ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.
އެމަގާމަށް އައްޔަން ކުރެއްވީ މއ. ޔުރީކާ، ރައީސް ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަނެވެ. މި މަގާމް ހަވާލު ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަނަކީ ބައިނަލް އަގުވާމީ ތަޖުރިބާ ގިނަ ބޭފުޅެކެވެ. އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަޤާމު ފުރުއްވައިފިއެވެ. އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން ތަޢުލީމީ ދާއިރާގެ އިސް މަގާމުތަކެއްވެސް ފުރުއްވިއެވެ. އެމަނިކުފާނަކީ ޔުނިސެފުގައިވެސް އިސް މަޤާމުތަކެއްގައި ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.
ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓްގެ މަޤާމަށް ޢައްޔަނު ކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ ރައީސް ޑޮކްޓަރ މުޙައްމަދު ވަހީދު ޙަސަންއާ ބައްދަލު ކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ޑޮކްޓަރ މުހައްމަދު ވަޙީދު ޙަސަންއަކީ ވަރަށް ޤާބިލު ބޭފުޅެއްކަމުގައި ފާހަގަކުރައްވައި ރާއްޖޭގެ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމަށް ސަރުކާރާއެކު މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި އިޤްތިޞާދީ ގޮތުން ނަފާ ލިބޭނެ ކަންކަން މަގުފަހިކުރުމަށް ޤައުމުތަކާއެކު މަޝްވަރާކުރައްވައި އެރޮގުން ކާމިޔާބީ ޙާޞިލުކުރުމަށް މަސައްކަތްކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގައި ވިދާޅުވި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައިފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑޮކްޓަރ މުހައްމަދު ވަޙީދު ޙަސަން ވަނީ ސަރުކާރަށް ޚިދުމަތްކުރެއްވުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ޒިންމާ ފުރިހަމައަށް އަދާކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.
ރައީސް ޑޮކްޓަރ މުހައްމަދު ވަޙީދު ޙަސަން މި މަޤާމަށް ޢައްޔަނު ކުރައްވާފައިވަނީ މުސާރަ ލިބިވަޑައި ނުގަންނަވާ ގޮތަށް ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އެލަވަންސެއް ދެއްވާ ވާހަކައެއް ވިދާޅެއް ނުވެއެވެ.






