އަމިއްލަ ކުންފުންޏަަކަށް 648،000 ރުފިޔާ ދައްކަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ބިޒް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން އާރުޑީސީ އަށް ދީފައިވާ ހިދުަތްތަކާ ގުޅިގެން ލިބެންޖެހޭ ފައިސާ ހޯދުމަށް ހުށަހެޅި އިންވޮއިސްތަކަށް ފައިސާ ނުދައްކައިގެން އާރުޑީސީގެ މައްޗަށް ބިޒް އިން ސިވިލްކޯޓަށް ހުށަހެޅި މައްސަލައެކެވެ.
ދައުވާގެ ބަޔަކަށް އެއްބަސްވާ ފޯމުން، މިދިޔަ ނޮވެމްބަރުގެ 28 ވަނަ ދުވަހު އާރުޑީސީ އިން ވަނީ މި ދައުވާގެ ބަޔަކަށް އެއްބަސްވާކަމަށް ފޯނު ހުށަހަޅައިފައެވެ.
މި ފޯމުގައި ބިޒް އިން ހޯދަން އެދިފައިވާ ފައިސާގެ ތެރެއިން، ހިދުމަތުގެ އަގުގެ ގޮތުގައި ހޯދަން އެދިފައިވާ 648،000 ރުފިޔާއަކީ ދައްކަންޖެހޭ ފައިސާއެއް ކަމަށް އާރުޑީސީން އެއްބަސްވިއެވެ. ނަމަވެސް ޝަރީއަތުގެ ހަރަދާއި، ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދުމަށް އެދިފައިވާ ފައިސާގެ ބަޔަށް އިންކާރު ކުރިއެވެ.
ޝަރީއަތުގެ ހަރަދުގެ ގޮތުގައި ހޯދުމަށް ބިޒް އިން އެދިފައިވަނީ 45،000 ރުފިޔާއެވެ.
އާރުޑީސީން ބުނެފައިވަނީ އެއީ އެކަށީގެންވާ ވަރަށްވުރެން ބޮޑު އަދަދެއް ކަމަށެވެ. އަދި އެ އަދަދަށް އިންކަރުކޮށް، އެއީ މާ ބޮޑު މިންވަރެއް ކަަމަށް ކަނޑައަޅައި ދެއްވައި، އެ އަދަދު ދައްކަން ނުޖެހޭ ކަމަށް ކަނޑައަޅައި ދިނުމަށްވެސް އާރުޑީސީން ކޯޓުގައި އެދުނެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ، ޝަރީއަތުގެ ހަރަދުގެ ގޮތުގައި ބިޒް އިން ހޯދުމަށް އެދިފައިވާ 45،000 އަކީ ނަގައިދެވޭނެ ފައިސާއެއްކަން، ހުށަހަޅާފައިވާ ހުށަހެޅުންތަކުން ސާބިތު ނުވާކަމަށް ކަނޑައަޅާ ކަމަށެވެ. އަދި ބިޒް އިން ހޯދުމަށް އެދިފައިވާ 648،000 ރުފިޔާއަކީ އާރުޑީސީން އއެފަރާތައް ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، ބިޒް އަށް އެފައިސާ ލިބިދިނުމުގެ ގޮތުން، 15 ދުވަހުގެ ތެރޭގައި އެފައިސާ ސިވިލްކޯޓަށް ދައްކައި ހަލާސް ކުރުމަށް އާރުޑިސީއަށް ވަނީ ހުކުމްކޮށްފައެވެ.






