އާރުޑީސީގެ ކުރީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ) ދިރިއުޅޭގެއަށް މިދިޔަ ބުރާސްފަތި ދުވަހުގެރޭ ދަންވަރު 2:00 އެހައިކަންހާއިރު ފުލުހުން ވަންވަނުމަކީ ބިރު ދެއްކުމުގެ އަމަލެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެޕާޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެޕާޓީގެ ”ގައުމީ ކައުންސިލް މެމްބަރު މޫސާ އަލީ މަނިކު (މޫކޭ) އާއި އާއިލާ ނިދާފައި ތިއްބާ ގެއަށް ވަދެ ބަލައިފާސްކޮށްފަ އެވެ. މި ހާދިސާއަކީ އިދިކޮޅު ފަރާތްތަކަށް އަމާޒުކޮށްގެން ބިރުދެއްކުމާއި އުނދަގޫކުރުމުގެ އުނދަގޫ ޓްރެންޑެއްގެ މިސާލެކެވެ.“
ސަރުކާރުން ގެންދަނީ ޑިމޮކްރެޓިކް މިނިވަންކަން ފިއްތާލުމަށް ދައުލަތުގެ މުއައްސަސާތައް ނުބައިކޮށް ބޭނުންކުރަމުން ކަމަށް ވެސް އެޕާޓީން ބުނެފައިވެއެވެ. ފަހަކަށް އައިސް މިވެރިކަމުގައި ގެންދަނީ އިދިކޮޅު މެމްބަރުންނަށް އަމާޒުކޮށްގެން މިފަދަކަންކަން ހިންގަމުން ކަމަށާއި އެކަންކަން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ގާނޫނު ތަންފީޒުކުރާ ފަރާތްތައް މެދުވެރިކޮށް އެމްޑީޕީގެ މެންބަރުންނާއި އިދިކޮޅު އެހެން މެންބަރުންގެ އަބުރު ކަތިލަމުންދަނީ މުޅިން ވެސް ސާބިތު ނުހިމެނޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.
ސަރުކާރުން ފަހަކަށް އައިސް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމުގެ މައްސަލަތަކެއް ތިލަކޮށް ފިޔަވަޅު އަޅާނޭ ކަމަށް ބުނެފައިވެއެވެ.
މިކަންކަމާ ގުޅިގެން އެމްޑީޕީން ބުނެފައިވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް މިނިވަން އިދާރާތަކުން ކުރާ ކޮރަޕްޝަންގެ ތުހުމަތުތައް ތަހުގީގު ކުރުމަށް އެޕާޓީން ފުރިހަމައަށް ތާއީދުކުރާނޭ ކަމަށެވެ. ނަމަވެސް، ސަރުކާރުގެ ސުޕަރމެޖޯރިޓީން ރައްޔިތުންގެ މަޖިލީހަށް ކޮއްޕާލި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނަށް ދާދިފަހުން ގެނައި އިސްލާހުތަކުގެ ސަބަބުން އޭސީސީގެ މިނިވަންކަމަށް ވަރަށް ބޮޑަށް ހުރަސްއެޅިފައިވާ ކަމަށެވެ. އެއީ އެ ކޮމިޝަންގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސް މުއިއްޒަށް ލިބި، ދައުލަތަށް އެ މުއައްސަސާގެ ސިޔާސީ ކޮންޓްރޯލް ފައިދާހުރި ގޮތެއްގައި ލިބި، އެ މުއައްސަސާއަކީ ރައީސްގެ ސިޔާސީ ބަދަލު ހިފުމަށް ބޭނުންކުރެވޭނެ ވަސީލަތަކަށް ބަދަލުވެގެން ގޮސްފައިވާ ކަމަށްވެސް އެމްޑީޕިން ބުނެފައިވެއެވެ.
ސަރުކާރުން މިހުރިހާ ކަމެއް ކުރަނީ ޑރ. މުއިއްޒުގެ ސަރުކާރަށް ކުރާ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކުގެ ފޯކަސް އެހެންދިމާއަކަށް އަނބުރާލަން ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
މިސަރުކާރަށް ކުރާ ތަހުމަތުތަކުގެ ތެރޭގައި އެންސްޕާ މެދުވެރިކޮށް ދައުލަތުގެ ފައިސާ ބޮޑުތަނުން ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުތަކާއި، އެޗްޑީސީ ގެ ތެރޭގައި ހިންގި ބިންތައް ވިއްކުމުގެ ޖަރީމާ ހިމެނެ އެވެ.






