އިންޑިއާގެ ކަޝްމީރުގެ ޕަހަލްގަމްގައި މި މަހުގެ 22 ވަނަ ދުވަހު ޓޫރިސްޓުންނަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި 26 މީހުން މަރުވުމާ ގުޅިގެން، އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިތުރު ވެއްޖެއެވެ. އިތުރު އައު ފިޔަވަޅުތަކާއެކު އިންޑިއާ ސަރުކާރުން ވަނީ ޕާކިސްތާނުގެ ގިނަ އަދަދެއްގެ މީޑިއާ ޗެނަލްތަކާއި ސޯޝަލް މީޑިއާ އެކައުންޓްތަކަށް އިންޑިއާއިން ނު ވަދެވޭ ގޮތަށް ބްލޮކްކުރަން ފަށާފައެވެ.
އިންޑިއާ ސަރުކާރުން މިހާތަނަށް ބްލޮކްކޮށްފައިވާ ޗެނަލްތަކުގެ ތެރޭގައި ޕާކިސްތާނުގެ މަޝްހޫރު ނޫސްތަކުގެ ޔޫޓިއުބް ޗެނަލްތައް ވެސް ހިމެނެއެވެ. އިންޑިއާއަކީ ގިނަ އަދަދަކަށް ޕާކިސްތާންގެ ސީރީޒްތައް ބަލާ މީހުން އުޅޭ ތަނެކެވެ.
މިހާރު ބްލޮކް ކޮށްފައިވާ ޗެނަލްތަކުގެ ތެރޭގައި ޑޯން، ސަމާ ޓީވީ، އާރީ ނިއުސް، ބޯލް ނިއުސް، ރަފްތާރު، ޖިއޯ ނިއުސް އަދި ސުނޯ ނިއުސްގެ ޗެނަލްތައް ހިމެނެއެވެ. އިންޑިއާ ސަރުކާރުން ބުނެފައިވަނީ މި ޗެނަލްތައް ބްލޮކްކޮށްފައިވަނީ ނަފްރަތާއި ރުޅިވެރިކަން އުފެދޭފަދަ ކޮންޓެންޓް ފޮނުވާތީއެވެ.
އިތުރު ހަރުކަށި ފިޔަވަޅެއްގެ ގޮތުގައި އިންޑިއާއިން ބުނެފައި ވަނީ މަނާކޮށްފައިވާ ޗެނަލްތަކަށް ވަންނަން މަސައްކަތްކުރާ ފަރާތްތައް ބެލެވޭނީ ގައުމީ ސަލާމަތާއި އަމަންއަމާންކަމާ ގުޅޭ ގޮތުން ސަރުކާރުން ނެރުނު އަމުރަކަށް ނުކިޔަމންތެރިވާ ބައެއް ކަމަށެވެ.
ޕްރެސް ޓްރަސްޓް އޮފް އިންޑިއާ ނިއުސް އެޖެންސީން ސަރުކާރުގެ ބަޔާނަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި މި ވަގުތަށް ޖުމްލަ 16 ޗެނަލެއް ވަނީ ބަންދުކޮށްފައެވެ. މި ޗެނަލްތައް ބަންދުކޮށްފައިވަނީ އެ ޗެނަލްތަކުން ހަރުކަށި އަދި މުޖުތަމައުގައި ހަމަނުޖެހުން އުފެދޭފަދަ ކޮންޓެންޓް ފޮނުވުމުގެ އިތުރުން، އިންޑިއާއާ ދެކޮޅަށް ދޮގު ވާހަކަތައް ފަތުރާތީ ކަމަށް ބުނެފައިވެއެވެ.






