މާދަމާރޭ އެމްޑީޕީން އާޓިފިޝަލް ބީޗުގައި ބާއްވާ ”ފުދިއްޖެ-ފުނޑިއްޖެ“ ޖަލްސާއަށް އައުމަށް ގޮވަމުންދާ ޕިކަޕަށް ފުލުހުން ހުރަސް އަޅަމުންދާ ކަމަށް އެމްޑީޕީގެ ބައެއް މަސްދަރުތަކުން ބުނެފިއެވެ.
ސޯޝަލް މީޑިއާއިން ފެންނަ ބައެއް ވީޑިއޯތަކުން ޕިކަޕެއްގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވާތަން ފެނެއެވެ. އަދި ބައެއް އެއްޗެހި ޗެކްކޮށް ހަދާތަން ވެސް ފެނެއެވެ. އެއީ ދުއްވާ މީހާގެ ލައިންސަންސާއި ޖަލްސާ ބޭއްވުމުގެ ހުއްދަ ކަމަށް ވެސް ވެދާނެއެވެ.
މާދަމާރޭގެ ޖަލްސާއަކީ ހުއްދަ ނަގަންޖެހޭ ފަރާތްތަކުން ހުއްދަ ނަގައިގެން ބާއްވާ ޖަލްސާއެއް ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެޖަލްސާއަށް އައުމަށް ގޮވަމުންދާ ޕިކަޕް އެތައް ދިމާއަކުން ހުއްޓުވައި ހުއްދަ އޮތްތޯ ފުލުހުން ބަލަމުންދާ ކަމަށް އެމްޑީޕީން މިކަމުގައި އިސްކޮށް އުޅޭ ފަރާތްތަކުން ވަނީ ބުނެފައެވެ. އަދި މިއީ ޖެއްސުމެއްނޫންތޯ ވެސް ސުވާލުކޮށްފައިވެއެވެ. މިކަމާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
އެފަރާތްތަކުން ބުނާގޮތުގައި މި ޖަލްސާ ބާއްވަން އުޅުމުން ސަރުކާރުން ކަންބޮޑުވެގެން އުޅޭ ކަމަށެވެ. އެހެންނަމަވެސް މިއީ އެހެންޏާ ބާއްވާކަހަލަ ސިޔާސީ ޖަލްސާއެއް ކަމަށާއި އެއްވެސް ފަރާތްތަކުން ކަންބޮޑުވާން ނުޖެހޭ ކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ. މިއީ ޖަލްސާއެއް ކަމަށާއި ”ފަޔަށް ހިނިއަރައިގެން“ އުޅެންނުޖެހޭ ކަމަށް ވެސް ދަނީ ބުނަމުންނެވެ.

މާދަމާރޭގެ ޖަލްސާއަށް ތައްޔާރުވުމުގެ މަސައްކަތް އެމްޑީޕީގެ ހަރުގޭގައި މިހާރުވެސް ކުރިއަށްދާ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. މިކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި، ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ލީޑަރޝިޕްގެ އެހެން ބޭފުޅުންވެސް ގެންދަނީ ބައިވެރިވަމުންނެވެ.






