އޭޝިއާގައި އިގްތިސާދީ ދުވެލި ދައްކާލާނީ އިންޑިއާއާއި އޭޝިއާގެ ތަރައްގީވަމުން އަންނަ އެހެން އިގްތިސާދުތަކުންނެވެ. އިންޑިއާ އާއި ދެކުނު އިރުމަތީ އޭޝިއާގެ ކުރިއަރަމުން އަންނަ އިގްތިސާދުތައްކަމަށްވާ އިންޑޮނޭޝިއާ، ފިލިޕީންސް، އަދި މެލޭޝިއާ ގެ އގްތިސާދުތަކުން އޭޝިއާގެ ކުރިއެރުން ދައްކާލާނެކަމަށް މޯގަން ސްޓެންލީން ނެރުނު އާ ރިޕޯޓެއްގައި ބުނެފި އެވެ. އެ ރިޕޯޓު ބުނަނީ މި ގައުމުތައް ސެންޓަރ ސްޓޭޖަށް އަރާނެ ކަމަށެވެ. އަދި ކުރިއާ ޚިލާފަށް މި ސަރަހައްދުގެ ތަރައްގީގައި ޗައިނާގެ ޙިއްޞާ ދަށްވާނެ ކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އިންޑިއާ، އިންޑޮނޭޝިއާ، ފިލިޕީންސް، އަދި މެލޭޝިއާ އެއްކޮށްލައިގެން ބަލާއިރު 2027 ވަނަ އަހަރުގެ ނިޔަލަށް އޭޝިއާގެ ޖީޑީޕީ ތަރައްގީގެ %53 ހިއްސާކުރާނީ އެގައުމުތަކުންނެވެ. މިއީ ކޮވިޑް-19 ގެ ކުރިން %33 އޮތް ބައެކެވެ.
މިއީ އާބާދީއަށް އންނަ ބަދަލުތަކާއި، ސިޔާސަތުތަކަށް އަންނަ ބަދަލުތަކާއި، ޖިއޮޕޮލިޓިކަލް ކަންތައްތަކުގެ ސަބަބުން ކުރިމަތިވާ ތަރައްގީއެކެވެ.
އޭޝިއާގެ އިގްތިސާދު ކުރިއަރައި 1980 ވަނަ އަހަރު 2.1 ޓްރިލިއަން ޑޮލަރުން 2024 ވަނަ އަހަރު 34 ޓްރިލިއަން ޑޮލަރަށް ޖީޑީޕީ އިތުރުވެފައި ވެއެވެ. އަދި 2027 ވަނަ އަހަރު 39 ޓްރިލިއަން ޑޮލަރަށް ކުރި އަރާނެ ކަމަށް ލަފާކުރެވެ އެވެ.
އޭޝިއާ، ކުރިމަގުގައި ބޮޑެތި އިންވެސްޓްމަންޓްތައް ޝައުގުވެރިވާ މަންޒިލަކަށްވެ މި ގައުމުތައް ކުރިއެރުމުގެ މުހިއްމު އިންޖީނުތަކަކަށް ވާނެކަމަށް ރިޕޯޓްގައި ބުނެއެވެ.