަޅެއްގައި، ބާރުގަދަ އަސްކަރީ މުއައްސަސާއިން ވަނީ އެއްވެސް ބަހުސެއް ނުވަތަ މަޝްވަރާއެއް ކުރުމަކާ ނުލައި، ރެކޯޑް މުއްދަތެއްގެ ތެރޭގައި ޕާލަމެންޓް މެދުވެރިކޮށް މައްސަލަ ބޮޑު ހަ ބިލެއް ފާސްކުރުމަށް ސަރުކާރު ކޯލިޝަނަށް ޕްރެޝަރުކޮށްފަ އެވެ.
ޕާކިސްތާނުގެ ސިފައިންގެ ތިން ބާރުގެ ވެރިންގެ ދައުރުގެ މުއްދަތު އިތުރު ކުރުމަށް ނިންމި ނިންމުމަކީ މިއިން އެއް ނިންމުމެވެ.
ސުޕީރިއަރ ކޯޓުތަކުގައި ފަނޑިޔާރުންގެ އަދަދު އިތުރުކުރުމަށް ފާސްކުރި ބިލަކީ އަނެއް ބިލެކެވެ. މި ބިލްތައް ފާސްކޮށްފައި ވަނީ، ގައުމީ މަޖިލީހުގެ ތަޅުމަށް ފޮނުވާލިތާ އެންމެ އެންމެ 24 މިނެޓުގެ ތެރޭގަ އެވެ.
މި ބިލްތަކުގެ ތެރެއިން އެންމެ މައްސަލަ ބޮޑު ބިލަކީ ސިފައިންގެ ވެރިޔާގެ ދައުރު ތިން އަހަރުން ފަސް އަހަރަށް އިތުރުކުރާ ބިލެވެ. އެ ބިލްގައި ވާގޮތުން، ސިފައިންގެ ވެރިޔާއަށް މިހާރު ދިހަ އަހަރަށް ޚިދުމަތް ކުރެވޭނެ އެވެ.
މި އާ ގާނޫނުގެ ދަށުން ސިފައިންގެ ވެރިކަމުގައި ދެ އަހަރު ހުންނެވި މިހާރުގެ ސިފައިންގެ ވެރިޔާ ޖެނެރަލް ސައިދު އާސިމް މުނީރަށް 2027 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މަގާމުގައި ހުންނެވޭނެއެވެ. އޭގެ އިތުރުން އިތުރު ފަސް އަހަރުގެ މުއްދަތަކަށް ހުރުމަށްވެސް އަދި މުއްދަތު އިތުރު ކުރުމަށްވެސް އިޚްތިޔާރު ލިބިގެންދާނެ ކަމަށެވެ. މީގެ ކުރިން ނުފެންނަ މި ފިޔަވަޅަކީ ޕާކިސްތާނުގައި އަސްކަރީ ބާރުވެރިކަން ދެމެހެއްޓުމަށް އެޅި ފިޔަވަޅެކެވެ.
ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ސިފައިންގެ ބޮޑުންގެ ދައުރު އިތުރުކުރުމަކީ ޑިފެކްޓޯ އަސްކަރީ ވެރިކަމާ ދިމާއަށް ދަތުރުކުރުމުގެ އިޝާރާތެކެވެ. އަދި އެއީ، ޑިމޮކްރެޓިކް މުއައްސަސާތަކާއި މަދަނީ ފާރަވެރިވުމަށް ބުރޫއަރާނެ ކަމަށެވެ.
މި ބަދަލުގެ ބުރަ އުފުލަން ޖެހޭނީ އިދިކޮޅު ފަރާތްތަކުންނެވެ. ޚާއްސަކޮށް އިމްރާން ޚާންގެ ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) އިން ކަމަށް ބެލެވެ އެވެ. ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އިސްކޮށް ހުންނަވައިގެން ސަރުކާރު ކޯލިޝަނުން ސިފައިންގެ ވެރިޔާގެ މުއްދަތު އިތުރުކުރުން އަވަސްކުރީ ސިޔާސީ ދެކޮޅުވެރިކަން ބޮޑުވުމާއި އާންމުންގެ ހިތްހަމަނުޖެހުން ބޮޑުވުމުން އަސްކަރީ ތާއީދު ހޯދުމަށް ސްޓްރެޓެޖިކް ފިޔަވަޅެއްގެ ގޮތުން ކަމަށް ތަހުލީލު ކުރާ ފަރާތްތަކުން ގަބޫލުކުރެ އެވެ.
މި ނިންމުމުގެ ނަތީޖާ ފެންނާނީ ދުރުރާސްތާގައެވެ. ޖެނެރަލް މުނީރުގެ ކޮންޓްރޯލް އިތުރުވުމާއެކު، ޕީޓީއައިގެ ސަޕޯޓަރުންނާ ދެކޮޅަށް ސިފައިން އަޅަމުންދާ ފިޔަވަޅުތައް ކުރިއަށް ގެންދިއުމާއި، ބޮޑެތި މުޒާހަރާތައް ހުއްޓުވުމާއި، އިމްރާން ޚާން ސިޔާސީ ގޮތުން ބާކީކޮށްފައި ބަހައްޓާނެ ކަމަށް ބެލެވެ އެވެ.
މި ހަލުވި ބަދަލާއެކު ޕާކިސްތާނުގެ ޑިމޮކްރެޓިކް ހަޔާތް، އިތުރަށް ސޮއްސާލައިގެން ހިނގައިދާނެ ކަމުގެ ބިރު އިހުސާސް ވެއެވެ.






