ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ގެއިން ފުލުހުން ހޯދި 1.4 މިލިއަން ރުފިޔާ އަނބުރާ އޭނާއަށް ދީފިއެވެ.
ފުލުހުން މީޑިއާއަށް މިއަދު ހިއްސާކުރި މެސެޖެއްގައި ބުނީ، ގޯތި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތުގެ އެޕާޓްމަންޓް ބަލައި ފާސްކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފައިސާއާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހު، ވެރިފަރާތަށް ފައިސާތައް އަނބުރާ ދީފައިވާ ކަމަށެވެ.
”ބިންވެރިޔާ“ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލައާ ގުޅިގެން ފުލުހުން ހިންގަމުން އަންނަ ތަހުގީގުގެ ތެރެއިން ފަޒުލް ދިރިއުޅޭ މ. ޒޭވަރު ފުލުހުން ވަނީ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގެ ރޭގަނޑު ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައެވެ. ފުލުހުން ވަނީ އެ ގެ ފާސްކޮށް 1.4 މިލިއަން ރުފިޔާ ގެންގޮސްފައެވެ.
އެ ފައިސާގެ މައްސަލަ ފެންމަތިވެފައި ވަނިކޮށް ރިލެކްސް ފެރީ ސާވިސް އިން ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އެ ފެރީ ސާވިސްގެ ފަރާތުން 2022 ވަނަ އަހަރު ފަޒުލްގެ ކުންފުންޏާ ހަވާލުކޮށްގެން ލޯންޗެއް ބަނދެފައިވާނެ ކަމަށެވެ.
”އަދި ފަޒުލް ކުންފުނިން ބަން ލޯންޗްގެ ފެންވަރު ރަނގަޅުކަމުން އިތުރު ލޯންޗެއް ބަނުމަށްޓަކައި 2024 ވަނަ އަހަރުގެ ކުރީކޮޅު މަޝްވަރާ ކުރެވި، ނިމިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ފަޒުލްއަށް 1.4 މިލިއަން ރުފިޔާގެ ނަގުދުފައިސާ ދީފައިވާނެއެވެ،“ ރިލެކްސް ފެރީ ސާވިސް އިން ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވެއެވެ.
ފަޒުލް ވަނީ ރިލެކްސް ފެރީން މިގޮތަށް ބުނެފައިވާ ޕޯސްޓް، އޭނާގެ ފޭސްބުކް އެކައުންޓުން ޝެއާ ވެސް ކޮށްފައެވެ. ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.
ފުލުހުން ކުރިން ވަނީ ފަޒުލްގެ ގެ ފާސްކޮށް، ތަހުގީގުގެ ބޭނުމަށް ބައެއް އިލެކްޓްރޯނިކް ސާމާނު ހިމެނޭ ގޮތުން ބައެއް ތަކެތި ގެންގޮސްފައިވާ ކަމަށްވެސް ބުނެފައެވެ. ނަމަވެސް އިތުރަށް މި މައްސަލައިގައި މިހާތަނަށް ފުލުހުން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އަމުރަކަށް ފުލުހުންނާއި އޭސީސީން ގުޅިގެން އަންނަނީ ތަހުގީގެއް ކުރަމުންނެވެ. އެ ތަހުގީގު ކުރިއަށް ދަނިކޮށް، ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އޭގެ ފަހުން އޭނާގެ ޕާސްޕޯޓު ވަނީ ހިފަހައްޓައިފައެވެ.






