ޕަހަލްގަމްގައި ޓެރަރިސްޓުން ހިންގި ގަތުލުއާންމާއި ގުޅިގެން އިންޑިއާއިން ވަނީ އިންޑަސް ވޯޓާސް ޓްރީޓީ (އައިޑަބްލިއުޓީ) އަށް އަމަލު ކުރުން ހުއްޓާލާފައެވެ. މިކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ހަނގުރާމައަށްފަހު، 1960 ވަނަ އަހަރު ދެގައުމުން އެއްބަސްވެފައިވާ މުއާހަދާގައި ސަސްޕެންޝަން ކުރުމަށް ޝަރުތުތަކެއް ނޫނީ މާއްދާތަކެއް ހިމަނާފައެއް ނުވެއެވެ. އަދި މި މުއާހަދާ ސަސްޕެންޑް ކުރުމުގެ ފިޔަވަޅަކީ ރިސްކު ބޮޑު ކަމެއް ކަމަށެވެ.
އިންޑިއާއިން އެޅި ފިޔަވަޅަށް ސަޕޯޓު ކުރާ ފަރާތްތަކުން ބުނަނީމި މުއާހަދާ އެކުލަވާލާފައި ވަނީ މުޅިން އެހެން ހާލަތެއްގައި ދުނިޔެއާ ސަރަހައްދު އޮތް އިރު ކަމަށާއި މިހާރު ހާލަތު ބަދަލުވެ އިންޑިއާވެސް ބަދަލު ވެފައިވާ ކަމަށެވެ. އަދި އިންޑިއާގެ ސަރަހައްދުން ވުޖޫދުވާ ކޯރުތަކުގެ ފެނމުގެ ބޮޑު ބައެއް ޕާކިސްތާނަށް ދިނުމުގެ ބަދަލުގައި އެންމެ ރަނގަޅުވާނީ މުޅި މުއާހަދާ އެއްކޮށް އުވާލުން ކަމަށް އެފަރާތްތަކުން ދެކެއެވެ.
1960 ވަނަ އަހަރު ސޮއިކުރި އިންޑުސް ކޯރުގެ ފެން ހިއްސާ ކުރުމާ ބެހޭ މުއހަދާއިން އިންޑިއާއަށް ސުޓްލެޖް، ބީސް، އަދި ރަވީ ކޯރުތަކުގެ ކޮންޓްރޯލް ދެއެވެ. އަދި ޕާކިސްތާނުން ކޮންޓްރޯލް ކުރަނީ އިންޑަސް، ޖޭލަމް، އަދި ޗޭނަބް ކޯރުތަކެވެ. އިންޑިއާއަށް ހުޅަނގު ކޯރުގެ ފެނުގެ 3.6 މިލިއަން އޭކަރު ފޫޓް ބޭނުން ކުރުމަށް ހުއްދަ ދީފައިވީ ނަމަވެސް 65 އަހަރު ތެރޭގައި އިންޑިއާއިން ބޭނުންކޮށްފައިވަނީ އެންމެ 0.2 މިލިއަން އޭކަރު ފޫޓުގެ ފެނެވެ.
ރާވީގައި ވެސް ޕާކިސްތާނަށް ފެން ދަތުރުކުރަނީ ޝާހްޕޫރު ކަނޑި ޑޭމް ފަދަ މަޝްރޫއުތައް ފުރިހަމަ ނުވުމުންނެވެ.
އިންޑިއާގެ ގާނޫނީ މާހިރުން ބުނާ ގޮތުގައި މުއްދަތެއް ނެތް ގޮތަށް އެކުލަވާލާފައިވާ މުއާހަދާތައް ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން ސަސްޕެންޑް ކުރެވޭނީ އާދަޔާ ޚިލާފް ހާލަތެއް ދިމާވެ އަދި ގައުމީ މަސްލަހަތަށް ބުރޫ އަރައިފި ކަމުގައިވާނަމަ އެވެ.
ޕާކިސްތާނާ ދެކޮޅަށް އިންޑިއާއިން އަޅާފައިވާ ފެނާ ބެހޭ ފިޔަވަޅުން ޕާކިސްތނަށް ކުރާނެ އަސަރުތައް ވަރަށް ބޮޑު ކަމަށް ލަފާ ކުރެވެއެވެ. ޕަންޖާބާއި ސިންދަކީ ކޯރުތަކުގެ ފެން އެސަރަހައްދުތަކަށް ފޯރުވައިދޭން ކެނަލްތަކަށް ބަރޯސާ ކުރާ ބައެކެވެ. އަދި ފެން ދަތިވާ ހިނދެއްގައި ސިންދާއި ޕަންޖާބު ފެނާ ހެދި ކޯޅެން ފަށާފާނެއެވެ. އަދި އެއަށް ބަލޫޗިސްތާނުންވެސް އެހަމަނުޖެހުމުގެ ތެރެއަށް ވަދެފާނެއެވެ. މިފަދަ މައްސަލަތަކާއެކު އިގްތިސާދީ ދަތިކަމެއްގައި އުޅޭ ޕާކިސްތާނަށް އިތުރު ދަތިތަކާ ކުރިމަތިލާން ޖެހިދާނެއެވެ.
އަދި މިފަދަ މާހައުލކެއް ކުރިމަތި ވެއްޖެނަމަ ޕާކިސްތާނަށް މަޝްވަރާ ކުރުމަށް މަޖުބޫރު ވާނެއެވެ. އެއިރުން މަޝްވަރާގައި އިންޑިއާ އިން އިންނާނީ ބާރުގަދަ މަގާމެއްގައި ކަމަށް ތަޖުރިބާ ކާރުން ދެކެއެވެ.
އެހެންވެ، މިހާރު ދެގައުމު ދެމެދުގެ މި އޮތް ހަމަނުޖެހުން އެހެން ސިފައަކަށް ދުރު ރާސްތާގައި ބަދަލު ވެގެން ދިއުމަކީވެސް އެކަށީގެންވާ ކަމެކެވެ.