މިމަހު އެއްވަނަ ދުވަހު ބުރިޖު ހައިވޭގައި އެކްސިޑެންޓުވި މީހާ ވެއްޓިފައިފައި އޮއްވާ އޭނާގެ ގައިމަތީން ބާރު ސްޕީޑުގައި ސައިކަލެއް ދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެއެވެ.
މި އެކްސިޑޭންޓް ވީ ދުވަހު ފުލުހުން ބުނެފައިވަނީ އެ ރޭ 8:19 ހާއިރު ހުޅުމާލެއިން މާލެއަށް އަންނަ ލޭންގެ ސޯލާ ޕެނަލްތައް ކައިރީ މަސައްކަތް ކުރާކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ. އެ އެކްސިޑެންޓުގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަނިކޮށް 9:05 ހާއިރު މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މަރުވެފައިވަނީ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށެވެ.
ނަމަވެސް އިއްޔެ އާންމުވި އެ އެކްސިޑެންޓުގެ ވީޑިއޯއަކުން ފެންނަނީ ބަންގުލަދޭޝް އެ ފިރިހެން މީހާ ހައިވޭ މައްޗަށް ވެއްޓިފައި އޮތް ވަގުތު ބާރަށް ދުއްވައިފައިދިޔަ ސައިކަލެއް އޭނާގެ ހަށިގަނޑު މަތިންދާ މަންޒަރެވެ. އެއީ އެކްސިޑެންޓުވި މީހާ ވެއްޓުނު ވަގުތަށް ބަލާ ނަމަ، ގާތްގަނޑަކަށް ދެތިން ސިކުންތުގެ ތެރޭގައި ހިނގި ކަމެއްކަން ވީޑިއޯ ބެލުމުން އެނގެއެވެ.
އެކްސިޑެންޓުގައި އަނިޔާވުމުގެ ސަބަބުން ވެއްޓިފައި އޮތް މީހާގެ ގައިމަތީން ދުއްވައިފައިދިޔަ އެ ސައިކަލް މަޑުކުރާ މަންޒަރެއް ވީޑިއޯއަކުން ނުފެނެއެވެ. އެހެންނަމަވެސް ފުލުހުން މިއަދު ބުނެފައިވަނީ އެކްސިޑެންޓާ ގުޅިގެން ފަސްދޮޅަސް އަހަރުގެދިވެހި އަންހެނަކު ހައްޔަރުކޮށް ލައިސަންސް ހިފަހައްޓާފައިވާ ކަމަށެވެ. އަދި އޭނާގެ ސައިކަލް ޓޯކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ.






