ހުޅުމާލޭގައި ތަރައްގީ ކުރަމުން އަންނަ މިކްސްޑް ޔޫސް ރެޒިޑެންޝަލް ކޮމްޕްލެކްސް، ކޭ-ޕާކް ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި އެ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ އަތުގައި އެ މައްސަލައަށް ދިފާއީ ވަކީލަކު ހަމަޖައްސާނެ ތަނަވަސްކަމެއްނެތް ކަަމަށް އޭނާ ބުނެފިއެވެ.
ކުރިމިނަލް ކޯޓުގައި މިއަދު ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވައިފައެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ މަންޑޭގެ އިތުރުން ޖައިޝާން ސައީދުގެ މައްޗަށެވެ. މަމްދޫހުގެ މައްޗަށް 104 ދައުވާއެއް ވަނީ ކޮށްފައެވެ. އަދި ޖައިޝާން ސައީދުގެ މައްޗަށް 97 ދައުވާއެއް ކޮށްފައިވެއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމްއެވެ.
މި އަޑުއެހުމުގައި މަމްދޫޙު ހާޒިރުވެފައި ވަނީ ވަކީލަކާ ނުލައެވެ. އެކަމާމެދު ގާޒީ ސުވާލު ކުރެއްވުމުން މަމްދޫޙު ބުނީ، އޭނާގެ ވަކީލުން މައްސަލައިން ވަކިވެފައިވާ ކަމަށާއި، މައްސަލައިގައި ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއެކު ކަމަށެވެ. ނަމަވެސް މި އަޑުއެހުމަށް ވަކީލަކާ ނުލައި ހާޒިރުވީ ވަކީލަކު އައްޔަނު ކުރުމުގެ ތަނަވަސްކަމެއް ނެތުމުންކަމަށްވެސް މަމްދޫހު ފާހަގަކުރިއެވެ.
ވަކީލަކު އައްޔަނު ކުރުމުގެ މަސައްކަތް އޭނާގެ އާއިލާއިން ކުރަމުންދާކަމަށްވެސް މަމްދޫހު ވިދާޅުވިއެވެ.
މައްސަލަ ބައްލަވާ ގާޒީ ވަނީ މަމްދޫޙުގެ އެދުމުގެ މަތިން އޭނާއަށް ވަކީލަކު އައްޔަނު ކުރުމަށް އިތުރު ފުރުސަތެއް ދެއްވާފައެވެ.
އޭގެ އިތުރުން، މި އަޑުއެހުމުގައި ދުރާލާ ޗިޓް ފޮނުވިފައިވާ ކަމަށާއި، އެހެންކަމުން ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތުވެސް ދެވިފައިވާ ކަން ގާޒީ ފާހަގަ ކުރެއްވިއެވެ.
ހަމައެއާއެކު، ޝަރީއަތް ކުރިއަށް ގެންދަން ދަތިވާގޮތަށް މަމްދޫޙު އަމަލުކުރަމުންދާކަމަށް ފާހަގަ ކުރެވޭކަމަށްވެސް ގާޒީ ވިދާޅުވިއެވެ. ގާޒީ ވަނީ އެކަން އެގޮތަށް ނުކުރުމަށް އިރުޝާދު ދެއްވާފައެވެ.
މި އަޑުއެހުމަކީ މި މައްސަލައިގެ އިފްތިތާހީ ބަޔާން ހުށަހަޅައި، ޝަރީއަތް ފެށުމަށް ބޭއްވި އަޑުއެހުމެކެވެ. އެންމެ ފުރަތަމަ ދައުލަތުން ވަނީ އިފްތިތާޙީ ބަޔާން އިއްވާފައެވެ. އެއަށްފަހު ޖައިޝާންގެ ފަރާތުންވެސް އިފްތިތާހީ ބަޔާން އިއްވާފައިވެއެވެ.
ދެން އޮންނާނީ މި މައްސަލައިގެ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ހަތް ހެއްކެއްގެ ހެކިބަސް ނެގުމަށް މަސައްކަތް ކުރައްވާނެކަން ގާޒީ ފާހަގަ ކުރެއްވިއެވެ.






