އާޚިރަތަކީ އިންސާނާ ކޮށްފައިވާ މަސައްކަތުގެ ނަތީޖާއާއި މޭވާ ހާސިލްކުރާތަން

ޑރ. މުޙައްމަދު ޤުބާދު
ސެޕްޓެމްބަރ 13, 2024

ޝައްކެއްވެސް ނެތެވެ. މަރަކީ އިންސާނާ ދުނިޔޭގައި ދިރިއުޅުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރުމަށް ލިބިފައިވާ ފުރުސަތު ނިމުމަކަށް އަތުވެއްޖެ ކަމުގެ އެންމެ ފަހުގެ އިޢުލާނެވެ. އާޚިރަތަކީ އޭނާ ކޮށްފައިވާ މަސައްކަތުގެ ނަތީޖާއާއި މޭވާ ހާސިލްކުރާ ތަނެވެ.

މަރުވުމަށްފަހު އިންސާނާއަށް މަސައްކަތްކުރުމަށް އަލުން ފުރުސަތެއް ނުލިބޭނެއެވެ. އާޚިރަތުގެ ޙަޔާތަކީ ނިމުމެއް ނެތް އަބަދީ ޙަޔާތެކެވެ. އިންސާނާ މަރުވުމުގެ ކުރިން މި ޙަޤީޤަތް ދެނެގަތް ނަމަ ކޮންފަދަ ރަނގަޅު ހެއްޔެވެ. އެހެނީ މަރުވުމަށްފަހު މި ޙަޤީޤަތް ދެނެގަތުމަކީ އެއްވެސް ފައިދާއެއް އޮތް ކަމެއް ނޫނެވެ. އިންސާނާ މަރުވުމަށްފަހު އޭނާ ކޮށްފައިވާ ނުބައި ޢަމަލުތަކާއި ބޮޑެތި ކުށްތަކާއިމެދު ހޭވެރިވެ ކަންބޮޑުވުމުގެ މާނައަކީ އަނބުރާ އިޢާދަ ކުރެވެން ނެތް ކަންތައްތަކުގެ މައްޗަށް ދެރަވެ ހިތާމަ ކުރުމެވެ. އިންސާނާ އަކީ އޭނާއަށް އިންތިޒާރު ކުރަމުންދާ އާޚިރަތުގެ ނަތީޖާއާއި މެދު ޣާފިލުކަންމަތީ ލޯމަރައިގެން އުޅޭ މީހެކެވެ.

ދުނިޔޭގައި ކޮށްފައިވާ ދަނޑު ގޮވާމުގެ ކުރާ ކެނޑުމުގެ މޫސުމާއި ދިމާއަށް ދުވަސްތައް އޭނާ ގޮވައިގެން ވަރަށް ހަލުއި މިނެއްގައި ދަނީ ދަތުރު ކުރަމުންނެވެ. އެހެނަސް ހިތާމައަކީ އޭނާ ވަނީ ދުނިޔަވީ މަންފާތައް ހޯދައިގަތުމުގައި އަވަދިނެތިއެވެ. މިގޮތުން ކުރާ މަސައްކަތަކީ ފައިދާ ހުރި މަސައްކަތެއް ކަމުގައި ހީކުރަމުންނެވެ. އެހެނަސް ޙަޤީޤަތުގައި އެ ކުރެވޭ ކަމަކީ އަގުހުރި ވަގުތުތައް ބޭކާރު ގޮތުގައި ނަގާލުމެވެ. އޭނާގެ އަމިއްލަ ނަފުސަށްޓަކައި އުފާވެރި އުޖާލާ މުސްތަޤުބަލެއް ބިނާކުރުމަށްޓަކައި ލިބިފައިވާ އަގުހުރި ފުރުސަތެއް އޭނާގެ ކުރިމަތީ އޮތުމާއެކުގައިވެސް މެއެވެ. އެކަމަކު އޭނާއެކޭ، ބިންމަތީ އިނދެގެން ވެއްޔާ ކުޅޭ ކުޑަކުއްޖެކޭ އެއްފަދައެވެ. އޭނާގެ ވެރިރަސްކަލާނގެ އޭނާގެ އަރާމާއި ރާޙަތަށްޓަކައި ތައްޔާރު ކުރައްވާފައިވާ ސުވަރުގެއަށް ދަޢުވަތު ދެއްވަމުން ގެންދަވާއިރުވެސް މެއެވެ. އެހެނަސް ހިތާމައަކީ ކެހިވެރި އުފާތަކާއި ދޮގުވެރި އުއްމީދުތަކުގެ ކަނޑަކަށް އޭނާ ވަނީ ގެނބިފައެވެ. އެހެނަސް އޭނާ ހީކުރަނީ އޭނާގެ ޢުމުރުގެ ދުވަސްތައް ހޭދަކުރަމުން ދަނީ ފައިދާއާއި ލާބަހުރި ގޮތުގައި ކަމަށެވެ.

ޙަޤީޤަތުގައި އޭނާ ދަތުރުކުރަމުން އެދަނީ ގެއްލުމާއި ހަލާކުގެ މަގުގައެވެ. މިދުނިޔޭގައި ދިރިއުޅުމަށްޓަކައި ގެއެއް ބިނާކުރުމަށްފަހު އިންސާނާ ހީކުރަނީ އޭނާގެ ދިރިއުޅުން ގަދަފަދަ ހަރުދަނާ ބިންގަލެއްގެ މައްޗަށް ކޮޅަށް ޖަހާލެވިއްޖެ ކަމަށެވެ. ޙަޤީޤަތުގައި އޭނާ އެ ބިނާކުރަނީ، ބިނާކޮށް ނިމޭތަނުން ވެއްޓޭ ގޮތަށް ރާނާ ފާރުތަކެކެވެ. އޭ އިންސާނާއެވެ. ތިބާގެ ނަފްސު ދެނެގަންނާށެވެ. ތިބާއަށް ތިޔަ ކުރެވެނީ ކޮން ކަމެއްކަން ދެނެގަންނާށެވެ. ޙަޤީޤަތުގައި ތިބާ ކުރަންޖެހޭ ކަމަކީ ކޮބައިކަން ދެނެގަންނާށެވެ.

މި ލިޔުމާ ގުޅޭ