ދަނޑުވެރިކަމާއި ލޯކަލް ޓޫރިޒަމްގެ ދާއިރާއިން ތޮއްޑޫ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން އިސްކަންދެއްވާނެ ކަމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އއ. ތޮއްޑޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ދަނޑުވެރިކަމާއި ލޯކަލް ޓޫރިޒަމްގެ ދާއިރާއަކީ ތޮއްޑޫ ރައްޔިތުން، ރަށުގައި ޤާއިމުވެ ތިބެގެން ވަރަށް މުރާލިކަމާއެކީގައި މަސައްކަތް ކުރަމުންދާ، ދާއިރާތަކެއް ކަމަށެވެ. އެގޮތުން ދަނޑުވެރިކަމާއި ލޯކަލް ޓޫރިޒަމަކީ ތޮއްޑޫގައި އެންމެ ދުވަސްވީ އެންމެ މުހިންމު ދާއިރާތައް ކަމުގައި ވިދާޅުވެ، އެ މަނިކުފާނު ވަނީ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި އެ ދާއިރާތަކުން ކުރިއަށް ދިއުމުގައި ސަރުކާރުން އިސްކަންދެއްވައި، މަގުފަހިކޮށްދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.
ކައުންސިލްގެ ފަރާތުން އުފައްދާފައިވާ ލޯކަލް އޮތޯރިޓީ ކުންފުންޏެއް އޮތްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނު މާލޭ ސިޓީގެ މޭޔަރަކަށް ހުންނެވިއިރު އެފަދަ ކުންފުންޏެއް އުފެއްދެވުމަށް ކުރެއްވި މަސައްކަތުގައި އޭރު ސަރުކާރުގެ ފަރާތުން ދިމާވި ގޮންޖެހުންތައް ހިއްސާކުރައްވައި، އެފަދަ ކުންފުނިތަކުގެ ކުރިއެރުމަށް މި ސަރުކާރުން ހުރަސްނާޅާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ. އެގޮތުން ރަށުގެ ރައްޔިތުުންގެ ފުދުންތެރިކަން އިތުރުކުރެއްވުމަށްޓަކައި ހިންގަވަން ބޭނުންވާ މަޝްރޫޢުތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެއީ އެ ކުންފުންޏަށް އިންވެސްޓްމަންޓް ހަމަޖައްސައިދިނުންކަމުގައި ވިޔަސް، ނުވަތަ އެހެނިހެން މަގުތަކުން މަގުފަހިކޮށްދިނުން ކަމުގައި ވިޔަސް، އެ ކުންފުންޏަށް ކަންކަން މަގުފަހިކޮށްދިނުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނުގެ ސަރުކާރުގައި ސިޔާސީ ވިސްނުމެއް ނުގެންގުޅުއްވައި، ހަމަހަމަކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. އެ ގޮތުން ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ކުރާ މަސައްކަތުގައިވެސް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށަށް ދިމާވެފައިވާ ބައެއް ކަންކަމަށް އަލިއަޅުއްވައިލައްވަމުން، ރަށުގެ މަގުތަކުގެ ހާލަތު ފާހަގަކުރައްވައި، ތޮއްޑޫގެ މަގުތައް އަންނަ އަހަރު ހެދޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އެގޮތުން 2025 ވަނަ އަހަރަށް ސަރުކާރުން ހުށައެޅުއްވި ބަޖެޓުގައި އެންމެ އިސްކަމެއް ދެއްވާފައިވާނީ ފެނާއި ނަރުދަމާ އެޅުމާއެކު ރަށުގެ މަގުހެދުން ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި ރަށުގެ ތަރައްޤީއަށްޓަކައި ވަޢުދުވެވަޑައިގެންފައިވާ ގޮތަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނިގެން ސިއްޙީ މަރުކަޒު ފުޅާކުރެވި، ޚިދުމަތްތައް އިތުރުކޮށްދެވޭނެ ކަމަށާއި، ރަށު ސްކޫލް، އެއް ދަންފަޅިއަށް ބަދަލުކޮށް، އޭލެވެލްއަށް ޖާގަ ހެދުމަށް ބޭނުންވާ ކްލާސްރޫމްތަކާއި ވަޞީލަތްތައް ގާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރިއަށްގެންދަވާނެކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ކުނި މެނޭޖްކުރަން ރީޖަންތަކަށް ބަހާލައިއިގެން، ގްރީން ޓެކްސްގެ ބޭނުން ހިއްޕަވައިގެން ކޮންސޮލިޑޭޓަޑް ގޮތެއްގައި ބެލެހެއްޓޭނެ ނިޒާމެއްގެ މަސައްކަތް، މުޅި ރާއްޖޭގައި ފައްޓަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ތޮއްޑޫގައި ޑޮލަރު އޭޓީއެމް އެއް ގާއިމުކޮށްދެއްވާނެ ކަމަށާއި، ބޭންކިންގ ޚިދުމަތްތައް ރައްޔިތުންނަށް ރަށުގައި ތިބެގެން ލިބޭނެ މަގުފަހިކޮށްދެއްވައި، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް މި ވަޞީލަތްތައް ހޯއްދަވައިދެއްވުމަށް ކުރައްވަމުންގެންދަވާ މަސައްކަތް އެ މަނިކުފާނުގެ ވާހަކަފުޅުގައި ހިއްސާ ކުރައްވާފައެވެ.
ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ތޮއްޑޫ ސިއްޙީ މަރުކަޒަށް ޒިޔާރަތް ކުރައްވައި، އެ ތަނުގެ ޙާލަތު ބައްލަވާލައްވައި، މުވައްޒަފުންނާ ބައްދަލުކުރައްވައި، އެ މަރުކަޒުގެ ހިންގުމަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުއްވާފައެވެ. އަދި އެ މަނިކުފާނު ވަނީ އެ މަރުކަޒު އިތުރަށް ތަރައްޤީ ކުރުމަށްޓަކައި މަރުކަޒަށް ބޭނުންވާ ކަންކަމުގެ މަޢުލޫމާތު ސާފުކުރައްވާފައެވެ.